މާލޭގެ ރައްޔިތުން ވޯޓުން ހޮވި ކައުންސިލެއް އޮއްވައި ސަރުކާރުން ގޮތް ކިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ 14 ބިމެއް ސަރުކާރުން ނެގުމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ރައީސް މުއިއްޒުއަކީ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނެއް ނޫން ކަމަށާއި އެއީ ލާމަރުކަޒީ ނިޒާމުގެ އެންމެ ބޮޑު ދުޝްމަނު ކަމަށެވެ.
ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައި ސިޓީ ކައުންސިލަށް ހެއްދެވި ގޮތުން އެކަން ސާފުވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މޭޔަރަކަށް ހުންނަވައި ބޭނުންވީ ހުރިހާ ބަާރެއް ކަމަށާއި ވެރިކަމަށް އައިސް ފަހަރަކު ބާރެއް އަތުލައްވަމުން ގޮސް މިއަދު އެ އަތުލީ ވެރި ރަށުގައި ހުރި ހުރިހާ ބިމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާލޭގެ ކަންކަން ނިންމަން މާލޭގެ ރައްޔިތުން ވޯޓުން ހޮވި ކައުންސިލެއް އޮއްވައި ސަރުކާރުން ގޮތް ކިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، ޕީއެންސީން ބޭނުންވަނީ ރައްޔިތުން އަޅުވެތިކޮށް ސަލާން ޖެހުމަށް ކަމަށާއި ރާއްޖޭގެ ތަރައްގީ ގުޅިފައިވަނީ ބާރުތައް ދޫކޮށްލުމާ ކަމަށެވެ. އަދި ބާރުތައް ދޫކޮށްލާނީ އެމްޑީޕީން ކަމަށް އޭނާ ވިދާޅުވިއެވެ.
ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލެއާއި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ ތަރައްގީގެ މަސައްކަތްކުރުމަށާއި އިންފްރާސްޓްރަކްޗާގެ ހިދުމަތް ދިނުމަށްޓަކައި ކައުންސިލުގެ ދަށުން 14 ބިމެއް ވަކިކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން ނިންމާފައިވާ ކަމަށެވެ.
ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލްތަކުގެ އިހްތިސާސްގައިވާ ބިންތައް ކެބިނެޓުގެ ނިންމުމަކުން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ މިދިޔަ މަހުއެވެ. އޭގެ އިތުރުން، ސަރުކާރުން ހިންގާ މަޝްރޫއުތަކާ އެއްވެސް ކައުންސިލަރަކު ދެކޮޅު ހެދުމަކީ މަނާ ކަމަކަށް ހަދާފައިވާއިރު، ސަރުކާރުން ކުރިއަށް ގެންދަން ނިންމާ މަޝްރޫއުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަކީ ކައުންސިލަރުންގެ މަސައްކަތުގެ ސުލޫކުގެ ތެރޭގައި ހިމެނޭ ކަމަކަށް ހަދަން ވެސް ގާނޫނު ބަދަލުކޮށްފައިވެއެވެ.

