ކޮވިޑަށް ޕޮޒިޓިވްވެފައިވަނިކޮށް، ކަރަންޓީނަށް ގެންދިއުމަށް ހޯދާ ނުފެނިފައިވާ ބިދޭސީ މީހާ އަދިވެސް ފެނިފައި ނުވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.
ރެންޑަމްކޮށް ނެގުނު އެ ސާމްޕަލްތަކުން ހަތް މީހަކު ބައްޔަށް ޕޮޒިޓިވްވިއެވެ. އެހެން ނަމަވެސް އެ މީހުން ދިން ނަމްބަރުތަކަށް ގުޅިފައިނުވާތީ އެ މައްސަލަ އެޗްޕީއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ. ބައްޔަށް ޕޮޒިޓިވް ބިދޭސީންތަކެއް ނުފެނިގެން އުޅޭކަން އެޗްޕީއޭއިން ހާމަކުރީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އެކަން ހާމަކުރީ އެ މީހުންނަށް ނުގުޅި، ނުފެނިގެން އުޅޭތާ ހަފްތާއެއްފަހުން އެކަން ސޯޝަލް މީޑީއާގައި އާއްމުވުންނެވެ.
ހަތް މީހުންގެ ސާމްޕަލްތައް ޕޮޒިޓިވްވީއިރު، އެ މީހުން ދިން ނަމްބަރުތަކަށް ފަހުން ގުޅޭގޮތެއް ނުވިއެވެ. އެންއީއޯސީން ބުނެފައިވަނީ އެ މީހުންގެ މައުލޫމާތު ފުލުހުންނާއި ހިއްސާކުރި ކަމަށާއި، މިހާތަނަށް ހޯދާ ނުފެނިފައިވަނީ އެކަކު ކަމަށެވެ.
ބަލި ޖެހިފައި ހުރި މީހާގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ހޯދިފައިނުވާއިރު، ޑިރެކްޓާރ ޖެނެރަލްއަށް ލިބިގެންވާ ބާރުގެ ދަށުން އޭނާގެ ނަން އާއްމުކުރުމާއި މެދު ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އެއްޗެއް ވިދާޅެއް ނުވެއެވެ.
ބަލީގެ އަސަރު ހުރި މީހެއް ހޯދަމުން ދާތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މިއީ މުޖްތަމައުއަށް ހުރި ނުރައްކަލެއް ނޫންތޯ އާއި ބިދޭސީގެ ނަމާއި ފޮޓޯ އާއްމު ނުކުރަންވީ ކީއްވެގެންތޯ ސުވާލު ކުރުމުން ޕްރެސްގައި ބައިވެރިވެވަޑައިގެންނެވި ޑރ. މޫސާ މުރާދު ވިދާޅުވީ މާލޭގައި މިހާރު މިއޮތީ ކޮމިއުނިޓީ ސްޕްރެޑެއް ކަމަށެވެ. އަދި ބަލި ހުރިކަން ނޭނގި އެތައް ބަޔަކު މިހާރުވެސް މާލެ ތެރޭގައި އުޅެމުންދާނެ ކަމަށާއި، އޭނާގެ ފަރާތުން ވަކި އޮންނާނެ މާބޮޑު ނުރައްކަލެއް ނޯންނާނެ ކަމަށެވެ.
ޕޮޒިޓިވްވި ހަތް މީހުންގެ ތެރެއިން ހަ މީހަކު ފުލުހުން ހޯދިއިރު، އެ މީހުންވެސް ފެނުނީ ކިތަށް ދުވަހުން ކަމަށް އެންއީއޯސީން ހާމައެއް ނުކުރެއެވެ. ވިދާޅުވީ، އެ މީހުންގެ ސާމްޕަލްތައް ޕޮޒިޓިވްވުމުން އައިސޮލޭޝަންއަށް ގެންދިއުމަށް ގުޅުމުން ފޯނަށް ގުޅޭގޮތް ނުވިކަމަށެވެ.
މިފަދަ ކޭސްތަކުގައި އަމަލު ކުރާ ގޮތަކީ އެޗްޕީއޭގެ ފަރާތުން އެކަން އެންފޯސް ކުރުމަށްޓަކައި ފުލުހުންނަށް އެ މައުލޫމާތުތައް ދެމުން ގެންދާ ކަމަށާއި އަދި ފުލުހުންނަށް ވެސް އެމީހުން ނުފެނިއްޖެ ނަމަ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެބައެއްގެ ޒާތީ މައުލޫމާތު ހާމަ ކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ބިދޭސީން ބަހައްޓާފައި ހުންނަތަންތަނުގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންނަށް ނުފިލޭނެ ފުރުސަތެއް މިހާރު ނޯންނާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަދަދު 1313 އިން މައްޗަށް އަރާފައުވާއިރު އޭގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ.

