ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވަލް އެޖެންޓުން އަދި ޓުއާ އޮޕަރޭޓަރުން ރާއްޖެއަށް ފޯރުކޮށްދޭ ހިދުމަތްތަކުން ޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި އިސްލާހު އުވާލުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިއަދު މަޖިލީހަށް ބަލައިގެންފިއެވެ.
މި ބިލު ބަލައިގަތުމަށް މަޖިލީހުގެ ތަޅުމުގައި ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
މިދިޔަ އޮގަސްޓު 31 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި މި އިސްލާހުގެ ދަށުން، އޮފްޝޯ ބުކިން ޕްލެޓްފޯމުތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން %17 ގެ ޓެކުހެއް ނެގުމަށް ކަނޑައަޅައި، މި ހިނގާ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ޓެކްސް ވަނީ ނަގަން ފަށާފައެވެ. ނަމަވެސް އެ ނިންމުމާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގެ ކަމާބެހޭ ފަރާތްތަކާއި ބޭރުގެ އޮޕަރޭޓަރުންގެ ފަރާތުން ބޮޑެތި ކަންބޮޑުވުންތަކެއް ސަރުކާރާ ހިއްސާކުރަމުން ދިޔައެވެ.
މި މަހުން ފެށިގެން އަމަލުކުރަން ފެށި މި ޓެކްސް ނެގުން ހުއްޓާލުމަށްޓަކައި ’މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް‘ އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ.
މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ، އިދިކޮޅު އެމްޑީޕީގެ މެންބަރުންވެސް ހިމެނޭހެން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
ސަރުކާރުގެ ފަރާތުން މި ބަދަލު ގެނައުމަށް ނިންމީ، ބޭރުގެ ފަރާތްތަކުން ރާއްޖެ ވިއްކުމުގައި ހުރި ދަތިތަކާއި، މި ޓެކްސްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ވާދަވެރިކަމަށް އަސަރުކޮށްފާނެ ކަމަށް ބުނެ ސިނާއަތުގެ އިސް ފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ.
ސަރުކާރުން މަޖިލީހަށް ހުށަހެޅި މި އިސްލާހުގައި މައިގަނޑު ގޮތެއްގައި ދެ ކަމެއް ހިމަނާފައިވެއެވެ:
- ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމުތަކުން ޓެކްސް ނެގުމަށްޓަކައި ގާނޫނުގައި ކުރިން ހިމަނާފައިވާ އެންމެހައި މާއްދާތައް އުނިކުރުން.
- ޖީއެސްޓީ ދެއްކުމުން އެއްކިބާވުމުގެ އެކި އަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބިދޭ ބާރުތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުން.
މި އިސްލާހު މަޖިލީހުގެ ކޮމިޓީ މަރުހަލާ ނިންމައި އަވަހަށް ފާސްވެ ތަސްދީގުވުމުން، މި މަހުން ފެށިގެން ނަގަން ފެށި %17 ގެ ޓެކްސް ރަސްމީކޮށް އުވި، ބޭރުގެ ބުކިން ޕްލެޓްފޯމުތަކަށް ކުރިން އޮތް އުސޫލުން ހިދުމަތް ދިނުމުގެ މަގު ފަހިވެގެންދާނެއެވެ.

