ލޮކްޑައުންގެ އަމުރާއި ޚިލާފުވެ މަގުމައްޗަށް ނިކުމެ އުޅުނު އިތުރު 172 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރި ޓްވީޓެއްގައި މިއަދު ބުނީ، ބުރާސްފަތި ދުވަހު ލޮކްޑައުންގެ އަމުރާއި ޚިލާފުވެ މަގުމައްޗަށް ނިކުމެ އުޅުނު 172 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
https://twitter.com/PoliceMv/status/1263661817433165824?s=19
އަދި ބުރާސްފަތި ދުވަހުގައި ލޮކްޑައުންގެ އަމުރުތަކާއި ޚިލާފުވި 11 މީހަކު ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ، މި އަދަދާއެކު ލޮކްޑައުންގެ އަމުރާއި ޚިލާފުވެގެން މިހާތަނަށް ޖުމްލަ 260 މީހަކު ހައްޔަރުކުރެވިފައިވާކަމަށެވެ.
ފުލުހުން ހާމަކުރިގޮތުގައި، މާލެ ލޮކްޑައުން ކުރިފަހުން، މިއަދާއި ހަމައަށް 4803 މީހަކު ޖޫރިމަނާކުރެވިފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ، މާލެއިން ޖޫރިމަނާ ކޮށްފައިވާ 4163 މީހަކާއި، ހުޅުމާލެއިން ޖޫރިމަނާ ކޮށްފައިވާ 541 މީހެއްގެ އިތުރުން ވިލިމާލެއިން ޖޫރިމަނާ ކުރި 99 މީހެއްކަމަށް ފުލުހުން ހާމަކުރެއެވެ.

