ކޮރޯނާ ވައިރަހުގެ އަސަރެއް ނުކުރާ ރަށްތަކުގެ މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް އެދި އުމަރު ނަސީރު ސަރުކާރަށް ގޮވާލައިފިއެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށާއި، އިސްލާމިކް މިނިސްޓްރީއަށް ޓެގްކުރައްވައި، ”ޓީމް އުމަރު“ އިން މިރޭ ޢާންމުކޮށްފައިވާ ވީޑިއޯގައި ޢުމަރު ނަޞީރު ވިދާޅުވީ، ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖޭގެ ހުރިހައި ރަށެއްގެ މިސްކިތްތަކެއް ބަންދުކޮށްފައިވީ ނަމަވެސް، އޭގެތެރޭގައި ވައިރަހުގެ އަސަރު ނުކުރާ ރަށްތައް އެބަހުރިކަމަށެވެ.
މީގެ އިތުރުން އުމަރު ވިދާޅުވީ، އެ ފަދަ ރަށްރަށުގެ މިސްކިތްތަކުގައި، އެކަކު އަނެކަކާ ދޭތެރޭގައި ވަކި ދުރުމިނެއް ބަހައްޓައިގެން، ނަމާދުކުރުމުގެ ފުރުސަތު، އެ ރަށްރަށުގެ ރައްޔިތުންނަށް ލިބެންވާނެކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.
”އަޅުގަނޑުދެކޭގޮތުގައި ކޮރޯނާ ވައިރަސްގެ އެއްވެސް އަސަރެއް ނުކުރާނެ. ރާއްޖޭގެ އެތައް ރަށެއް އެބައޮތް، އެ ރަށްރަށުގެ މިސްކިތްތަކުގައި އެކަކު އަނެކަކާ ދޭތެރޭގަ ދުރުމިނެއް ބަހައްޓައިގެން ނަމާދުކުރުމުގެ ފުރުސަތު އެ ރަށްރަށުގެ ރައްޔިތުންނަށް ލިބެންވާނެ. އެހެންވީމަ އަޅުގަނޑު ސަރުކާރަށް މި ގޮވާލާނީ ކޮރޯނާ ވައިރަސްގެ އެއްވެސް އަސަރެއްނުކުރާ ރާއްޖޭގެ ރަށްރަށުގެ މިސްކިތްތަކުގަ ނަމާދުކުރުމުގެ ހުއްދަ ސަރުކާރުން ދެއްވުން“ ޢުމަރު
މި ގޮތުން، ޢުމަރު ވަނީ، ކޮރޯނާ ވައިރަހުގެ އެއްވެސް އަސަރެއްނުކުރާ ރަށްރަށުގެ މިސްކިތްތަކުގައި ނަމާދުކުރުމުގެ ހުއްދަ ދެއްވުމަށް އެދި ސަރުކާރަށް ގޮވާލައްވާފައެވެ.
ކޮރޯނާ ވައިރަހާއި ގުޅިގެން، ރާއްޖޭގެ މިސްކިތްތަކުގައި ޖަމާޢަތް ނުހެދުމަށް ސަރުކާރުން ނިންމެވީ، ވައިރަހުން ރައްކާތެރިވުމަށްޓަކައި އަޅާ ޚާއްސަ ފިޔަވަޅެއްގެ ގޮތުންނެވެ.
އެހެނީ، މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ނަމާދުކުރުމަކީ، އެކަކު އަނެކަކާއި ބައްދަލުވެއުޅުމުގެ ފުރުސަތު ފަހިވެގެންދާނެކަމެކެވެ. މި ވައިރަހުން ރައްކާތެރިވުމަށްޓަކައި، އިޖުތިމާޢީ ގައިދުރުކަން ނުވަތަ ސޯޝަލްޑިސްޓެންސިން ޚިޔާރުކުރުމަށް މީގެ ކުރިންވެސް، އަދި މިހާރުވެސް ސިއްހީ މާހިރުންދަނީ ގޮވާލަމުންނެވެ.
ނަމަވެސް ރާއްޖޭގެ ގިނަ ބަޔަކު މި އިރުޝާދުތަކަށް ބޯނުލެނބުމުގެ ސަބަބުން މިއަދު މިވަނީ ނުހަނު ބާރު ދުވެއްޔެއްގައި ވައިރަސް ފެތުރެންފަށާފައެވެ. މި ގޮތުން، މުޅި މާލޭ ސިޓީ ލޮކްޑައުންކޮށް، ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް، ވައިރަހުން ރައްކާތެރިވުމަށްޓަކައި ސަރުކާރުންދަނީ ފިޔަވަޅުތައް އަޅަމުންނެވެ.

