ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ލުއިތަކަކާއި ފުރުޞަތުތަކެއް ތަޢާރަފުކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ފުދުންތެރި ރައްޔިތަކާއެކު ވަށާޖެހޭ ތަރައްޤީ ޙާޞިލުކުރެއްވުމުގެ އަމާޒުގެ ދަށުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިހާރަށްވުރެ ފަހި ފުރުޞަތުތަކެއް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ތަޢާރަފުކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން އިޢުލާންކުރެއްވީ ބާސެލޯ ނަސަންދުރާގައި ބޭއްވި ”މޯލްޑިވްސް އެކްސްޕޯ 2026“ ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށް އޮތް ނޮވެމްބަރު މަހާއި 2027 ވަނަ އަހަރުގެ ޖަނަވަރީ މަސް ހިމެނޭހެން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހިކޮށްދެއްވުމަށް ހަމަޖެހިފައިވާ މުހިންމު ކަންތައްތަކެއް ހާމަކުރައްވާފައެވެ.

އެގޮތުން ނޮވެމްބަރު 1 އިން ފެށިގެން، ބޭންކް އޮފް މޯލްޑިވްސް ގޭޓްވޭ މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ކުރާ ވިޔަފާރިއަކުން ވެސް އެމެރިކާ ޑޮލަރުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށާއި، ރެމިޓެންސް މެދުވެރިކޮށް ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތް ހޯދުމަށް މި ޑޮލަރު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ޒުވާން ވިޔަފާރިވެރިންނަށް ޚާއްޞަ ލޯނު ސްކީމްގެ 2 ވަނަ ފިޔަވަހި އަންނަ ނޮވެމްބަރު މަހު ފެށޭނެކަން ވެސް ފާހަގަކުރެއްވިއެވެ.

މިއާއެކު، އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ކުދި އަދި މެދުފަންތީގެ ދާއިރާއަށް ޚާއްޞަކޮށްގެން ޓެކްސް-ފްރީ ޒޯންތަކެއް ޤާއިމުކުރުމުގެ 3 އަހަރުގެ ޕައިލެޓް ޕްރޮޖެކްޓް އައްޑޫ ސިޓީގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި ޒޯނުން ސަރުކާރުން ދޫކުރާ ބިމުން ފުރަތަމަ އަހަރު ކުލި ނުނެގުމާއި، އިންކަމް ޓެކްސް މަޢާފުވުމުގެ އިތުރުން 20 އިން 30 އަށް ކޯޓާގެ ލުޔެއް ލިބިގެންދާނެއެވެ. އަދި ސަރުކާރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާއިން، އެ ފަރާތްތަކުން ދައްކަންޖެހޭ ޓެކްސް އޮފްސެޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ޖީއެސްޓީ ރަޖިސްޓްރީ ކުރުމުގެ ތްރެޝޯލްޑް 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން އުފެއްދުންތެރިކަމަށް އެތެރެކުރާ ރޯ މެޓީރިއަލްގެ އިމްޕޯޓް ޑިއުޓީ 0 ޕަސެންޓަށް ބަދަލުކުރުމަށް ނިންމަވާފައިވާއިރު، އެކަމަށް ބޭނުންވާ ޤާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ދޭ އަހަމިއްޔަތުކަން ފާހަގަކުރައްވައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޤައުމީ އިޤްތިޞާދުގައި ބައިވެރިވުމުގެ ހަމަހަމަ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މައުރަޒުގެ ހުރިހާ ގިންތިތަކުން ޝަރަފުވެރި ރަން 5 ވަނަ އަދި ޚާއްޞަ އިނާމު ހަވާލުކޮށްދެއްވާފައެވެ. އަދި އެކި ދާއިރާތަކުން 1 ވަނަ ހާސިލުކުރެއްވި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ އެމަނިކުފާނުގެ އަނބިކަނބަލުންނެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބީސީސީ ގުޅިގެން ”ފިއުޗަރ މޯލްޑިވްސް – އިނޮވޭޝަން، ކްރިއޭޓިވިޓީ އެންޑް ގްލޯބަލް ކަނެކްޝަންސް“ ޝިޢާރުގެ ދަށުން ބާއްވާ ”މޯލްޑިވްސް އެކްސްޕޯ 2026“ ހުޅުމާލޭ ސެންޓްރަލް ޕާކުގައި 7 ޑިސްޓްރިކްޓް ހިމެނޭހެން 9 ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: