ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ސުންގަޑި އެމްއެމްއޭ އިން ހަނދާންކޮށްދީފި

އެމްއެމްއޭ ބިލްޑިންގ/ފޮޓޯ: ކޯޕަރެޓް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެއްގޮތަށް އަމަލުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވިޔަފާރިތަކަށް މިއަދު ހަނދާންކޮށްދީފި އެވެ.

މިދިޔަ އޮގަސްޓު މަހު ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ބޭރު ފައިސާ މާރުކުރުމުގެ މުއްދަތުތަކާއި މާރުކުރަންޖެހޭ މިންވަރުތަކަށް ވަނީ ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ. އެގޮތުން ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކޮންމެ މީލާދީ މަހެއްގައި ބޭރު ފައިސާއިން ލިބޭ އާމްދަނީ، އެ މަހަކާ ވިދިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކު މެދުވެރިކޮށް މާރުކުރަން ލާޒިމުވެ އެވެ.

މީގެ ކުރިން އަމަލުކުރަމުން އައި ގޮތަށް ބަލާއިރު، ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ މާރުކުރުމަށް ތިން މަސްދުވަހުގެ މުއްދަތެއް ލިބެ އެވެ. އެގޮތުން އާމްދަނީ ލިބޭތާ ތިންވަނައަށް އަންނަ މަހުގެ 28 ގެ ކުރިން މާރުކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އާ އިސްލާހާއެކު އެ މުއްދަތު މިހާރު ވަނީ ވަރަށް ބޮޑަށް ކުރުކޮށްފަ އެވެ.

އެމްއެމްއޭ އިން ވަނީ މި ގާނޫނުގެ ދަށުން ބޭރު ފައިސާ މާރުކުރުމުގެ އިލްތިޒާމް އޮތް ހުރިހާ ފަރާތްތަކުން ވެސް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެކަން ފުރިހަމަކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑި ހަމަވާއިރު މާރުކުރުމުގެ ކަންކަން ފުރިހަމަނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި، އެފަދަ ވިޔަފާރިތަކުގެ ނަންތައް މަރުކަޒީ ބޭންކުގެ އުސޫލުތަކާ އެއްގޮތަށް އާންމުކުރާނެ ކަމުގެ އިންޒާރު ވެސް އެ އިދާރާއިން ވަނީ ދީފަ އެވެ.

ކުރިން އޮތް އުސޫލުގެ ދަށުން ރިސޯޓުތަކުން މާރުކުރަން ޖެހެނީ ޑޮލަރުން ލިބޭ އާމްދަނީގެ 20 އިންސައްތަ އެވެ. ނަމަވެސް އޮގަސްޓު މަހު ގެނައި އިސްލާހާއެކު، ރިސޯޓުތަކުން މާރުކުރަންޖެހޭ މިންވަރު ވަނީ 40 އިންސައްތައަށް މަތިކޮށްފަ އެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އެހެނިހެން ވިޔަފާރިތަކަށާއި އެހެނިހެން ދާއިރާތަކަށް ވެސް ވަކި އުސޫލުތަކެއް ވަނީ ކަނޑައަޅައިފަ އެވެ:

  • ޓޫރިސްޓު ހޮޓަލާއި ގެސްޓުހައުސްތައް: މިފަދަ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން، ނުވަތަ އެ މަހެއްގައި ބޭރު ފައިސާއިން ލިބޭ ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހެ އެވެ.
  • އެހެނިހެން ބޮޑެތި ވިޔަފާރިތައް: ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނާއި މާލީ އިދާރާތައް ފިޔަވައި، އަހަރެއްގެ މައްޗަށް 15 މިލިއަން ޑޮލަރަށް ނިސްބަތްވާ ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކުން ވެސް އާމްދަނީގެ 40 އިންސައްތަ މާރުކުރަންޖެހެ އެވެ.
  • ދިވެހިންގެ ސައްތައިންސައްތަ ހިއްސާ އޮންނަ ވިޔަފާރިތައް: މަތީގައި ބަޔާންކުރި ފަދަ ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން ސައްތައިންސައްތަ ދިވެހިން ހިއްސާވާ ވިޔަފާރިތަކަށް ލުޔެއް ދީފައިވާ އިރު، އެފަދަ ތަންތަނުން މާރުކުރަން ޖެހޭނީ މަހެއްގެ މައްޗަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 7 އިންސައްތަ އެވެ.

ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ދައުރުވާ މިންވަރު އިތުރުކުރުމަށާއި، ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މި ގަވާއިދު ތަންފީޒުކުރުމުގެ މަސައްކަތް މަރުކަޒީ ބޭންކުން މިހާރު ވަނީ ވަރަށް ބޮޑަށް ހަރުދަނާކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: