ކޮވިޑް-19 އިގެ ހާލަތާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކަށް ލުއިދެއްވުމުގައި އަމަލުކުރާނެ ގޮތްތަކާބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފިއެވެ.
ވީޑިއޯ ކޮންފަރެންސްގެ ޒަރީޢާއިން، މިއަދު ބޭއްވި ޖަލްސާގައި ކުރައްވާފައިވާ މަޝްވަރާތަކުގައި، ކޮވިޑްގެ ހާލަތުން، މިއަށްވުރެ ރަނގަޅު ހާލަތަކަށް ރުޖޫޢަވުމަށްޓަކައި، ހުރިހައި ވުޒާރާތަކުން ރާވާފައިވާ ކަންތައްތަކާއި، ޤައުމު އާރާސްތު ކުރެވެންހުރި ކަންތައްތަކާއި ބެހޭގޮތުން ވެސް މެންބަރުން މެދުގައި ޚިޔާލުބަދަލުކުރެއްވުނެވެ.
މީގެ އިތުރުން، ކޮވިޑް-19 ދުނިޔޭގައި ފެތުރެން ފެށި ހިސާބުން، ރާއްޖޭގައި މި ވައިރަސް ފެތުރުން މަދުކުރުމާއެކު، ފަންނީ މާހިރުންގެ ލަފާގެމަތިން ޤައުމުގެ ސަލާމަތަށް ރައީސް ޞާލިޙްގެ އިރުޝާދާއެކު އަޅަމުންގެންދާ ފިޔަވަޅުތައް މެންބަރުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުގައި ރައީސް ޞާލިޙްވަނީ، ކޮވިޑް-19 އިން ރާއްޖޭގެ ރައްޔިތުން ރައްކާތެރިކުރުމަށް ވުޒާރާތަކުން ގުޅިގެން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވާ، މެންބަރުންނަށް ޝުކުރުއަދާކުރައްވާފައެވެ.
މިއަދުގެ މި ބައްދަލުވުން ކުރިއަށްގޮސްފައިވާއިރު، ބުރާސްފަތިވިލޭރޭ ޤައުމާއި މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވަނީ، ލޮކްޑައުންގެ ހާލަތު ނިމުމުން ލުޔެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ.
”ސިއްހީ ޚިދުމަތްތެރިންގެ ލަފައާއި އެއްގޮތަށް މިހާރު އަޅާފައިވާ ފިޔަވަޅުތައް ރައްޔިތުންގެ އެއްބާރުލުމާއެކު ރަނގަޅަށް ތަންފީޒުވަމުންދާނަމަ، މާލެ ސަރަހައްދުގައި އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން ލުއިތަކެއް ދިނުމަށް މިއަންނަނީ ތައްޔާރުވަމުން.
މާލެ ސަރަހައްދުން ފުރަބަންދުގެ ހާލަތަށް ލުޔެއްދޭއިރު އެކަންކުރާނީ، ފިޔަވަހިތަކަކަށް ބަހާލައިގެން.“ ރައީސް ޞާލިޙް
މިގޮތުން އެންމެ ފުރަތަމަ ނިންމަވާފައިވަނީ، ގެއިންބޭރަށް ނިކުމެ އުޅުމަށް ލުއިތަކެއްދިނުމަށާއި، މިހާރަށްވުރެ ފަސޭހަ އިންތިޒާމުތަކަކުން ޢާންމު ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުންކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެހެން ފިޔަވަހިތަކުގައި އެއްތަނަކަށް މީހުން ޖަމާވެއުޅުމުގެ ކަންކަމަށް ލުއިތަކެއްދިނުމަށް ނިންމަވާފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
”އަދި އެހެން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ދެވޭނެ. އެ ގޮތުން މިސްކިތްތައް ހުޅުވާލާ، ހޮޓާތަކާއި ކެފޭތައް ހުޅުވުމަށާއި، ސުކޫލުތަކުގެ ކިޔަވައިދިނުން ފެށުމަށްވެސް ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަދެވޭނެ.“ ރައީސް ޞާލިޙް
ހަމައެއާއެކު ސަރުކާރުގެ އޮފީސްތަކާއި، އަމިއްލަ އޮފީސްތަކުގެ ވަޒީފާއަށް ނިކުތުމަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖެއްސޭނެކަމަށް ވެސް ރައީސްވަނީ ވިދާޅުވެފައެވެ.

