ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢީދު ދުވަހުގައި ޒަމާނީ ޓެކޮނޮލޮޖީގެ އެހީގައި ގުޅުންތައް ބަދަހިކުރުމަށް ރައީސް ޞާލިޙް އިލްތިމާސްކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިގެ ސަބަބުން، އިޖްތިމާޢީ ގައިދުރުކަން(ސޯޝަލް ޑިސްޓެންސިން) ދަމަހައްޓަން މަޖުބޫރުވެފައިވިޔަސް، ޒަމާނީ ޓެކޮނޮލޮޖީގެ އެހީގައި މިއަދު، ގުޅުންތައް ބަދަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވެފައި މިވަނީ، މި އަހަރުގެ ފިޠުރު ޢީދާއި ގުޅިގެން އެ މަނިކުފާނު ދެއްވި ޚިޠާބުގައެވެ.

ރައީސް ޞާލިޙް ވިދާޅުވީ، މި ވަގުތަކީ، އިޖުތިމާޢީ ގައިދުރުކަން ދަމަހައްޓަން މަޖުބޫރުވެފައިވާ ވަގުތެއްކަމަށް ވިޔަސް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ގުޅުންތައް ބަދަހިކުރުމުގެ ވަރަށް ފަހި ފުރުސަތުތަކެއް ތަނަވަސްވެފައިވާ ކަމަށެވެ.

މި ގޮތުން މުވާޞަލާތީ ވަސީލަތްތަކުގެ ޒަރީޢާއިން، ގުޅުންތައް ބަދަހިކުރުމަށް ސަމާލުންކަންދޭ ދުވަހެއްްކަމުގައި މި ޢީދު ދުވަސް ހެދުމަށް އިލްތިމާސްކުރައްވާކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސްވަނީ، މި ފަދަ ދުވަހެއްގައި ޢާއިލާއާއި އެކީގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް އިސްކަން ދިނުމާއި، ދުރުގައި ދިރިއުޅޭ ގާތްތިމާގެ މީހުންނާއި، ރަޙްމަތްތެރިންނާއެކު މުވާޞަލާތީ ވަސީލަތްތަކުގެ ޒަރީޢާއިން ވަގުތުކޮޅެއް ހޭދަކޮށްލުމާއި، ހާލުއަހުވާލު އޮޅުންފިލުވައި، ޢީދުގެ ތަހުނިޔާ ބަދަލުކުރުމަކީ ޢީދު ދުވަހާއި ވަރަށް މުނާސަބު ކަމެއްކަން ފާހަގަކުރައްވާފައެވެ.

ޢީދު ދުވަހަކީ މުޖުތަމަޢެއްގައި އުޅޭ އެންމެންވެސް ހަމަހަމަގޮތެއްގައި އުފާ ފާޅުކުރަންޖެހޭ ދުވަހެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކޮވިޑް-19 އިގެ ސަބަބުން، ނިކަމެތި ހާލަތްތައް މެދުވެރިވެފައިވާ ކިތަންމެ ބަޔަކު، މި މުޖުތަމަޢުގައި ތިބިކަން ހަނދާންކޮށް، ކޮންމެ މީހަކަށް ވެސް ވެވުނު އެންމެ ދީލަތި އެހީއެއްވުމަކީ، މި ޢީދުގެ ދަރުމައާއި ސަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނޭ ކަމެއްކަމަށެވެ.

ރައީސް ވިދާޅުވީ، ގޭގައި ބަންދުވެފައި ތިބޭ މި ދުވަސްކޮޅަކީ، މައިންބަފައިންނާއި ދަރިންނާާއި، އެކަކު އަނެކަކަށް އަޅާލައި އެހީތެރިވެދިނުމުގެ ރީތި ސިފަ އަށަގަންނަންޖެހޭ ދުވަސްކޮޅެއްކަމަށެވެ.

އަދި ޢާއިލާގައި ތިބި ތުއްތު ކުދީންނަށް އޯގާތެރިކަމާއި ލޯތްބާއެކު، ހޭހަންކުރުމުގެ ދުވަސްކޮޅެއްކަމަށާއި، ޢުމުރުން ދުވަސްވެފައި ތިބި މާމައިންނާއި ކާފައިންނަށް އޯގާތެރިކަމާއި ކުލުނާއެކު، ޚިދުމަތްކޮށްދިނުމުގެ ރޫޙު އާލާކުރަންޖެހޭ ދުވަސްކޮޅެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި ޢާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަކީ، ގެއިން ބޭރަށް ނުނިކުމެވި ތިބޭ މި ދުވަސްކޮޅުގައި، ކުރިމަތިވާ ނަފްސާނީ އުނދަގޫތައް ކުޑަކުރުމަށްޓަކައި ކުރެވިދާނެ މުހިންމުކަމެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ޢީދު އައީ އެތައްކަމެއް ދަސްކޮށްދެމުންނެވެ.

މި ގޮތުން ރައީސް ވިދާޅުވީ، ޢީދު އައީ، ކެތްތެރިވުމަށާއި، އިސްރާފު ނުކުރުމަށާއި، އިޤުތިސާދުކުރުމަށް ނަފުސުތައް ތަރުބިއްޔަތުކޮށްދީފައިވާ މޫސުމަކަށް ފަހުގައިކަމަށެވެ.

އެހެންކަމުން ޤައުމުގެ އިޤުތިސާދު ހީނަރުވެގެން ގޮސްފައިވާ މި ދަނޑިވަޅުގައި، ރަމަޟާން މަހުގައި ދަސްކުރި ސިފަތަކުގެ މަތީގައި، މުސްތަޤުބަލު ހޭދަކުރެވޭތޯ ބެލުމަކީ ނުހަނު މުހިންމުކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ޢީދުގެ އުފާވެރިކަން ގުޅިފައިވަނީ މުޖުތަމަޢުގައި އުޅޭ އަފްރާދުންގެ މެދުގައި އޮންނަ އެކުވެރި ގުޅުމުގެ މައްޗަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ހާލަތުން އަރައިގަތުމަށްޓަކައި ވެސް، އެންމެ ބޭނުންވަނީ އެކުވެރިކަމާއި އެއްބާރުލުން ކަމަށެވެ.

އަދި ޤައުމަށް ލިބުނު ކާމިޔާބީގެ ސިއްރަކީ މާތް ﷲ ގެ ދީލަތިވަންތަކަން ކަމަށާއި، ސިއްހީ ޚިދުމަތްތެރިންގެ އިރުޝާދުތަކަށް ރައްޔިތުން ދިން އެއްބާރުލުމާއި، ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަންކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: