ކުއްޖާގެ ނުކުޅެދުންތެރިކަން ހުރި މިންވަރަށް ނުވަތަ ނަފްސާނީ ޙާލަތަށް ބަލައި ހަދާ އެސެސްމެންޓަކަށް ފަހު، ގޭގައި ތިބެގެން މަދުރަސީ ތަޢުލީމު ޙާޞިލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ތަޢުލީމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިޞްލާޙުތަކެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމެވެ.
މި އިޞްލާޙީ ބިލު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ، ތަޢުލީމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި ރަސްމީކޮށް ހޯމް-ސްކޫލިންގ ޕްރޮގްރާމެއް ތަޢާރުފުކުރުމެވެ.
މި ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ޝަރުޠުތަކާއި އުޞޫލުތައް ޤާނޫނުގައި ސާފުކޮށް ކަނޑައަޅައި، ދަރިވަރުންގެ ތަޢުލީމީ ޙައްޤު ފުރިހަމައަށް ކަށަވަރުކޮށްދިނުމަކީ މި ބިލު ހުށަހެޅުމުގެ މަގުސަދެކެވެ.
މީގެއިތުރުން، މަދުރަސީ ތަޢުލީމުގެ ނިޒާމު ހިންގައި ތަންފީޛުކުރުމުގައި ބެލެނިވެރިންނާއި، މުދައްރިސުން އަދި ޕްރިންސިޕަލުންގެ ދައުރު މިހާރަށްވުރެ ބޮޑަށް ސާފުކޮށް ބަޔާންކުރުންވެސް މި އިޞްލާޙުތަކުގެ ތެރޭގައި ހިމެނެއެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުއްޖާގެ ޢުމުރުގެ ވީހާވެސް ޅަފަތުގައި އެ ކުއްޖެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމަށް ރިޢާޔަތްކޮށް، އެހެން ކުދިންނާ އެއްވެސް ތަފާތުކުރުމެއް ނެތި ތަޢުލީމު ޙާޞިލުކުރެވޭނެ އެންމެ ރަނގަޅު މާޙައުލެއް ޤާއިމުކުރަންވާނެއެވެ.
އެގޮތުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ބަޔާންކުރާ އުޞޫލުތައް ނަގަހައްޓައި، ދައުލަތުން އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް މި ބިލުން ލާޒިމުކުރެއެވެ.
ހަމައެއާއެކު، އުނގެނުމުގެ ޙައްޤު ކަށަވަރުކުރުމުގެ އިތުރުން މުދައްރިސުންގެ ޙައްޤުތައް ރައްކާތެރިކޮށްދޭނެ ހަރުދަނާ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުމަށް ޤާނޫނުގެ މަޤްޞަދުތަކުގެ ތެރެއަށް އިތުރުކުރުމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.
ދަރިވަރުން ސްކޫލަށް ފޮނުވުމުގައި ބެލެނިވެރިން އަދާކުރަންޖެހޭ އަސާސީ ޒިންމާތައްވެސް މި ބިލުގެ ދަށުން އިތުރަށް ހަރުދަނާކޮށްފައިވެއެވެ. އެގޮތުން، ސްކޫލަށް ފޮނުވާއިރު ކުއްޖާއަށް ރަނގަޅު ކާނާ ލިބިފައިވާކަމާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރިކަމާއި، އަދި ހަމައަށް ނިދި ލިބިފައިވާކަން ކަށަވަރުކުރުމަކީ ބެލެނިވެރިންގެ ޒިންމާއެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، ބެލެނިވެރިންގެ ޒިންމާތަކުގެ ތެރެއަށް އިތުރުކުރެވޭ ކަންކަމުގެ ތެރޭގައި:
- މުދައްރިސުންނަށާއި، ސްކޫލުގެ އިސްފަރާތްތަކަށާއި، ބޮޑެތި މީހުންނަށް އިޙްތިރާމްކުރުމުގެ މާތް އަޚްލާޤު ދަރިންގެ ކިބައިގައި އަށަގެންނެވުމަށް މަސައްކަތްކުރުން
- ސްކޫލް މާޙައުލުގެ އަމާންކަން ގެއްލޭފަދަ ނުވަތަ ކިޔެވުމަށް ހުރަސްއެޅޭފަދަ އެއްވެސް ޢަމަލެއް ނުކުރުމާއި، އެފަދަ ކަންކަމުން ދުރުހެލިވުމަށް ބާރުއެޅުން
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި މި އިޞްލާޙުތަކުގެ ސަބަބުން، ޞިއްޙީ ނުވަތަ ނަފްސާނީ ސަބަބުތަކާހުރެ އާދައިގެ މަދުރަސީ ނިޒާމުގެ ތެރެއިން ކިޔެވުމަށް ދަތިވާ ކުދިންނަށް ގޭގައި ތިބެގެން ރައްކާތެރިކަމާއެކު އުނގެނުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. އަދި މިއީ ތަޢުލީމީ ނިޒާމު ހިންގުމުގައި ދިމާވާ ގޮންޖެހުންތަކަށް ޒަމާނީ ޙައްލެއް ގެނެސްދޭނެ މުހިންމު ފިޔަވަޅެކެވެ.

