ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ޤައުމުގެ “ ޑޮމް މެނުއަލް“ އެނގިވަޑައިގަންނަވާތޯ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިތާރީޚުގެތެރެއަށް ތަހުލީލީ ދުރުމީއެއް އަޅުވައިލުމުން، މި ޤައުމުގެ މިނިވަންކަން އޭގެ އެންމެ ފުރިހަމަގޮތުގައި ދައުރުވަމުން ގޮސްފައިނުވާކަން ހާމަވެއެވެ. ތާރީޚު ވަރުގަދައަކުން ހެކިދެނީ، އެތައްފަހަރެއްގެ މަތިން މި ކުޑަކުޑަ ޤައުމުގެ މިނިވަންކަން އޮޔާލައި ގޮސްފައިވާކަމަށެވެ. މި ގޮތުން ބަލާއިރު، މި ރާއްޖެއަށް ދަހިވެތިކަމުގެ ”ކަޅި“ އަޅަމުންދިޔަ އެތައްބައެއްގެ ނަތީޖާ  ހާސިލުވެފައިވެއެވެ. އެކި ސިފަސިފައިގައެވެ. އެކި ދުވަސްވަރު މަތިން އެކި ގޮތްގޮތަށެވެ.

އެހެނަސް އެއިން ކޮންމެއިރެއްގައި ވެސް، ކޮންމެ ވެސް ދިވެއްސެއް އެ ކަމުގެތެރޭގައި އިސްރޯލެއްކުޅެފައިވެއެވެ. އެހެން ބީދައަކުން ދަންނަވާނަމަ، ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލިގެންދިޔަ ކޮންމެ ފަހަރަކު ވެސް، ކޮންމެވެސް ދިވެއްސެއްގެ ޤައްދާރުކަން އެންމެ އިސްސަފުގައި ހަރަކާތްތެރިވެފައިވެއެވެ. ޤައުމާއި ދީނުގެ ކަރާމާތް ނަގާލުމުގައި، އެ ފަދަ ދިވެހިން އަޑީގައި ތިބެގެން މަސައްކަތްކޮށްފައިވެއެވެ. 

މި ގޮތުން ދިވެހިރާއްޖޭގެ ތާރީޚުގެތެރެއަށް ފީނައިލުމުން އަޅުގަނޑުގެ އަތުގައި މި ފަހަރުޖެހުނީ، ”ޑޮމް މެނުއަލް“ ގެ ވާހަކައެވެ. ”ޑޮމް މެނުއަލް“ އޭ ދެންނެވުމުން އެއީ ބޭރު ކޮންމެވެސް ކަރައެއްގެ ނުވަތަ ވިލާތުގެ ޤައުމެއްގެ ބޭފުޅެއްކަމަށް ހީވެދާނެއެވެ. ނަމަވެސް އެހެނަކުން ނޫން އިނގޭތޯއެވެ. އެއީ ހަމަ އަޅުގަނޑުމެން ފަދަ މި ޤައުުމުގެ މައް ދިވެއްސެކެވެ. އަޅުގަނޑުމެން ފަދަ މި ޤައުމުގެ ދަރިއެކެވެ. އަދި ކީއްތަ، މި ޤައުމު އަނދިރިކޮށްލެއްވި ބަނަ ވިލާގަނޑެއްފަދަ ބޭފުޅެކެވެ.

އެއީތޯއެވެ. އެއީ މި ޤައުމުގެ މިނިވަންކަން ނަންގަވައިލެއްވުމުގައި މުހިންމު ރޯލްތަކެއް ކުޅުއްވި، ކަޅު މުޙައްމަދު ރަސްގެފާނާއި،  ބުރެކިރަނިންގެ ދަރިކަނބަލުން ކަނބާ އައިޝާ ރަނިކިލެގެފާނަށް ބޮޑުދައިތަ ވިދާޅުވާ ބޭފުޅެކެވެ. 

އައްސުލްޠާނު ޙަސަން (8ވަނަ) ސިރީ ރަންމަނި ލޯކަ މަހާރަދުން ނުވަތަ ޝިރާޒީ ޙަސަން ރަސްގެފާނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. 

ދިވެހިން އެ ބޭފުޅަކާމެދު ފަޚުރުވެރިވާ އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ އަނބިކަނބަލުން ސިއްތިމާވާ ރަނިކިލެގެފާނުގެ ދެބެންގެދެދަރި ބޭފުޅެއްމެއެވެ. 

އައްސުލްޠާން މުޙައްމަދު ސިރީ ސިންގާ ބަވަނަ މަހާރަދުންގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު ވެސް މެއެވެ. 

އެހެން ޢިބާރާތަކުން ބަޔާންކުރާނަމަ ”ޑޮމް މެނުއަލް“ އަކީ، މުސްލިމުލް ޢައްބާސުލް ހިލާލީގެ ފުތް ހިލާލީ ކަލޯއާއި، ގޯޅާވެހި ކަނބުލޮގެ ދަރިކަލުން އައްސުލްޠާން ޙަސަނުލް ހިލާލީ ސިރީ ބަވަނަ މަހާރަދުންގެ ދަރިކަލުން، އައްސުލްޠާން ޔޫސުފް (2ވަނަ) ސިރީ ލޯކަ އާނަންދަ މަހާރަދުންގެ ދަރިކަލުން، އައްސުލްޠާން ޢުމަރު (2ވަނަ) ސިރީ ލޯކަ ސުންދުރަ މަހާރަދުންގެ ދަރިކަލުން އައްސުލްޠާން މުޙައްމަދު ސިރީ ދަންމަރު ބަވަނަ މަހާރަދުން ނުވަތަ އަޅުގަނޑު އިސްވެ ދެންނެވި ކަޅު މުޙައްމަދު ރަސްގެފާނާއި،  ކޮށަލިކިލެގެ ދި ޢާއިޝާރަނިކިލެގެއަށް ލިބިވަޑައިގެންނެވި ދަރިކަލުން ޢުމަރު މާފަތްކިލެގެ ގެ ދަރިކަލުންނެވެ.

އާދޭހެވެ. މި ޤައުމު ދުށް މަޝްހޫރު 9 ވަނަ ޙަސަން ރަސްގެފާނެވެ. ކޮލީ ނަންފުޅުންނަމަ، އައްސުލްޠާން ޙަސަން ސިރީ ދިރިކުސަ ލޯކަ މަހާރަދުންނެވެ.

9 ވަނަ ޙަސަން ރަސްގެފާނު ރަސްކަމުގެ ރަސްކަމުގެ ތަޚުތަށް އިސްވެވަޑައިގަތީ، އޭނާގެ ބޭބޭފުޅު އައްސުލްޠާން މުޙައްމަދު ސިރީ ސިންގާ ބަވަނަ މަހާރަދުން ޤަތުލުކުރެއްވުމަށް ފަހުގައިކަމަށް  ”ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު“ ގައިވެއެވެ. 

ނަމަވެސް، ތާރީޚީ ޢިލްމުވެރިޔާ ނަސީމާ މުޙައްމަދު، ލިޔުއްވައިފައިވާ ”ދިވެހިރާއްޖޭގެ ރަހުންނާއި ރަނިން“ ބުނާގޮތުގައި، އެ ޒަމާނުގައި އިންޑިއާގައި ހުންނެވި ޕޯޗްގީޒުގެ ގަވަރުނަރު، މީލާދީން 1550 އަހަރުގެ ފެބްރުއަރީމަހުގެ 21 ވަނަދުވަހު، ޕޯޗުގީޒުގެ ރަސްގެފާނު ޑޮމް ޜޮއާއޮ (3 ވަނަ) އަށް ސިޓީއެއް ލިޔުއްވައިފައިވެއެވެ. 

އެ ސިޓީގައިވަނީ، ބޭބޭފުޅު އައްސުލްޠާން މުޙައްމަދު ސިރީ ސިންގާ ބަވަނަ މަހާރަދުންގެ ޤާތިލަކީ 9 ވަނަ ޙަސަން ރަސްގެފާނުގެ އަނބިކަނބަލުންކަމުގައި، ޚުދު ޙަސަން ރަސްގެފާނު، ގަވަރުނަރު އަރިހުގައި  ވިދާޅުވެފައިވާކަމަށެވެ. އެހެނަސް މި އަނބިކަނބަލުންގެ ނަންފުޅަކީ ކޮބައިކަމެއް ތާރީޚުން އަދި ހޯދިފައެއްނުވެއެވެ.

ސުއްމުވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ”ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު“ ގައި ވާގޮތުން، 09 ވަނަވަނަ ޙަސަން ރަސްގެފާނު ރަސްކަންކުރެއްވީ، މީލާދީ ސަނަތުން 1550 ވަނަ އަހަރުން ފެށިގެން، 1552 ވަނަ އަހަރާއި ހަމައަށެވެ. 

އެހެނަސް ނަސީމާ މުޙައްމަދުގެ ”ދިވެހިރާއްޖޭގެ ރަހުންނާއި ރަނިން“ ގައި މި ތާރީޚު ބަޔާންކޮށްފައިވަނީ އެހެންގޮތަކަށެވެ. ”ދިވެހިރާއްޖޭގެ ރަހުންނާއި ރަނިން“ ބުނާގޮތުން، 09 ވަނަ ޙަސަން ރަސްގެފާނު ރަސްކަންކުރެއްވީ، މީލާދީ ސަނަތުން 1550 އިން ފެށިގެން، 1551 ވަނަ އަހަރާއި ހަމައަށެވެ.

ކޮންމެއަކަސް ދިވެހި ތާރީޚުގައި ބަޔާންވެފައިވާ ފަދައިން 02 އަހަރާއި 05 މަސްދުވަހުގެ މުއްދަތެއްގައި ރަސްކަންކުރެއްވުމަށްފަހު، 09 ވަނަ ޙަސަން ރަސްގެފާނު ކޮއްޗޭއަށް ވަޑައިގެންފިއެވެ. ހަމައެއާއެކު އިސްލާމްދީން ދޫކުރައްވައި، ޣައިރުދީނަށް  ނަޞާރާދީނަށް ވަދެވަޑައިގަތުމަށް ފަހު ނަންފުޅު ބަދަލުކުރެއްވިއެވެ. ކޮން ނަމަކަށްތޯއެވެ. އާދެ އަޅުގަނޑު ކުރިން ދަންނަވަމުންއައި ”ޑޮމް މެނުއަލް“ އަށް އިނގޭތޯއެވެ. މި ގޮތުން، އެ ރަދުން އަމިއްލަފުޅަށް ނަންފުޅެއްކަމުގައި ހަމަޖެއްސެވީ ”ޑޮމް މެނުއަލް (1ވަނަ)“ އެވެ.

ނަޞާރާދީނަށް ވަދެވަޑައިގަތުމަށްފަހު، ޕޯޗުގީޒުންގެ ބޮޑުންގެތެރޭގައި ހިމެނޭ ބޭފުޅެއްކަމަށްވާ، އެއިތޯރް ޑި ސޫޒާ ޑި އަތައީޑްގެ ދަރިކަނބަލުން، ޑޯނާ ލިއަނޯރް ޑި އަތައީޑް އާއި ކައިވެނި ބައްލަވައިގަތެވެ. 

ޑޯނާ ލިއަނޯރް ޑި އަތައީޑްގެ ކައިވެނިބައްލަވައިގެން 03 ދަރިކަލުން ލިބިވަޑައިގަތެވެ. އަދި ދަރިކަނބަލުން ވެސް ލިބިވަޑައިގަތެވެ. 

އެ 03 ދަރިކަލުންނަކީ، ފްރާންސިސްކޯއާއި، ޕޭދްރޯއާއި، ޜޮއާއޮކަމަށް ނަސީމާ މުޙައްމަދު ބަޔާންކޮށްފައިވެއެވެ. އެހެނަސް ދަރިކަނބަލުންގެ ޢަދަދު ތާރީޚަކުން އެނގޭކަށްނެތެވެ. ނަމަވެސް އޭގެތެރެއިން އެއް ކަނބަލަކީ، ”ކެތަރީނާ“ ކަމުގައި،  ނަސީމާ މުޙައްމަދު ވިދާޅުވެފައިވެއެވެ.

އާދޭހެވެ. މާތްވެގެންވާ އިސްލާމްދީން ދޫކުރައްވައި ނަޞާރާދީނަށް ވަދެވަޑައިގެންނެވުމަކުން 09 ވަނަ ޙަސަން ރަސްގެފާނު ނުވަަތަ ޑޮމް މެނުއަލްގެ ހިތްޕުޅު ހަމައެއްނުޖެހުނެވެ. މި ގޮތުން، ޕޯޗުގީޒުންގެ އެހީތެރިކަމާއެކު،  ދިވެހިރާއްޖޭގެ ރަސްކަން އަލުން ހޯއްދެވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. އޭގެތެރެއިން އެއްފަހަރު ޕޯޗުގީޒުންގެ ގުރާބެއް، ދިވެހިރާއްޖެއާއި ތޮޅުމަށްޓަކައި ފޮނުއްވިއެވެ. 

އެހެނަސް ކަންވީގޮތަކީތޯއެވެ. އެ ރަދުންގެ ޕްލޭންތައް ފެއިލްވެގެންދިޔައީއެވެ. ޤުދުރަތުގެ ނިޔާ ރާއްޖެއަށް ބަލައިލީ އޯގާވެތިކަމުގެ ލޮލަކުންނެވެ. 

މި ގޮތުން އައްސުލްޠާން ޢަލީ (6 ވަނަ) ސިރީ އައުދަ ސިޔާކަ ކައްތިރި ބޮވަނަ މަހާރަދުން ނުވަތަ ދިވެހިރާއްޖޭގެ ތާރީޚުގައި މަޝްހޫރު އަލިރަސްގެފާނާއި، އިބްރާހިމް ފާށަނާކިލެގެ ގެ ފުތް އަބޫބަކުރާއި، ދެ ބަޠަލުންގެ ލީޑަރުކަމުގެދަށުގައި ހަނގުރާމައިގެ މައިދާނަށް ނިކުމެވަޑައިގެން، ވިލާތުގެ ފުށެތިކާލުން(ޕޯޗްގީޒުން) ގެ ކުރިމައްޗަށް ނިކުމެވަޑައިގަތީ ޤައުމާއި ދީނުގެ ދިފާޢުގައެވެ. ވަރުގަދަ  ސިންގާތަކެއްފަދައިން އިނގޭތޯއެވެ.  ޖޯޝާއި ފޯރި، އިޚުލާސްތެރިކަމާ އިޙުސާންތެރިކަން، ޢަޒުމާއި އުންމީދުގައި މި ލޮބުވެތި ވަޠަން ދިފާޢުކުރުމުގެ ސާފު ނިޔަތާއިގެންނެވެ. 

މި ނިޔަތުގައި ނިކުމެވަޑައިގެން، ދިވެހިންނަށް އަމާންކަން ހޯއްދަވައިދެއްވައި ”ޑޮމް މެނުއަލް“ ގެ ރޭއްވެވުން ވަޔާ ބުރުއްސުވައިލެއްވިއެވެ. ”ޑޮމް މެނުއަލް“ ގެ ލަޝްކަރު އިނދަޖައްސަވައިލެއްވިއެވެ. އިސާހިތަކު މާތްﷲގެ ރަޙުމަތްފުޅާއި އޯގާވަންތަކަމުން ދިވެހިންނަށް ނަޞްރުލިބިގެން ހިނގައްޖެއެވެ.

މިވަރުން ވެސް 09 ވަނަ ޙަސަން ރަސްގެފާނު ނުވަތަ ޑޮމް މެނުއަލް ދުލެއްނުކުރައްވައެވެ. އެއަށްވުރެ ބޮޑަށް އެ ރަދުންގެ ހިތްޕުޅުގައި އޮތީ، ލަޝްކަރުތައް ހަނގުރާމައަށް ފޮނުއްވައިގެން ރާއްޖެ ހިފުމަށެވެ. މި ގޮތުން

އަނެއްކާވެސް ފުށެތިކާލުންގެ ގުރާބެއް ދިވެހިރާއްޖެއާއި ދެކޮޅަށް ހަނގުރާމަކުރުމަށް ފޮނުއްވެވިއެވެ. ނަމަވެސް ދިވެހިން މި ފަހަރު ވެސް، ކުރިމަތިލީ ދޭތިން އެކައްޗަށެވެ. ޤައުމާއި ދީނެވެ. ނުވަތަ މި ދުނިޔެ ދޫކޮށްދަންދެން ހަނގުރާމަކުރުމަށެވެ. މީގެ ނަތީޖާއަކަށްވީ ރައްބުގެ އޯގާވަންތަކަމާއެކު، ދެވަނަ ފަހަރަށް ވެސް، ދިވެހިންނަށް ކާމިޔާބު ލިބުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: