10 ޓަނުގެ ކާބޯތަކެތީގެ އެހީއާއެކު ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއް ރާއްޖެއަށް އައިސްފިއެވެ.
މި ކަން ހާމަކޮށް އާދިއްތަވިލޭރޭ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބަންގްލަދޭޝްގެ ސަރުކާރުން ފޮނުވާފައިވާ މި އެހީއަކީ، ދެ ޤައުމުގައި އޮތް ގާތްގުޅުމުގެ ރަމްޒެެއް ކަމަށެވެ.
މީގެއިތުރުން، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އެ ޤައުމުގެ ސަރުކާރުން ފޯރުކޮށްދިން މި އެހީތެރިކަމަށްޓަކައި އެ ޤައުމުގެ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.
ހަމައެއާއެކު ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާއަށާއި، ޚާރިޖީ ވަޒީރަަށާއި، އެއަރފޯސްގެ އިތުރުން، އެ ޤައުމުގެ ރައްޔިތުންނަށް ވެސް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެެއްވިއެވެ.
މިއަދު ގެނައި ތަކެތީގެތެރޭގައި، ބިހާއި، މުގާއި، އަލުތްވާއި، ބަރަބޮލާއި، ތޮރާ ހިމެނެއެވެ. މީގެ އިތުރުން، ކްކިންގ އޮއިލްއާއި، ކަރަލާއި، އަލަނާސިއާއި ފިޔާ ހިމެނެއެވެ.
މި އެހީގެ އިތުރުން، ބަންގްލަދޭޝްގެ އަސްކަރީ ބޯޓަކުން މީގެ ކުރިން ވެސް ވަނީ، 100 ޓަނުގެ އެހީގެ ތަކެތި ރާއްޖެއަށް ފޯރުކޮށްދީފައެވެ.
މި ބޯޓު ބަންގްލަދޭޝްއަށް ފުރުމަށް ހަމަޖެހިފައިވަނީ، މިއަދު ހެނދުނުގައެވެ. މި ގޮތުން، މި ބޯޓުގައި، ބަންގްލަދޭޝްގެ 70 މީހުން އެނބުރި ޤައުމަށް ފުރާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

