ބަލިން ރައްކާތެރިވުމަށް މަސައްކަތްކުރާ އިރު، މި ބައްޔަށް ފަހުގައި ޢާންމު ދިރިއުޅުމަށް އެނބުރި ދިއުމަށްވެސް އަޅުގަނޑުމެން ތައްޔާރުވާންޖެހޭ ކަމަށާއި، ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ރައްޔިތުނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ވާޖިބު އަދާކުރައްވަމުން ގެންދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ގައުމާއި މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ރައްޔިތުންނަށް ދަތިވާ ކޮންމެ ދަނޑިވަޅެއްގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް ވާޖިބުކަމުގައި ދެކޭ ކަމަށެވެ. އެހެން ކަމުން ދައުލަތުން އެހީ ބޭނުންވާ ކޮންމެ މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮވިޑާއި ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށް ވަގުތީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރިޔަށް ގެންދާއިރު އެ ފަރާތްތަކަށް މަހަކު 5،000 ގެ އެލަވެންސްއެއް ދޫކުރުމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. ދުނިޔެއަށް ކުރިމަތިވެފައި މިވަނީ އުނދަގޫ ދަތި ހާލެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ހާލަތުގައި ގައުމުގެ ކުރިމަގަށް އެޅޭނެ ފިޔަވަޅުތަކެއް ވެސް އެބަހުރި ކަމަށެވެ. އަދި ގައުމުގެ އިގްތިސޯދު އަލުން ފަށައިގަންނައިރު އާ ވިސްނުމެއް ގެންގުޅުން އެއީ މުހިންމުކަމެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ކަންކަން އިސްލާހު ކުރަން ލިބޭ ފުރުސަތެއްކަމުގައި ދެކި، އާއްމު ސިއްހަތަކަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަމަށެވެ. އަދި ހާއްސަކޮށް ބިދޭސީ މަސައްކަތްތެރީންގެ ދިރިއުޅުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް އިސްނަގަން ޖެހޭ ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ މި ދަތިކަމުން އަރައިގަނެ، ފަތުރުވެރިކަން އަލުން ފެށިގެންދާއިރު، ރިޒޯޓްތަކަށްވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭންޖެހޭ ކަމަށް އެމަނިކުފާނު ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ސަރުކާރުން ރިޒޯޓްތަކުގެ މިއަހަރުގެ ފަހު 6 މަސްދުވަހުގެ، ބިމު ކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށް، ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެވެސް، ކުރިއަށް އޮތް 6 މަހުގެ ބިމު ކުލި، ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ނިންމަވާފައިވާ ކަމާށެވެ. މި ލުއިތަކާއި އެކު ފިނޭންސް މިނިސްޓްރީން ކުއްޔަށް ދީފައި ހުރި އެހެން ބިންތަކުގެ ކުލިވެސް 6 މަސް ދުވަހަށް ފަސްކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ބަލިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއި އެކު، އާއްމު ދިރިއުޅުމަށް ރުޖޫއަވުމަށް ވެސް ތައްޔާރުވާންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ އިގްތިސޯދީ ދަތިކަމާއި އަދި އިޖްތިމާއީ ދަތިތަކުން އަރައިގަތުމަށް އުފައްދާފައިވާ ގައުމީ ޓާސްކްފޯސްގެ މަސައްކަތް ކުރިޔަށްދާކަން ފާހަގަކުރައްވާފައެވެ.
”މި ބަލިން ރައްކާތެރިވުމަށް މަސައްކަތްކުރާއިރު، މި ބައްޔަށް ފަހުގައި ޢާންމު ދިރިއުޅުމަށް އެނބުރި ދިޔުމަށްވެސް އަޅުގަނޑުމެން ތައްޔާރުވާންޖެހޭނެ. މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި އިޖުތިމާޢީ ދަތިތަކުން އަރައިގަތުމަށް އުފެއްދި ޤައުމީ ޓާސްކް ފޯހުގެ މަސައްކަތް މިހާރު އެބަ ކުރިއަށްދޭ“ ރައީސް ސޯލިހް
ރައީސް ވިދާޅުވީ، ކޮންމެ ފިޔަވަޅެއް ވެސް އަޅަނީ ރައްކާތެރިކަމަށްޓަކައި ކަމަށެވެ. ބޭރުގެ ބައެއް ގައުމުތަކަށް އެއްވެސް ފިޔަވަޅެއް ނޭޅި ލަސްވުމުން، ނުވަތަ ފިޔަވަޅު އެޅަން ފަހަށް މަޑުކުރުމުގެ ސަބަބުން އެ ގައުމުތަކުގެ ހާލަތު ވަރަށް ބޮޑުތަނުން ދަށްވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ހުރިހާ ފިޔަވަޅެއް ވެސް އަޅަމުން ގެންދަނީ ސިއްހީ ދާއިރާގެ ބޭފުޅުންގެ ލަފައާއި އިރުޝާދުގެ ދަށުން ކަމަށް ރައީސް ވިދާޅުވިއެވެ.

