ރާއްޖޭގެ ސިއްހީ ދާއިރާގައި ހުރި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުސަތުތައް ބައްލަވައިލެއްވުމަށް ޕާކިސްތާނުގެ ބޭސް އުފައްދާ ކުންފުނިތަކަށާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައުވަތު އަރުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ދައުވަތު އެރުއްވީ، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރަމުންދާ ދަނޑިވަޅުގައި، އެ ޤައުމަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިސްލާމްއާބާދުގައި ބޭއްވި ’މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް‘ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އިގްތިސާދީ އެއްބާރުލުން އިތުރުކުރުމަށްޓަކައި ސިއްހީ ދާއިރާއާއި ބޭސް އުފެއްދުމުގެ ދާއިރާއަކީ ނުހަނު މުހިންމު ދާއިރާތަކެއް ކަމަށެވެ. އެގޮތުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޓަރޝަރީ ހޮސްޕިޓަލްތަކާއި ޒަމާނީ ސިއްހީ ވަސީލަތްތައް ޤާއިމުކުރުމަށް ސަރުކާރުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިފަދަ މަޝްރޫޢުތަކުގެ ސަބަބުން އިތުބާރު ހުރި، ފެންވަރު ރަނގަޅު، ސެޓިފައިޑް ބޭހާއި މެޑިކަލް ސާމާނަށް އޮތް ބޭނުންތެރިކަން އިތުރުވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސިއްހީ ދާއިރާގެ އިތުރުން ދަނޑުވެރިކަން، ކާނާގެ ރައްކާތެރިކަން، އުމްރާނީ ތަރައްޤީ، އިއާދަކުރަނިވި ހަކަތަ އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. ރައީސް މުޢިއްޒު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ސިޔާސީ ގުޅުން، ހަޤީޤީ ނަތީޖާ ނެރެދެނިވި އިޤްތިޞާދީ ގުޅުމަކަށް ބަދަލުކުރަންޖެހޭ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ދެ ޤައުމުން މިހާރު ވަނީ އެއްބަސްވެފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާކިސްތާނުގެ ވިޔަފާރިވެރިން ދިވެހި ކުންފުނިތަކާއެކު ގުޅުން ބަދަހިކޮށް، ރާއްޖޭގައި އަލަށް ކުރިއަރަމުން އަންނަ އެކި ސިނާޢަތްތަކުގައި އިންވެސްޓްކުރުމަށް ބާރުއަޅުއްވާފައެވެ. އަދި ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގެ މާޙައުލު އިތުރަށް ފަހިކޮށްދީ، ރައްކާތެރިކަމާއި ހިމާޔަތް ހޯދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

