ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 އިގެ ހާލަތުގައި، ތާރީޚާއި ސަޤާފަތާއި ފަންނުވެރިކަމުގެ މުހިންމުކަން އިހުނަށްވުރެ ބޮޑަށް އިހްސާސްކުރެއްވޭ: ޔުމްނާ

މިނިސްޓަރު ޔުމްނާ~ ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިގެ މި ބިރުވެރި ދުވަސްވަރު، ތާރީޚާއި ސަޤާފަތާއި ފަންނުވެރިކަމުގެ މުހިންމުކަން އިހުނަށްވުރެ ބޮޑަށް އިހްސާސްކުރެއްވޭކަމަށް، މިނިސްޓަރު އޮފް އާޓްސް، ކަލްޗަރ އެންޑް ހެެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޔުމްނާ މިހެން ވިދާޅުވެފައި މިވަނީ، ބައިނަލްއަޤުވާމީ ދާރުލްއާސާރު ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ މެސެޖުގައެވެ. 

މިނިސްޓަރު ޔުމްނާ ވިދާޅުވީ، މި ފަދަ ދަނޑިވަޅެއްގައި ތާރީޚާއި ސަޤާފަތާއި ފަންނުވެރިކަމުގެ މުހިންމުކަން، އިހުނަށްވުރެ ބޮޑަށް އިހްސާސްކުރެއްވޭކަމަށާއި، އެހެނީ ، ތާރީޚާއި ސަޤާފަތާއި ފަންނުވެރިކަމަކީ، އެންމެން ގުޅުވައިދީ އެއްބައިވަންތަކޮށްދޭ އެއްޗެއްކަމަށެވެ.

އަދި ސިކުނޑިތައް ހުޅުވައިލަދީ، އުންމީދު ގެނުވައިދޭ އެއްޗަކަށްވުމުން ވެސް ކަމަށެވެ.

ކޮންމެ އަހަރެއްގެ ވެސް މެއިމަހުގެ 18 ވަނަ ދުވަހަކީ، ދުނިޔޭގައި ފާހަގަކުރެވެމުންދާ ބައިނަލްއަޤުވާމީ ދާރުލްއާސާރުތަކުގެ ދުވަހެވެ.

މި ދުވަހަކީ، އިންޓަރނޭޝަނަލް ކައުންސިލް އޮފް މިއުޒިއަމްސް(އައިކޮމް) ގެ ފަރާތުން ފާހަގަކުރެވެމުން އަންނަ ދުވަހެކެވެ.

“މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، މުޖުތަމަޢުތަކުގައި ދާރުލްއާސާރުތަކާއި، އާޓް ގެލަރީތަކުގެ މުހިންމު ދައުރާއި މެދު މީހުންގެ ހޭލުންތެރިކަން އިތުރުކުރުން. ދާރުލް އާސާރުތަކާއި އާޓް ގެލެރީތަކަކީ، ޢިލްމުގެ މައިދާނަށް ލޯހުޅުވައިލައިދީ، އުފެއްދުންތެރިކަން އިތުރުކޮށް، މުޖުތަމަޢުއަށް ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށްދޭ ތަންތަން. އަދި ތާރީޚާއި ސަޤާފަތާއި ފަންނުވެރިކަމުގެތެރެއިން އަފްރާދުން އެއްބައިވަންތަކުރުވާ ތަންތަން.” މިނިސްޓަރު ޔުމްނާ

https://twitter.com/yumna_maumoon/status/1262274699180093440?s=19

މި އަހަރުގެ ދާރުލްއާސާރު ދުވަހުގެ ޝިއާރަކީ، “ހަމަހަމަކަމަށްޓަކައި ދާރުލްއާސާރުތައް: ތަފާތުތަކާ އެކުވެސް ބައިވރިކުރުން” ނުވަތަ ” މިއުޒިއަމްސް ފޯރ އިކުއަލިޓީ: ޑައިވަރސިޓީ އެންޑް އިންކުލޫޝަން” މި ޝިއާރެވެ.

“މި ޝިއާރުން ބާރުއަޅަނީ ދާރުލްއާސާރުތަކާއި، އާޓްގެލެެރީތަކަކީ، މުޖުތަމަޢުގައި ހުރި ތަފާތުތަކާއެކު ވެސް، އެންމެންގެ ބަައިވެރިވުމާއެކު، އެ މުޖުތަމަޢެއްގެ ތާރީޚާއި ސަޤާފަތާއި ތަރިކައާއި ފަންނުވެރިކަން، މުޖުތަމަޢުއަށާއި، ޒިޔާރަތްކުރާ މީހުންނަށް ދައްކައިދޭ ތަންތަންކަމުގައި ހެދުމަށް. ދާރުލްއާސާރުތަކަކީ ތާރޚާއި އާދަކާދައިގެ ތަފާތުތަކާއެކު ވެސް، މީހުން އެއްބައިވަންތަކޮށް، ސުލްހަ މަސަލަސްކަން ދައްކައިދޭ ތަންތަންކަމުގައި ހަދާ،މި ފަދަ ކަންކަމަށް ޢާންމުންގެ މެދުގައި، ހޭލުންތެރިކަމާއި ލޯބި އިތުރުކުރުމަށް” މިނިސްޓަރު ޔުމްނާ

މިނިސްޓަރު ޔުމްނާ ވަނީ، މި އާލަމީ ވަބާއިން ރައްކާތެރިވުމުގެ ގޮތުން ގޭބަންދުގައި ތިބޭ މި ވަގުތަކީ، ތާރީޚާއި ސަޤާފަތް، ތަރިކައާއި ފަންނުވެރިކަމުގެ މަޢުލޫމާތު ހޯދަން ލިބިފައިވާ ފުރުސަތެއްކަމަށް ބެލުމަށް ވިދާޅުވެފައެވެ. 

މީގެ އިތުރުން މިނސްޓަރު ޔުމްނާވަނީ، ދަރިން ތަރުބިއްޔަތު ކުރުމުގައި، ސަޤާފަތާއި، ތަރިކައާއި ފަންނުވެރިކަމަށްދޭންޖެހޭ އަހަންމިއްޔަތުގެ މައްޗަށް ނަޒަރެއް ދެއްވަވާފައެވެ.

މި ގޮތުން މިނިސްޓަރު ޔުމްނާ ވިދާޅުވީ، ދަރިން ތަރުބިއްޔަތު ކުރުމުގައި، ސަޤާފަތާއި، ތަރިކައާއި ފަންނުވެރިކަމަކީ، އޭގެ ބައެއްކަމުގައި ހެދުމަށެވެ.

އަދި ދަރިންގެ ތަޢުލީމީ ބިންގާ އެޅިގެންދާއިރު، އެ ދަރިންނަކީ ކާބަފައިންގެ އާދަކާދަތަކާއި ތާރީޚާއި ސަޤާފަތުގެ މަޢުލޫމާތު ލިބި، އެއަށް ލޯބިޖެހިފައިވާ ދަރިންކަމުގައި ހެދުމަށް ވެސް، މިނިސްޓަރު ޔުމްނާ ވިދާޅުވެފައިވެއެވެ.

https://twitter.com/ArchivesMv/status/1260271441875959814?s=19

މިނިސްޓަރ ޔުމްނާ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުންނަަށާއި، ނައިބު ރައީސް ފައިޞަލް ނަސީމުގެ ދެކަނބަލުންގެ އިތުރުން،  މި ޤައުމުގެ ހުރިހައި ރައްޔިތުންނަށް ވެސް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރު ޔުމްނާ ވަނީ، އަމިއްލަ ދާރުލްއާސާރުތައް ހުޅުއްވައިގެންނާއި، އެހެނިހެން ގޮތްގޮތުން ވެސް، މި ޤައުމުގެ ސަޤާފީ ތަރިކަ ހިމާޔަތްކުރައްވައި ދެމެހެއްޓެވުމުގެ މަސައްކަތްކުރައްވާފައިވާ، އަދި ކުރައްވަމުން ގެންދަވާ ބޭފުޅުންގެ އަގުނުކުރެވޭ މިންނެތް މަސައްކަތްތައް ފާހަގަކުރައްވައި، އެ ކަންކަމަށް ޝުކުރުއަދާކުރައްވާފައެވެ.

ބަޔާން ނިންމަވައިލައްވަމުން މިނިސްޓަރު ޔުމްނާވަނީ، އަގުހުރި ދެތިން ބަސްފުޅެއް ވެސް ވިދާޅުވެފައެވެ.

“އަޅުގަނޑުގެ އިޚްލާސްތެރި ދުޢާއަކީ، ކޯވިޑް-19 އިގެ ބިރުވެރިކަމުން، މާތްﷲ މި ދިވެހި ޤައުމު ރައްކާތެރި ކުރެއްވުން. ދިވެހިންނަކީ ދިވެހިންގެ ތާރީޚާއި ސަޤާފަތުން ހިތްވަރުލިބިގަންނަ، ކަންކަމާ ކުރިމަތިލާ ބަޔަކުކަމުގައި ލެއްވުން. އަދި ދިވެހިންނަކީ، ފަންނުވެރިކަމުގެތެރެއިން އުފެއްދުންތެރި ޚިޔާލުތަކެއް ނެރޭ ބައެއްކަމުގައި ލެއްވުން”

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: