ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިސްވެ 30 ޤައުމަކާއި އިންޓަޕޯލް ގުޅިގެން މަކަރާއި ހީލަތް ހަދާ ފަރާތްތަކާ ދެކޮޅަށް ހިންގި ބޮޑު އޮޕަރޭޝަނެއްގައި، ރާއްޖޭގައި މަކަރާއި ހީލަތުން އަތުލައިގަތް 3.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފިއެވެ.
މިއީ މި މައްސަލަތަކުގައި ރާއްޖެއިން ގެއްލުނު ފައިސާގެ 59.1 އިންސައްތައެވެ.
ފުލުހުންގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖުލައި 1 އިން ސެޕްޓެމްބަރު 30 ގެ ނިޔަލަށް ސްކޭމްގެ 544 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. ރާއްޖޭގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އީ-ކޮމާސްގެ މައްސަލަތަކާއި ބޭރު ފައިސާ މާރުކުރުމުގެ މައްސަލަތަކެވެ. އެގޮތުން އީ-ކޮމާސްގެ 230 މައްސަލައަކާއި، ބޭރު ފައިސާ މާރުކުރުމުގެ 107 މައްސަލައެއް ފާހަގަކުރެވިފައިވެއެވެ.
މި މައްސަލަތަކާ ގުޅިގެން ރާއްޖޭގެ ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގުތަކުގެ ތެރެއިން، ކުށުގެ ޢަމަލުތަކާ ގުޅުންހުރި 847 މީހަކު ވަނީ ދެނެގަނެފައެވެ. އަދި އޭގެ ތެރެއިން 17 މީހަކު ހައްޔަރުކޮށްފައިވާއިރު، ބޭންކުތަކާ ގުޅިގެން 1,088 އެކައުންޓެއް ވަނީ ފްރީޒްކޮށްފައެވެ.
ދުނިޔޭގެ ފެންވަރުގައި ހިންގި މި އޮޕަރޭޝަނުގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. އެގޮތުން އެކި ޤައުމުތަކުން 960 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް، 39 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ އަގުހުރި އެސެޓް ދެނެގަނެވިފައިވެއެވެ. މީގެ އިތުރުން މާލީ މުއާމަލާތްތަކާ ގުޅޭ 123.71 މިލިއަނަށް ވުރެ ގިނަ ޝައްކުކުރެވޭ ހަރަކާތްތައް ވަނީ މި އޮޕަރޭޝަނުގެ ތެރެއިން ހުއްޓުވާފައެވެ.

