ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅު ރަނގަޅު ނޫން ކަމަށާއި ކޮޅަށް ހުންނަވައިގެން އެ މަނިކުފާނަށް މިހާރު ނަމާދު ވެސް ނުކުރެއްވޭ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ރައީސްގެ މައްޗަށް މަނީ ލޯންޑަރިންގ ގެ މައްސަލައެއްގައި ކްރިމިނަލް ކޯޓުން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުން ކިތަންމެ ވަރަކަށް ފޮރުވަން މަސައްކަތް ކުރިޔަސް ރައީސް ޔާމީންގެ ހާލުކޮޅު ރަނގަޅެއް ނޫން ކަމަށާއި ރައީސް ޔާމީންގެ މައިބަދައިގެ މައްސަލަތަކާއި ހިތުގެ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ޔާމީނަކީ ރައީސް ނަޝީދު ފަދައިން ދޮގު ވާހަކަތަކެއް ދައްކައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު މިއަދު ހުންނެވީ ކޮޅަށްހުރެ ނަމާދު ނުކުރެވޭ ހާލުކޮޅުގައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
”ރައީސް ނަޝީދުމެން ޖަލަށް ލީމަ ވެއްޓޭހެން، މައިބަދަ ބިންދައިގެން ދިޔަކަމަށް ހަދައިގެން އެގޮތަށް މަކަރު ހީލަތް ހަދައިގެން ރައީސް ޔާމީނެއް ޝަކުވާއެއް ނުކުރައްވާނެ. އެމަނިކުފާނު އަމިއްލަފުޅަށް ކަންކަން މެނޭޖްކުރައްވަން އެނގިވަޑައިގަންނަވާނެ“ އަދުރޭ ވިދާޅުވި އެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ އަދުރޭ ވިދާޅުވި ކޮވިޑް-19ގެ ހާލަތާ ގުޅިގެން ގައިދީންނަށް ލުއި ދޭން ބޭރުގެ އެކި ޖަމިއްޔާތަކުން ގޮވާލާގޮވާލުންތަކަށް ސަރުކާރުން ތަބާނުވާ ކަމަށެވެ.
ރައީސް ޔާމީނަށް ސިއްހީ ބައެއް މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ބުނާއިރު އެމަނިކުފާނު ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް އެދު އާއިލާ އާއި އެމަނިކުފާނުގެ ގާނޫނީ ޓީމާއި އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ގޮވާލާފަ އެވެ.

