ރާއްޖޭގައި ތިބި އިންޑިއާގެ މީހުން އަނބުރާ ގެންދިޔުމަށް އެ ގައުމުން ފޮނުވި މަނަވަރަކުން ދިޔަ ތިން މީހަކު އެ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެ ގައުމުގެ ސަރުކާރުން ކަށަވަރުކޮށްދީފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފި އެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އިންޑިއާގެ މަނަވަރުން އެގައުމަށް އަނބުރާ ފޮނުވާލި މީހުންގެ ތެރެއިން ތިން މީހަކު ބައްޔަށް ޕޮޒިޓިވްކަން މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
ކޮވިޑާއި ގުޅިގެން، އެކި ސަރަހައްދުތަކުގައި ތިބި އިންޑިއާގެ ރައްޔިތުން އެނބުރި ގައުމަށް ގެންދިއުމަށް ހާއްސަ އޮޕަރޭޝަނެއް ”ސަމުދުރާ ސެތޫ“ ގެ ނަމުގައި އިންޑިއާ ސަރުކާރުން ވަނީ ފަށާފައެވެ. އަދި މި އޮޕަރޭޝަނުގެ ދަށުން ކަނޑުމަގުންނާއި ވައިގެ މަގުން އިންޑިއާ ރައްޔިތުން އަނބުރާ ގައުމަށް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
މިދިޔަ ހަފްތާގެ ހުކުރު ދުވަހު ގައުމަށް ފޮނުވާލި މީހުންގެ ތެރެއިން ތިން މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް އެންމެ ފުރަތަމަ ރިޕޯޓު ކުރީ އިންޑިއާގެ މީޑިއާތަކުންނެވެ. އެހެން ނަމަވެސް އޭރު އިންޑިއާގެ ސަރުކާރުން އެ ކޭސްތަކާއި ބެހޭ މައުލޫމާތު ރާއްޖެއަށް އަންގާފައިނުވެއެވެ. ތިން މީހުންގެ މައުލޫމާތު އިންޑިއާ ސަރުކާރުން ހިއްސާކޮށްފައިވުމާއި ގުޅިގެން މަބްރޫކް ވިދާޅުވީ އެ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ 14 ދުވަހުގެ ކަރަންޓީނަށް ގެންދިއުމުގެ ކުރިން ބައްޔަށް ޓެސްޓު ކުރުމުން ކަމަށެވެ.
މި ތިން މީހުންނަކީ ބައިސަން ނަމަކަށް ކިޔާ ކުންފުންޏެއްގައި މަސައްކަތް ކުރަމުން ދިޔަ މީހުންނެވެ. އަދި އެ މީހުން އައި ކޮން ރަށަކުންކަމެއް އަދި އެނގިފައި ނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ. ނަމަވެސް ކޮންޓެކްޓް ޓްރޭސިން ކުރިޔަށް ދާ ކަމަށާއި، ފާހަގަކުރެވޭ މީހުންގެ މައުލޫމާތާއި އަދި ބަލި ޖެހިފައި ހުރި ތިން މީހުންގެ މައުލޫމާތު ހިއްސާކުރެވޭނީ އެއަށްފަހު ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ވަކި އުސޫލުތަކެއްގެ ދަށުން އެ މީހުން ފުރުވާލި ނަމަވެސް ބައްޔަށް ޓެސްޓު ނުރާތީ އާއި އަދި އެކި ސަރަހައްދުތަކަށް އެ މީހުން ގެންދިއުމަށްފަހު ދެން ފުރުމުގެ އިންތިޒާމު ހަމަޖެހޭތީ އެކަމާއި ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ އެ މީހުން ފުރުވާލެވެނީ ހަމައެކަނި ވައިޓަލްސް ނެގުމަށްފަހު ކަމަށެވެ. އަދި އެ މީހުން ކޮވިޑަށް ޓެސްޓު ކުރާގޮތަށް އޮތީ، އެ ގައުމުގެ ޕޯޓުންކަމަށް މަބްރޫކް ވިދާޅުވިއެވެ. މިދިޔަ ހުކުރު ދުވަހު ވެސް ރާއްޖޭގައި ތިބި އިންޑިއާގެ 750 މީހަކު ވަނީ އެގައުމަށް ވަނީ ފުރާފައެވެ. އަދި އިންޑިއާގެ މަނަވަރުން އެގައުމުގެ 202 މީހަކު މިހަފްތާގައި ފުރުވާލާފައި ވެއެވެ. އަދި އެމީހުން ފުރުވާލައިފައިވަނީ ”އައި.އެން.އެސް މަގާ“ ނަމަކަށް ކިޔާ އިންޑިއާގެ އަސްކަރީ މަނަވަރެއްގައެވެ.
އެ މީހުން ފުރުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ވަނީ މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލްގަ އެވެ. ބަސްތަކުގައި މީހުން ފެރީ ޓާމިނަލްއަށް ގެނައުމުގެ އިންތިޒާމް ވެސް އިންޑިއާ ހައިކޮމިޝަނުން ވަނީ ހަމަޖައްސައިފަ އެވެ. މަނަވަރުގައި ދާ މީހުން، އިންޑިއާގެ ކޮޗިންގައި 14 ދުވަހަށް ކަރަންޓީނު ކުރާނެއެވެ.

