ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައިވޭ ބޭފުޅުންނަށް ދައުލަތުގެ ހަރަދުން ދެމުން އަންނަ އިނާޔަތްތައް މުރާޖަޢާ ކުރުމަށް ތާޢީދު ކުރައްވާ ކަމަށާއި އެމަސައްކަތް ރައްޔިތުންގެ މަޖިލީހުން އަވަސްކޮށްދެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އެދިވަޑައިގެންފިއެވެ.
ރައީސް މައުމޫން މި ގޮތަށް އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އެމަނިކުފާނު ފޮނުއްވި ސިޓީފުޅެއްގައެވެ.
ރައީސް މައުމޫންގެ ސިޓީފުޅުގައިވަނީ ކޯވިޑް-19 ގެ ސަބަބުން މުޅި ދުނިޔެއަށް ދިމާވެފައިވާ އިޤްތިޞާދީ ދަތި ކަމުގެ މިދުވަސްވަރު، ރާއްޖޭގެ އިޤްތިޞާދައްވެސް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ކަމަށެވެ.
އެގޮތުން ކޮވިޑް-19 ގެ ސަބަބުން ވަރަށްގިނަ ދިވެހިންގެ ވަޒީފާ ގެއްލި އަނެއްބަކު އާމްދަނީހޯދުމަށް ކުރަމުންގެންދާ މަސައްކަތްތައް ނުކުރެވުމުގެ ސަބަބުން އެފަރާތްތަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައި ކަމަށާއި އަދި ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ވެސް ވަނީ ޖެހިވަޑާއިގެންފައި ކަމަށް ރައީސް މައުމޫން ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫން ސިޓީފުޅުގައި، މި ހައްސާސް ދަނޑިވަޅުގައި ސަރުކާރުން ހުށަހަޅުއްވާފައިވާ ސިޓީގައިވާ ކަންކަން އަވަސްކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.
އެގޮތުން ކުރީގެ ރައީސުންނަށް ސަރުކާރުން ދެއްވަމުން އަންނަ އިނާޔަތްތައް މުރާޖަޢާ ކުރެއްވުމަށް ތާއީދު ކުރައްވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީ ފުޅުގައި ރައީސް މައުމޫންވަނީ ވިދާޅުވެފައެވެ.
ގާނޫނުގައިވާ ގޮތުގެ މަތިން ކުރީގެ ރައީސުންނަށް ދައުލަތުން މާލީ އިނާޔަތުގެ ގޮތުގައި މަހަކު 175،000 ރުފިޔާ ދޭން ޖެހެއެވެ. އެއީ މަހަކު 50،000 ރުފިޔާގެ މުސާރަ އާއި، ދިރިއުޅޭ ތަނުގެ ހަރަދަށް 50،000 ރުފިޔާއެވެ. އޮފީސްތައް ހިންގުމަށާ އެކު ގިނަވެގެން 175،000 ރުފިޔާ ދޭން ޖެހެ އެވެ.
ގާނޫނުގައި ބުނާ ގޮތުން އެއް ދައުރު ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ރައީސް ކަން ކުރެއްވި ބޭފުޅުންގެ ދައުލަތުން މުސާރައިގެ ގޮތުގައި ދޭން ޖެހޭނެ އަދަދަކީ 50،000 ރުފިޔާ އެވެ. އެއް ދައުރަށް ވުރެ އިތުރަށްނަމަ 75،000 ރުފިޔާ އެވެ.
ޤާނޫނުގައި ބުނާ އެއް ދައުރަށްވުރެ ގިނަ ދައުރު ފުރިހަމަ ކުރެއްވި ރައީސަކީ މައުމޫނެވެ. އަދި ކުރީގެ ރައީސުންގެ ގޮތުގައި މިހާރު ތިއްބަވާނީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދާއި، ރައީސް މުހައްމަދު ވަހީދު ހަސަން މަނިކާއި، ރައީސް އަބްދުﷲ ޔާމީނެވެ.
ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެން މަޖިލީސް ރައީސަކަށް އައްޔަންވި ހިސާބުން ނަޝީދު ވަނީ ކުރީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިނާޔަތުގެ ފައިސާއިން 85،000 ރުފިޔާ ނުނަންގަވަން ނިންމައިފަ އެވެ.

