ދިމާވާ ބޮޑުކަމަކާއި ގުޅިގެން އިންތިޚާބެއް ނުބޭއްވޭ ކޮންމެ ފަހަރަކު، ޤާނޫނު އަސާސީ ބަދަލުކުރަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ސަންގު ޓީވީގެ ”ޚަބަރަށް ފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ މިހާރުވެސް ދުނިޔޭގެ އެކި ގައުމުތަކުގައި އިންތިޚާބުތަކާއި ޕާޓީތަކުގެ އިންތިޚާބުތައްވެސް ބާއްވަމުންދާ ކަމަށެވެ.
އިންތި ވިދާޅުވި ގޮތުގައި އެގައުމަކަށް ދިމާވެފައިވާ ކަންކަމަށް ބަލައި އެޅިފައިވާ ފިޔަވަޅުތަކާއެކު، ބައެއް ޤައުމުތަކުގައި އިންތިޚާބުތައް ބާއްވަމުންދާއިރު، ޤާނޫނޫ އަސާސީ ބަދަލުކޮށް، ޤާނޫނު އަސާސީ އާއި ކުޅެ ހަދާތަނެއް ނުފެނެއެވެ. އަދި އިންތިޚާބުތައް ފަސްކުރަމުންދަނީ ވެސް ޤާނޫނު އަސާސީގައި ބަދަލުކޮށް، ޤާނޫނު އަސާސީގައި އަތް ނުލާ ކަމަށް އިންތި ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު އޮތީ އާދައިގެ ޙާލަތެއް ނޫން ކަމަށާއި މިހާލަތުގައިވެސް ޤާނޫނު އަސާސީގައި އަތް ނުލައި އިންތިޚާބުތައް ބޭއްވޭނެ މަގެއް ހޯދަންޖެހޭ ކަމަށް އިންތި ވިދާޅުވިއެވެ. އަދި މިހާލަތުގައި ޤާނޫނު އަސާސީ އިސްލާހުކޮށް އިންތިޚާބު ބޭއްވުމާއި މެދު، އެހެން މެންބަރުންނާއިވެސް ވަރަށް ބޮޑަށް ޚިޔާލުތަފާތުވެ ބަހުސް ކުރެވިފައިވާނެ ކަމަށްވެސް އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އިއުލާން ނުކުރިޔަސް މިވަގުތު ޤައުމުގައި އޮތީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ދަންނަވަން ޖެހެނީ އާންމު ދިރިއުޅުމުގެ ހާލަތާއި މިއަދު ޤައުމުގައި އޮތް ހާލަތު އެތައް ގުނައަކުން ތަފާތުވީމާ ކަމަށް އިންތި ވިދާޅުވިއެވެ.
”ބައެއް ބޭފުޅުން އެ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތަށްވާނީ ރައީސުލްޖުމްހޫރިއްޔާ އިއުލާ ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތޭ، ވެދާނެ އެ ވިދާޅުވަނީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށް، އެހެންނަމަވެސް، މި ވަގުތު، މި ދަނޑިވަޅުގަވެސް އަޅުގަނޑުމެން މިތިބީ ކުއްލި ނުރައްކަލުގެ ހާލަތެއްގަ ނޫންތޯ، ކުރިން އަޅުގަނޑުމެން ޓީވީތަކަށް ދަނީ އެ އޮފީސްތަކަށް، މަޖިލިސް ޖަލްސާތަކަށްވެސް ދަނީ އެ ހައިބަތު ބޮޑު މަޖިލީހުގެ އިދާރާއަށް، އަޅުގަނޑުމެންގެ ދަރިން ގޮވައިގެން ކޮންމެ ދުވަހަކު ޕާކަށް ދަމެއް ނޫންތޯ، އެކަމަކު މިހާރު ޖެހިގެން ހުރި ފިހާރައަށްވެސް ދެވޭތޯ ފުލުހުންގެ ހުއްދައެއް ނުހޯދާ، މީ ކޮން ހާލަތެއްތޯ އެހެންވީމަ“ އިންތި ވިދާޅުވިއެވެ.
މީގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާއި ގުޅޭ ގޮތުން އިންތި ވިދާޅުވީ، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ބަލީގެ ހާލަތު ކޮންމެ ދުވަހަކުވެސް ބަދަލުވަމުންދާ ކަމަށާއި، އެހެންވެ އެ ވަގުތަކަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރާއި ކަމާއިގުޅުން ހުރި ފަރާތްތަކުން ކުރިއަށް ގެންދަނީ ވަރަށް ފުރިހަމަކޮށް ކަމަށެވެ.
ކޮވިޑް-19 އާއި ދުނިޔެ ކުރިމަތީ އެއްވެސް ވަރަކަށް ބަލީގެ ބާވަތާއި ފަރުވާ އެނގިގެނެއް ނޫން ކަމަށާއި ކުއްލި އަކަށް އައި ބަލިމަޑު ކަމަކަށްވުން ކަންކަން ދެނެގަންނަންވެސް ވަގުތު ނެގި ކަމަށް އިންތި ވިދާޅުވިއެވެ. އެކަމަކުވެސް ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތައް ސަރުކާރަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮއްދެމުންދާ ކަމަށް އިންތި ވިދާޅުވިއެވެ.

