މިި އަހަރުގެ އޮކްޓޫބަރު/ނޮވެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޯލެވެލް އިމްތިޙާން، އަންނަ އަހަރުގެ މެއި/ޖޫން އަށް ތާވަލްކޮށްފިއެވެ.
މި ކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އާދިއްތަވިލޭރޭގައި ނެރުނު ނޫސް ބަޔާނުގައި ބުނީ، މި އަހަރު އޮކްޓޫބަރު/ނޮވެމްބަރުގައި ބޭއްވުމަށް ކުރިން ހަމަޖެހިފައިވާ ސާނަވީ ނިންމާ އިމްތިޙާނުތައް، އަންނަ އަހަރުގެ މެއި/ޖޫން އަށް ތާވަލްކޮށްފައިވާކަމަށެވެ.
އަދި މި ބަދަލާއެކު އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުން ހަދާ ޝަހާދާ ސާނަވިއްޔާ އިމްތިހާނުތައް ވެސް، މި އަހަރަކު ނޯންނާނެކަމަށާއި،
އެ އިމްތިޙާނުތައް ދެން އޮންނާނީ އަންނަ އަހަރު މެއި/ ޖޫންގައި ކަމަށެވެ.
މީގެ އިތުރުން އެޑިއުކޭޝަނުން ބުނީ، މި އަހަރު ގުރޭޑް 10 ގައި ކިޔާވާ ދަރިވަރުންނާއި، އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ މި އަހަރު ޝަހާދާ ސާނަވިއްޔާ ހަދަން ހަމަޖެހިފައިވާ ދަރިވަރުންނަަށް 2021 ވަނަ އަހަރުގެ މެއި/ ޖޫން އިމްތިހާނުތައް ނިމެންދެން، އެ ދަރިވަރަކު މިހާރު ކިޔަވަމުންދާ މަދަރުސާއެއްގެ ދަރިވަރެއްގެ ގޮތުގައި ދެމިހުރެވޭނެކަމަށެވެ.
މި ގޮތުން މި ބަދަލުގެ ސަބަބުން މަދަރުސާތަކަށް ދިމާވާނެ ޖާގައިގެ ދަތިކަމުންނާއި، މުދައްރިސުންނާއި އެހެނިހެން ވަސީލަތްތަކުގެ ދަތިކަމުން އަރައިގަތުމަށްޓަކައި، އަންނަ އަހަރުގެ މެދުތެރޭގައި ދިރާސީ އަހަރު ފެށުމަށް ސޯޝަލް ކައުންސިކްގއ ލަފަޔާއެކު ނިންމާފައިވާކަމަށް ވެސް އެޑިއުކޭޝަނުން ބުނެއެވެ.
މީގެ އިތުރުން މި ބަދަލު ދާއިމީ ބަދަލަކަށް
ހަދަން ފެނޭތޯ ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމުގެ މަސައްކަތްތައް ކުރެވެމުން އެބަދާ ކަމަށާއި، މަޝްވަރާއަށްފަހު އެކަޑަމިކް ކަލަންޑަރަށް ގެނެވޭ ބަދަލުތައް ލަސްނުވެ ހާމަކުރާނެކަމަށް ވެސް އެޑިއުކޭޝަނުން ބުނެއެވެ.

