ގައުމުގެ އިގްތިސާދީ ހާލަތު ދަށަށް ގޮސް، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް އަތްނުފޯރާ ފަށަށް އުފުލިފައިވާ ދަނޑިވަޅެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ އިތުރުން ރަށު ކައުންސިލަރުންގެ އިނާޔަތްތައް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން ބަދަލުކުރުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ގޮވާލައިފިއެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މާލިއްޔަތު ކޮމިޓީގެ މި ނިންމުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށެވެ. އަދި މި ނިންމުމުގައި އެ ޕާޓީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ފާހަގަކޮށް، އެކަން އެންމެ ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ. އެ ޕާޓީން ފާހަގަކުރި ގޮތުގައި މާލިއްޔަތު ކޮމިޓީން ނިންމި ގޮތަށް ވެރިންގެ މުސާރައާއި އިނާޔަތްތައް އިތުރުކުރުމުން ދައުލަތުގެ ބަޖެޓުން އަހަރަކު 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެއެވެ.
މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ 4.5 ބިލިއަން ރުފިޔާ އިތުރަށް ސަރުކާރުން ހަރަދުކޮށްފައިވާ ކަމަށާއި، ދައުލަތުގެ ދަރަނި ދުވަހުން ދުވަހަށް ބޮޑުވަމުންދާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން ރައްޔިތުން އަތުން ނަގާ ޓެކްސްތައް އިތުރުކުރުމަށް މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުން އެތައް ގާނޫނަކަށް ބަދަލު ގެނެސްފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ލޯކަލް ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓަކީ ރައްޔިތުންގެ އެތައް ބޭނުމެއް ފުއްދުމަށް ކަނޑައެޅިފައިވާ ފައިސާއަކަށް ވާއިރު، އެ ގްރާންޓަށް ބަދަލުނުގެނެސް ކައުންސިލަރުންނާއި ކައުންސިލްގެ ރައީސުންގެ މުސާރައަށް ބަދަލު ގެނައުމަކީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކަށް ބުރޫއަރާނެ ކަމެއް ކަމަށްވެސް އެމްޑީޕީން ބުނެއެވެ. އަދި މިކަމުގެ ކަންބޮޑުވުން ކައުންސިލްތަކުން ވެސް ފާޅުކުރަމުންދާ ކަމަށް ބަޔާނުގައިވެއެވެ.
ޕޭ ހާމަނައިޒޭޝަނާ ގުޅޭގޮތުން އުފެދިފައިވާ މައްސަލަތަކަށް އަލިއަޅުވާލައި އެމްޑީޕީން ބުނީ، ތަޢުލީމީ އަދި ޞިއްޙީ ދާއިރާގެ މަސައްކަތްތެރިން އިތުރުގަޑީގައި ކުރާ މަސައްކަތަށް ފައިސާދޭ އުސޫލުތަކާއި އަދުލުވެރި މަސައްކަތު މާހައުލެއް ގާއިމުކުރުމާ ގުޅޭގޮތުން 16 ޖޫން 2025 ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރުގެ މަސައްކަތްވެސް ނުނިމި އޮއްވައި، މިފަދަ ގޮތަކަށް އިސްވެރިންގެ މުސާރަ ބޮޑުކުރުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ކަމަށެވެ.
އެމްޑީޕީން ތުހުމަތުކުރި ގޮތުގައި ގާނޫނުއަސާސީގެ ދަށުން ސަރުކާރު ޖަވާބުދާރީކުރުވުމުގެ ޒިންމާ ރައްޔިތުންގެ މަޖިލީހަށް އޮތް ނަމަވެސް، ވެރިކަންކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން ވަނީ އެ މަސައްކަތަށް ހުރަސްއަޅާފައެވެ. އެހެންކަމުން މުސާރަތައް ކުރިން އޮތްގޮތަށް އަލުން އިއާދަކޮށް، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ހައްލެއް ހޯދުމަށް އިސްކަންދިނުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

