ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ އިދާރާތަކަށް ”ރޭވިގެން“ ސައިބާ ހަމަލާތަކެއް ދޭތީ ފުލުހުން ތަހުގީގެއް ފަށައި، ފިޔަވަޅު އަޅަނީ!

ދައުލަތުގެ އިދާރާތަކަށް ސައިބާ އެޓޭކް ދޭ މައްސަލަ ތަހުގީގުކުރަން ފަށައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ އިދާރާތަކަށް ރޭވިގެން ސައިބާ އެޓޭކުތަކެއް ދޭތީ ދިވެހި ފުލުހުންގެ ހިދުމަތުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާނެ ކަމަށާއި އެކަމާ ގުޅިގެން ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީސޮކް) އިން މޮނިޓަރ ކުރަމުންދާ ކަންތައްތަކުގެ ތެރެއިން، ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ މުއައްސަސާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

އެގޮތުން ފޮނުވާ އީމެއިލްތައް ފަރުމާކޮށްފައި ހުންނަނީ، ބަލާބެލުމަށް އިތުބާރުކުރެވޭ ރަސްމީ އިދާރާތަކުން ނުވަތަ ދަންނަ ފަރާތްތަކުން ފޮނުވާފައި ހުންނަ ސައްހަ އީމެއިލްތަކެއްގެ ގޮތުގައި، އޮޅޭފަދަ ގޮތަކަށް ކަމަށާއި ހަމަލާދޭ ފަރާތްތަކުން އެ އީމެއިލްތަކުގައި ހިމަނާފައި ހުންނަ ނުރައްކާތެރި ލިންކުތަކާއި ފައިލްތައް ފޮނުވާފައި ހުންނަނީ ރަސްމީ އިންވިޓޭޝަނެއް، ލިޔެކިޔުންތަކެއް ނުވަތަ ފައިލް-ޝެއަރިންގ ލިންކުތަކެއްގެ ގޮތުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި، އެފަދަ ނުރައްކާތެރި ލިންކުތަކަށް ވަދެވި ނުވަތަ ފައިލްތައް ހުޅުވިއްޖެނަމަ، އެ މީހެއްގެ ޔޫޒަރނޭމް އަދި ޕާސްވޯޑް ފަދަ މުހިންމު މައުލޫމާތުތައް ހެކަރުންނަށް ލިބުމުގެ ފުރުސަތު ބޮޑެވެ. އަދި އޭގެ ސަބަބުން އިދާރާތަކުގެ ކޮމްޕިއުޓަރު ސިސްޓަމްތަކަށާއި ނެޓްވޯކަށް ހުއްދަނެތި ވަދެ، ސިސްޓަމްތައް ކޮމްޕްރޮމައިޒްވުމުގެ މަގު ފަހިވެގެންދާނެއެވެ.

އޭގެ އިތުރުން ފުލުހުން ބުނެފައިވަނީ، އެ ހާދިސާތަކުގައި ބޭނުންކޮށްފައިވާ އުކުޅުތަކާއި ވަސީލަތްތަކަށް ބަލާއިރު، ފުލުހުންގެ ސީސޮކުން ލަފާކުރާ ގޮތުގައި އެއީ ވަކި އަމާޒެއް ކަނޑައަޅައިގެން، ރޭވިގެން ކުރިއަށްގެންދާ ކެމްޕެއިނެއްގެ ބައެއްކަމަށް ބެލެވޭ ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ޚިދުމަތުގެ ސީސޮކުން ހަރަކާތްތައް ވަރަށް ގާތުން މޮނީޓާކުރަމުންދާ ކަމަށާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން، އެ ހަމަލާތަކުން ރައްކާތެރިވުމަށް ބޭނުންވާ މައުލޫމާތު ހިއްސާކޮށް، ނުރައްކާތެރި ވެބްސައިޓްތަކާއި ނެޓްވޯކްތައް ބްލޮކް ކުރުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށް ބުނެފައިވެއެވެ. އޭގެ އިތުރުން، މައްސަލައިގެ ތަހުގީގު އަދި ޓެކްނިކަލް އެނަލިސިސް މިހާރުވެސް ކުރިއަށްދާ ކަމަށް ބުނެފައިވެއެވެ.

އެފަދަ ހަމަލާތަކުން ރައްކާތެރިވުމަށް ސަމާލުކަން ދޭން ޖެހޭ ކަންކަން ފުލުހުން ހިއްސާކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ:

  • އީމެއިލްއަކާއެކު އަންނަ، ލިންކުތަކާއި އެޓޭޗްމަންޓްތައް، އެއީ ރައްކާތެރި އެއްޗެއްކަން ޔަގީން ނުކުރެވެނީސް ނުހުޅުވުން
  • ފެންނަ ފެނުމަށް ދަންނަ މީހެއް ނުވަތަ އިތުބާރުކުރެވޭ އިދާރާއަކުން ފޮނުވާފައިވާ އީމެއިލްއެއް ކަމުގައިވިޔަސް، އާދަޔާހިލާފު ކަމަކަށް އެދިފައިވާނަމަ، އެހެން ޒަރީއާއަކުން (މިސާލަކަށް ފޯނުން) ގުޅައިގެން އެއީ ސައްހަ އީމެއިލްއެއްތޯ ކަށަވަރުކުރުން
  • އީމެއިލްގައިވާ ލިންކަކަށް ފިތާލައިގެން ހުޅުވޭ ޕޭޖެއްގައި ޔޫޒަރނޭމް އަދި ޕާސްވޯޑް ފަދަ މައުލޫމާތު ނުޖެހުން
  • އީމެއިލް އަދި ރަސްމީ އެކައުންޓްތަކުގައި މަލްޓި-ފެކްޓަރ އޮތެންޓިކޭޝަން ބޭނުންކުރުން
  • ކޮމްޕިއުޓަރުގެ އޮޕަރޭޓިންގ ސިސްޓަމް އަދި ބޭނުންކުރާ އެޕްލިކޭޝަންތައް އަބަދުވެސް އަޕްޑޭޓްކޮށް ބެހެއްޓުން
  • ޝައްކުކުރެވޭ އީމެއިލްއެއް ލިބިއްޖެނަމަ، ލަސްނުކޮށް ތިޔަ އޮފީހެއްގެ އައި.ޓީ ނުވަތަ ސެކިއުރިޓީ ޓީމަށް ރިޕޯޓުކުރުން
  • ޝައްކުކުރެވޭ ފައިލެއް ނުވަތަ ލިންކެއް ހުޅުވިއްޖެނަމަ، އަމިއްލައަށް އެކަން ހައްލުކުރަން މަސައްކަތްކުރުމުގެ ބަދަލުގައި، ވަގުތުން ކޮމްޕިއުޓަރު ނެޓްވޯކުން ވަކިކޮށް (ޑިސްކަނެކްޓްކޮށް) އައި.ޓީ ޓީމުގެ އެހީތެރިކަން ހޯދުން

ރައްކާތެރިކަމުގެ އެފަދަ ފިޔަވަޅުތަކަށް ސަމާލުވުމަކީ ސައިބަރ ހަމަލާތަކުން ދިފާއުވުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅެއް ކަމަށާއި އެކަމާ ގުޅޭ ޓެކްނިކަލް އިތުރު ތަފުސީލު ސައިބަރ ޕޯޓަލް އިން ލިބެންހުންނާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: