ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް އުފަންދުވަހުގެ ތަހުނިޔާ ވިދާޅުވެ އިދިކޮޅު ބައެެއް ބޭފުޅުން ކުރައްވާފައިވާ ޓްވީޓުތަކެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރީޓްވީޓު ކުރައްވައިފިއެވެ.
ރައީސް ނަޝީދު ރީޓްވީޓު ކުރައްވާފައިވަނީ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ކުރައްވާފައިވާ ޓްވީޓަކާއި، މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ކުރައްވާފައިވާ ޓްވީޓެކެވެ. މި ދެ ޓްވީޓުގައި ވެސް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައި ވެއެވެ.
ސައީދުގެ ޓްވީޓުގައި ވަނީ ޅެން ބައިތެކެވެ. ރައީސް ޔާމީން ހުންނެވީ ނުހައްގު ދައުވާއެއް ކުރެވި، ފަސް އަހަރުގެ ހުކުމެއް ތަންފީޒު ކުރެއްވުމަށް ޖަލުގައި ކަމަށް ވިދާޅުވެ ސައީދު ވަނީ ރައީސް ޔާމީނަށް އިންސާފު ނުލިބި ނުހައްގުން ޖަލުގައި ހުންނަވާ ކޮންމެ ދުވަހަކީ ދިވެހި ގައުމަށް ލިބިގެންދާ ބޮޑު ހިތާމައެއް ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޔާމީނަކީ ދިވެހި ރައްޔިތުންގެ ހާލަށް ބަދަލު ގެންނަވާ އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދެއްވި، ތާރީހު ރަންއަކުރުން ފަވާލެވޭނެ ހިދުމަތްތެރި ރައީސްއެއް ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
https://twitter.com/em_saeed/status/1263203174669844489
ރައީސް ޔާމީނަށް އެމަނިކުފާނުގެ 61 ވަނަ އުފަންދުވަހުގެ ތަހުނިޔާ ފޮނުއްވާ ޝިޔާމް ކުރެއްވި ޓްވީޓުގައި ވަނީ ޅެމެއް ހިމަނުއްވާފައެވެ.
ޝިޔާމްގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ދިވެހި މިބިމުގައި ދިރުމާއި އުންމީދެއް އޮތްކަމާއި، ރައްޔިތުންނާއި ހަމައަށް ރައްޔިތުންގެ ވެރިކަމެއް ގެނެސްދެއްވީ ރައީސް ޔާމީން ކަމަށެވެ. އަދި މިއަދު ހަނދާން ވަނީ ދިވެހިންގެ ބިމުގައި އުންމީދެއް އޮތްކަން އިހުސާސްކޮށްދެއްވި ރައީސްގެ މަތީން ކަމަށެވެ.
މި ދެ ޓްވީޓު ރީޓްވީޓު ކުރައްވާ ރައީސް ނަޝީދު އެއްވެއް އެއްޗެއް ވިދާޅުވެފައި ނުވެއެވެ. އަދި އެމަނިކުފާނު މި ޓްވީޓުތައް ރީޓްވީޓު ކުރެއްވީ ކޮން ސަބަބަކާއި ހުރެކަމެއް ވެސް ސާފެއް ނޫނެވެ.
ރައީސް ނަޝީދާއި، ރައީސް ޔާމީނަކީ ރާއްޖޭގައި ތިއްބެވި އެންމެ ވާދަވެރި ސިޔާސީ ދެ ޝަހުސިއްޔަތެވެ. އަދި އެއް ބޭފުޅަކު އަނެއް ބޭފުޅަށް ޕޯޑިއަމްތަކުގައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކޮށް ރައްދުތައް ދެއްވައެވެ.
https://twitter.com/Shiyamaldives/status/1263257091017338881
ރައީސް ޔާމީނަށް އުފަންދުވަހުގެ ތަހުނިޔާ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ފޮނުއްވާފައެވެ.
މި މަހުގެ 17 ވަނަ ދުވަހު ރައީސް ނަޝީދު ވެސް ވަނީ އެމަނިކުފާނުގެ އުފަން ދުވަސް ފާހަގަ ކުރައްވާފައެވެ. އަދި އެ ދުވަހު މުޅި ސޯޝަލް މީޑިއާ ފުރާލާފައިވަނީ އެމަނިކުފާނަށް ފޮނުވާފައިވާ ތަހުނިޔާތަކާއި އެކުއެވެ.
ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށް ބުނެ، އިދިކޮޅުން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އިދިކޮޅުން ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލާ ސިޔާސީ ހަރަކާތްތައް ބާއްވާ، ރަށްތަކަށް ކެމްޕެއިން ދަތުރުތަކެއް ކުރުމަށްފަހު އެ ހަރަކާތްތައް މެދުކަނޑާލާފައިވަނީ ކޮވިޑުގެ ނުރައްކާ ބޮޑުވުމާއި ގުޅިގެންނެވެ.
ރައީސް ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގައި އެމަނިކުފާނުގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ވަނީ ފަސް އަހަރުގެ މުއްދަތަކަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. އަދި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މީރާއަށް ދައްކަން ވެސް ހުކުމް ކޮށްފައިވެ އެވެ.
އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ހުށަހަޅާފައެވެ.
ރައީސް ޔާމީނަށް އިއްވާފައިވާ ފަސް އަހަރުގެ ހުކުމް ހައިކޯޓަށް ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފުކޮށްފައިވާއިރު، ކަފާލާތުގެ ދަށުން މިނިވަން ކުރެވެން ނެތް ކަމާއި އަދި ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ރައީސް ޔާމީންގެ ފަރާތުން ދިފާއަށް ހުށަހަޅާ އިސްތިއުނާފީ ނުކުތާތަށް ވަނީ ހުށަހަޅާ ނިމިފައެވެ. އެހެން ނަމަވެސް ކޮވިޑާއި ގުޅިގެން އެމަނިކުފާނުގެ ޝަރީއަށް މަދުޖެހިފައިވަނީ ދެ ފަރާތުން ވެސް ނުކުތާއާއި ބެހޭ ގޮތުން ވާހަކަ ދައްކާ ހުކުމަކާއި ހަމައަށް އާދެވިފައި ވަނިކޮށެވެ.

