އަތޮޅުތެރޭގައި ތިބި މާލޭ ސިޓީގެ ރަށްވެހިންގެތެރެއިން 3016 މީހަކަށް މާލެ އައުމުގެ ހުއްދަދޫކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.
މި ކަން ހާމަކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަންގާރަ ދުވަހު ޢާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައިވަނީ، ހުސްވި އޭޕްރީލްމަހުގެ 24 ވަނަ ދުވަހުން ފެށިގެން، މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް، 3016 މީހުންނަށް ހުއްދަދޫކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ހާމަވާގޮތުގައި، މާލެއައުމަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ، މި ހިނގާމަހުގެ 07 ވަނަ ދުވަހުގައެވެ. އެއީ، 277 މީހުންކަމަށް ތަފާސް ހިސާބުގައި ވެއެވެ.
މީގެ އިތުރުން، މާލެއައުމަށް އެންމެ ގިނައިން އެދިފައިވަނީ، މި މަހުގެ 04 ވަނަ ދުވަހާއި، 14 ވަނަ ދުވަހުގައެވެ. އެއީ 04 ވަނަ ދުވަހުގައި ހުއްދައަށް އެދުނު 173 މީހުންނާއި، 14 ވަނަ ދުވަހު ހުއްދައަށް އެދުނު 119 މީހުންނެވެ.
ފުލުހުން ހާމަކުރިގޮތުގައި މާލެ އަންނަން ބޭނުންވެގެން ހުއްދައަށް އެދުނު 61 އިންސައްތަ ނުވަތަ 1825 މީހުންނަކީ، އީމެއިލްގެ ޒަރީޢާއިން ހުއްދައަށް އެދިފައިވާ މީހުންނެވެ. މީގެ އިތުރުން، 39 އިންސައްތަ ނުވަތަ 1191 މީހުންނަކީ، ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދުނު މީހުންކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
މާލޭ ސިޓީގައި، ކޮވިޑް-19 ހަލުވިކަމާއެކު ފެތުރި، މާލެ ލޮކްޑައުންގެ ހާލަތަށް ގެނައުމާއި ގުޅިގެން، އަތޮޅުތެރޭގައި ދިރިއުޅޭ މީހުންގެތެރެއިން ގިނަ ޢަދަދެއްގެ މީހުން މިހާރުވެސް މާލޭ ސިޓީގައި އެބަތިއްބެވެ.
ސަރުކާރުން ހާމަކުރިގޮތުގައި، މާލޭގައި ތިބި އަތޮޅުތަކުގެ މީހުން ރަށަށް ފޮނުވައިދިނުމުގެ އިންތިޒާމު މިހާރުދަނީ ހަމަޖައްސަމުންނެވެ. މި ގޮތުން، ޖެންޑަރ މިނިސްޓްރީން ވަނީ، ރަށްރަށަށް މީހުން ގެންދިޔުމުގައި އަމަލުކުރާނެ އުސޫލެއް ކަނޑައަޅާފައެވެ. ނަމަވެސް އަތޮޅުތެރޭގައި ބަލި ފެތުރިދާނެކަމުގެ ކަންބޮޑުވުމާއެކު، ސަރުކާރުން ވަނީ، މާލޭގައި ތިބި އަތޮޅުތަކުގެ މީހުން ރަށަށް ފޮނުވުން މަޑުޖައްސާލާފައެވެ.
އެހެންނަމަ ވެސް ރަށަށްދާން ބޭނުންވާ މީހުންގެތެރެއިން، 830 މީހަކު ކަރަންޓީނަށް ފޮނުވާފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ. އަދި މީގެ އިތުރުން، މި މަހުގެ 24 ވަނަ ދުވަހުގެ ކުރިން މަދުވެގެން 1800 މީހުން ކަަަރަންޓީނުކުރާނެކަމަށް ވެސް އިމްރާނު ވިދާޅުވެފައިވެއެވެ.

