ހުޅުމާލޭ ޖަލުގައި މިއަދު ކުރިއަށްގެންދިޔަ ރެންޑަމް ސާމްޕަލް ނެގުމުގެ ހަރަކާތުގައި 30 ސާމްޕަލެއް ނެގިފައިވާކަމަށް ކަރެކްޝަނުން ބުނެފިއެވެ.
އެންއީއޯސީ އާއި މޯލްޑްވިސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތް ފަށާފައިވަނީ ގާތްގަނޑަކަށް މީގެ ދެތިން ގަޑިއިރު ކުރިންނެވެ.
މި ގޮތުން ހުޅުމާލޭ ޖަލުން މިއަދު ނެގުނު ރޭންޑަމް ސާމްޕަލްތަކުގެ އަދަދު ހާމަކުރައްވަމުން ކަރެކްޝަނުން ބުނީ، 30 ސާމްޕަލެއް މިއަދު ނަގާފައިވާކަމަށެވެ.
އޭގެތެރޭގައި ޤައިދީންގެ ތެރެއިން 15 މީހެއްގެ ސާމްޕަލް ނަގާފައިވާނެކަމަށާއި، އޭގެ އިތުރުން ޑިޓެއިނީސްގެ ގޮތުގައި ތިބި 5 ބިދޭސީންނާއި، 10 އޮފިސަރުންނާއި މުވައްޒަފުންގެ ސާމްޕަލް ވެސް ނަގާފައިވާނެކަމަށެވެ.
މީގެ އިތުރުން ކަރެކްޝަނުން ބުނީ، މި ސާމްޕަލްތައް ނެގުމުގައި ބަލައިފައިވާނީ، ވަކި ޔުނިޓް ތަކުގެތެރެއިން ކަނޑައެޅޭ ވަކި ޤައިދީންކަމަށާއި، ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ސާމްޕަލްތައް ނެގުމަށްކަމަށެވެ.
ހުޅުމާލޭ ޖަލުން މިއަދު 30 ސާމްޕަލް ނަގާފައިވާއިރު، ކަރެކްޝަނުން ކުރިއަށް ގެންދާ ހަރަކާތުގައި މީގެ ކުރިންވަނީ، މާފުށީ ޖަލުންނާއި، އައްސޭރި ޖަލުންނާއި، މާލޭޖަލުން ޖުމްލަ 113 ސާމްޕަލް ނަގާފައެވެ. ނަމަވެސް މި ހުރިހައި ސާމްޕަލެއް ވެސްވަނީ ނެގެޓިވްވެފައެވެ.

