މިހާތަނަށް މަދު ރަށަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ބަޔަކު ފެނުނު ނަމަވެސް އަދިވެސް އަތޮޅުތަކުގެ ތެރެއަށް ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ހޮނިހިރު ދުވަހުގެ ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މިވަގުތު ފިޔަވަޅުތަކުގައި އިތުރަށް ހިފަހައްޓުން ވަރަށް މުހިތް ކަމަށެވެ.
ނަޒްލާ ވިދާޅުވީ ތިން ރަށަކުން ކޮވިޑް-19 ގެ ކޭސްތައް ފެނިފައިވާއިރު އެތަނުން ދެ ރަށަކީ ސީދާ މާލެއާ ގުޅިފައިވާ ކޭސްތަކެއް ކަމަށާއި އެހެން ނަމަވެސް ތިންވަނަ ރަށަށް ބަލި ދިޔަ ގޮތް އެނގިފައިނުވާ ކަމަށެވެ.
ޑރ. ނަޒްލާ އެ އިޝާރާތް ކުރެއްވި ރަށަކީ ނ. މަނަދޫއެވެ. ކޮވިޑު ޖެހިފައިވާ ބަލި މީހުން ފެނުނު ރަށްތަކުގެ ތެރެއިން މަނަދޫ ފިޔަވައި އެހެން ރަށްތަކަށް ބަލި ގޮސްފައި ވަނީ ސީދާ މާލެއިންނެވެ. މަނަދޫއިން ފުރަތަމަ ޕޮޒިޓިވްވެފައި ވަނީ އުމުރުން 80 އަހަރުގެ އަންހެނެކެވެ. އޭގެ ފަހުން އޭނާއާ ކޮންޓެކްޓްވި އިތުރު ނުވަ މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
ލޮކްޑައުންގައި އޮތް ނަމަވެސް ޒަރޫރީ ކަންކަމަށް ދަތުރުތައް ކުރެވޭ ކަމަށާއި އެހެންވީމަ މި ދަތުރުތަކުން ބަލި ފެތުރެން ކޮންމެވެސް ފުރުސަތެއް އޮންނާނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވީ ލޮކްޑައުންގެ ނަތީޖާ ފެންނަ ކަމަށާއި ނަމަވެސް އަބަދު ލޮކްޑައުންގައި ނުތިބެވޭނެ ކަމަށެވެ. އަދި ލުއި ދިނުމާމެދު ނިންމުންތަކެއް ނިންމާނީ ދުނިޔޭގެ އެކި ގައުމުތަކުން އަމަލުކުރަމުން ދާ ގޮތަށް ބެލުމަށްފަހު ކަމަށްވެސް ނަޒުލާ ވިދާޅުވި އެވެ.
”އަޅުގަނޑުމެންވެސް މި ދަނީ ބަލަމުން ލޮކްޑައުން ނިމުމަކަށް ގެންނާނީ ކޮން އިރަކުންތޯ، އެކަން ކަމަށް ވިސްނުން އެބަހުރި. ކޮންމެ ދުވަހަކުވެސް އާ ޗޭންޖަސްތައް ދަނީ އަންނަމުން“ ނަޒްލާ
ނޫސްވެރިންގެ ބައްދަލުވުމުގައި ހާލަތަށް އަންނަ ބަދަލުތަކާއި ގުޅޭ ގޮތުން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ކޮވިޑް-19އާ ގުޅިގެން އަމަލުކުރަން ޖެހޭ ނިއު ނޯމަލްގައި ވެސް ދެތިން މަހު އުޅެން ޖެހިދާނެ ކަމަށެވެ.
އަފްޒަލް ވިދާޅުވީ ލޮކްޑައުންގެ ހާލަތު އުވާލުމާ އެކު ދިރިއުޅެން ޖެހޭނީ ”ނިއު ނޯމަލް“ އެއްގައި ކަމަށެވެ. އަދި ބޮޑު ސާޖެއް ނައިސް މިކަމުން ސަލާމަތްވެވޭނީ ނިއު ނޯމަލްގައި ދެތިން މަހު ތިބެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ލޮކްޑައުން އުވާލުމާ އެކު އާއްމުން މަގުމައްޗަށް ނުކުމެ ކުރިން އުޅުނު ގޮތަށް އަމަލުތައް ބެހެއްޓުމަކީ މި ބަލީގައި ވަރަށް ބޮޑު ބިރެއް ކަން އަފްޒަލްވަނީ ފާހަގަކުރައްވާފައެވެ.ފާހަގަކުރައްވައި ވިދާޅުވީ ކަމާބެހޭ އިދާރާތަކުގެ އިރުޝާދަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ.
މާލެއިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނުމާ އެކު މިދިޔަ އޭޕްރިލް 15 ގައި މާލެ ސަރަހައްދު އެންމެ ފުރަތަމަ ލޮކްޑައުން ކުރީ 24 ގަޑިއިރަށެވެ. އޭގެ ފަހުން އެ މުއްދަތު 14 ދުވަހުން 14 ދުވަހަށް އަންނަނީ އިތުރު ކުރަމުންނެވެ.

