ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒު ވަރަށް ތަފާތުވާނެ، ބޭރުގެ ހުށަހެޅުންތަކުން ބޮޑު ފައިދާއެއް: ވަޒީރު ސައީދު

އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު ބާއްވާ އުފެއްދުންތެރިކަމުގެ މައުރަޒަކީ ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް ތަފާތު، އަދި ރާއްޖޭގެ ސިނާއަތްތަކަށް ބޭނުންވާ ތަރައްގީއާއި ކުރިއެރުން ގެނެސްދޭނެ މައުރަޒަކަށް ވާނެކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިކުރާ އުފެއްދުންތަކަށް އިނާމު ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މައުރަޒުގައި ބައިވެރިވާ ބޭރުގެ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތަކުގެ ސަބަބުން ރާއްޖެއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން، ބައިނަލްއަގުވާމީ އެގްޒިބިޓަރުންގެ ފަރާތުން ފެންނަ އާދަޔާޚިލާފު ޓެކްނޮލޮޖީތަކުގެ ސަބަބުން، ރާއްޖޭގެ އިންޑަސްޓްރީތަކަށް އަގު އެއްކުރެވޭނެ (ވެލިއު އެޑް ކުރެވޭނެ) އީޖާދީ އުކުޅުތަކާއި ވަސީލަތްތައް ތައާރަފުވެ، ރާއްޖެއާއި ބޭރުގެ ފަރާތްތައް ގުޅުވައިދިނުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ގިނަ ގައުމުތަކަކާ އެކު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް (ޕީޓީއޭ) އަދި ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ތައް ގާއިމުކުރެވިގެންދާނެކަން ވެސް ފާހަގަކުރެއްވިއެވެ.

މިދިޔަ އަހަރުގެ މައުރަޒާ އަޅާބަލާއިރު މިއަހަރު ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކުރައްވައި ވަޒީރު ވަނީ ތަފާސްހިސާބުތައް ވެސް ހިއްސާކުރައްވާފައެވެ. އެގޮތުން މިދިޔަ އަހަރުގެ މައުރަޒުގައި 240 ފަރާތަކުން 2,456 އުފެއްދުން ބައިވެރިކުރިއިރު، މިއަހަރު ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 600 ފަރާތަކުން 4,401 އުފެއްދުން ބައިވެރިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މައުރަޒުގެ އިންތިޒާމުތަކަށް ގެނެވުނު ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މިދިޔަ އަހަރު ފަސް ޑިސްޓްރިކްޓަކަށް ބަހާލައިގެން މައުރަޒު ކުރިއަށް ގެންދިޔަ ނަމަވެސް، މިއަހަރު އެ އަދަދު ހަތަކަށް އިތުރުކުރެވިފައިވާ ކަމަށެވެ. އަދި އަލަށް އިތުރުކުރެވުނު ދާއިރާތަކުގެ ތެރޭގައި ”ވިޒިޓާ އިކޮނޮމީ ޑިސްޓްރިކްޓް“ އަދި ”އިންޓަނޭޝަނަލް ޑިސްޓްރިކްޓް“ ހިމެނޭކަން ފާހަގަކުރެއްވިއެވެ.

ވަޒީރު ސައީދު ވިދާޅުވި ގޮތުގައި، މި ދެ ޑިސްޓްރިކްޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން، ރާއްޖޭގެ އިގްތިސާދީ އަމާޒަށް ވާސިލުވުމަށްޓަކައި އެކުލަވާލެއްވި ”ވިޒިޓާ އިކޮނޮމީ ކައުންސިލް“ އާއި މިނިސްޓްރީތަކަށް ކަނޑައަޅުއްވައިދެއްވި ލަނޑުދަނޑިތަކުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ. އަދި ސަރުކާރުން މި އަމާޒުތަކަށް މަސައްކަތް ކުރަމުންދަނީ އެންމެ ބޮޑެތި އިންވެސްޓްމަންޓްތަކުން ފެށިގެން އެންމެ ކުދި ވިޔަފާރިތަކަށް ވެސް ފައިދާވާނެ ފަދަ ވަށާޖެހޭ ގޮތެއްގައި ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2023 ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން 2040 ވަނަ އަހަރާ ހަމައަށް ރައްޔިތުންގެ މުސްތަގުބަލަށާއި، ފުދުންތެރިކަމާއި ރާއްޖޭގެ ކުރިއެރުމަށް ބޭނުންވާ ތަރައްގީ ހޯއްދަވައިދެއްވުމަށް ރެޔާއި ދުވާލު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެއީ ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ލިބެންހުރި ބިނާކުރަނިވި ހުރިހާ ފައިދާއެއް ރާއްޖެއަށް ހޯދައިދިނުމަށް ކުރައްވާ މުހިންމު މަސައްކަތްޕުޅެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: