ށ. ފުނަދޫގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ، ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.
އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ފައިސަލް ވިދާޅުވީ، ފުނަދޫ ޕެޓްރޯލް ޝެޑެއްގައި ރޯވެ ހިނގި މި ހާދިސާގައި ލިބުނު ބޮޑެތި ގެއްލުންތަކާމެދު ފުން ހިތާމަކުރައްވާ ކަމަށެވެ. އަދި މި ހާދިސާގެ ސަބަބުން އާންމުން ދިރިއުޅޭ ބައެއް ގެތަކަށާއި ވޯކްޝޮޕް އަދި ގަރާޖުތަކަށް އަލިފާނުގެ އަސަރުކޮށް، ގެއްލުންތަކެއް ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިފަދަ ނުރައްކާތެރި ހާދިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ކަމާގުޅުންހުރި ހުރިހާ އިދާރާތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވިއެވެ:
”ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވެ ހިނގައިގެން އުޅޭ އަލިފާނުގެ ހާދިސާގައި އާންމުން ދިރިއުޅޭ ބައެއް ގެތަކާއި ވޯކްޝޮފް/ގަރާޖުތަކަށް އަލިފާނުގެ އަސަރުކޮށްފައިވާތީ އެކަމާ ހިތާމަކުރަން. ޚާއްސަކޮށް އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދާ ދުރުން މިފަދަ ޚިދުމަތްތައް ދިނުން ބަދަލު ކުރަން ޖެހޭ. އަދި މިއީ ނުރައްކާތެރި ކަމަކަށް ވާއިރު، އަބަދު ވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ދިމާވެދާނެ ހާދިސާ އަކަށް ފުރިހަމަ އަށް ތައްޔާރުވެ ތިބެން ޖެހޭ.“
މީގެއިތުރުން ފައިސަލް ވަނީ އަލިފާން ރޯވުމުގެ ފުރުސަތު ބޮޑު ނުރައްކާތެރި މިފަދަ ޚިދުމަތްތައް ދޭ ތަންތަން މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ބަދަލުކުރުމަށް ބާރުއަޅުއްވައި، ކޮންމެ ވަގުތެއްގައިވެސް ދިމާވެދާނެ ކުއްލި ނުރައްކަލުގެ ހާލަތަކަށް ފުރިހަމައަށް ތައްޔާރުވެ ތިބުމަށް އިލްތިމާސްކުރައްވާފައެވެ.

