ނ. މަނަދޫން ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވެ، މި ހަފްތާގެ ތެރޭގައި ބަލީން ރަނގަޅުވީ ކަމަށް ހާމަކުރި އުމުރުން 80 އަހަރުގެ އަންހެން މީހާ ނިޔާވެއްޖެއެވެ.
އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް އޭނާ ނިޔާވީ މިރޭގެ އިރުއޮއްސުނު ފަހުންނެވެ. އޭނާ ނިޔާވީއިރު، ކޮވިޑް-19 އިން ރަނގަޅު ވެފައިވާ ކަމަށް ހާމަކުރީ މިދިޔަ ހޯމަ ދުވަހުއެވެ.
ހާލު ސީރިއަސް ވެ، އޮކްސިޖަން ދަށް ވާން ފެށުމުން އަންހެން މީހާއަށް އައިސީޔޫގައި ފަރުވާދޭން ފެށީ ރޭގެ ވަގުތެއްގައެވެ.
ބަނޑުގައި ރިއްސާތީ އައިޖީއެމްއެޗްއަށް ދެއްކުމަށްފަހު އެ އަންހެން މީހާގެ ގައިގައި ކޮވިޑުގެ އަސަރު ހުރިކަން އެނގުނީ މި މަހުގެ 01 ވަނަ ދުވަހުއެވެ.
އޭނާއާއި ކޮންޓެކްޓުވެ ނެގުނު ސާމްޕަލްތަކުން 09 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި އާއިލާގެ މެމްބަރުންނާއި، މާލެ ދަތުރުކުރި ބޯޓުގެ ކެޕްޓަނާއި ކްރޫގެ އިތުރުން މަނަދޫގެ ހޮސްޕިޓަލުން ދެ މީހެކެވެ.
ގެއިން ބޭރަށް ނުކުމެ ނޫޅޭ، އަންހެން މީހާއަށް ކޮވިޑް ޖެހުނު ގޮތެއް އަދިވެސް ސާފުވެފައެއް ނުވެއެވެ. އަދި މަނަދޫއަށް ކޮވިޑް ދިޔަ ގޮތެއް ވެސް މިހާތަނަށް ހޯދިފައެއް ނުވެ އެވެ.
މާލެ ފިޔަވައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދެ ރަށުގެ ތެރޭގައި މަނަދޫ ހިމެނެ އެވެ.

