ރައްޔިތުންގެ މަޖިލިސް ހިންގުމުގައި މެންބަރުން ދެއްވާ އެއްބާރުލުމަކީ، ރާއްޖޭގެ އެންމެހާާ ރައްޔިތުންނަށް ދެވޭ ޢީދު ހަދިޔާއެއްކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގެ ރައްޔިތުންނަށް އެ މަނިކުފާނު ޢީދު ތަހުނިޔާ ކިޔުއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ގިނަ މެންބަރުން، ވަގުތުދެއްވާ ސާބިތުކަމާއެކީގައި ނިކުންނަވައިގެން މަޖިލިސް ހިންގުމަށް ވެދެއްވާ އެއްބާރުލުމަކީ، ރާއްޖޭގެ ރައްޔިތުންނަށްދެވޭ ޢީދުގެ ތަހުނިޔާއެއް ކަމަށާއި، ޢީދު ހަދިޔާއެއް ކަމަށެވެ.
”ގިނަ ޢިއްޒަތްތެރި މެންބަރުން ވަގުތުދެއްވާ ސާބިތުކަމާއެކީގަ ނިކުންނަވާ ތިޔަކުރައްވާ މަސައްކަތްތައް މި މަޖިިލިސް ހިންގުވުމުގައި ތިޔަދެއްވާ އެއްބާރުލުން އެއީ އަޅުގަނޑުދެކޭގޮތުގައި މިއަދު މި ރާއްޖެގެ ރައްޔިތުންނަށް އަޅުގަނޑުމެނަށް ދެވޭ ޢީދުގެ ތަހުނިޔާއެއް. ޢީދުގެ ހަދިޔާއެއް.“ ރައީސް ނަޝީދު
https://twitter.com/mvpeoplesmajlis/status/1264174179269648391?s=19
ރައީސް ނަޝީދުވަނީ، މަޖިލީހުގެ މުވައްޒަފުންގެ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
މި ގޮތުން، މަޖިލީހުގެ އަމީން އާންމަށާއި، ކައުންސެލް ޖެނެރަލްއަށާއި، މީޑިއާ ސެކްޝަނަށާއި، ފައިނޭންސް ސެކްޝަނަށާއި، އެޑްމިނިސްޓްރޭޝަނަށް ވެސް، ރައީސް ނަޝީދުވަނީ ފިޠުރު ޢީދުގެ ތަހުނިޔާތައް ދަންނަވައި، އެ ބޭބޭފުޅުންގެ މަސައްކަތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.

