މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އިންޑިއާއިން ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް 100,435 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތެކޭ އެއްފަދައިން މިއަހަރުވެސް އިންޑިއާ އޮތީ ރާއްޖެއަށް ހަވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުގެ ގޮތުގައެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1.8 އިންސައްތައިގެ ކުޑަ ދަށްވުމެކެވެ.
މިއަހަރުގެ ތެރޭގައި އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި މާކެޓުތަކުގެ އެންމެ ކުރީގައި އޮތީ 326,741 ފަތުރުވެރިންނާއެކު ޗައިނާއެވެ. ދެވަނައިގައި ރަޝިއާއިން 248,739 ފަތުރުވެރިން އައިސްފައިވާއިރު، އިނގިރޭސިވިލާތުން 131,996 ފަތުރުވެރިން، ޖަރުމަނުވިލާތުން 115,814 ފަތުރުވެރިން އަދި އިޓަލީވިލާތުން 103,504 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އިންޑިއާ ހިމެނެނީ މިއަހަރުގެ މިހާތަނަށް އެއް ލައްކައިގެ އަމާޒު ހާސިލުކުރި ހަވަނަ ޤައުމުގެ ގޮތުގައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުގެ ތަފާސިލަށް ބަލާއިރު، މިވަގުތު 1,296 ތަނެއް އޮޕަރޭޓްކުރަމުންދާ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ. މީގެ ތެރޭގައި ހިމެނޭ އެނދުގެ ޖުމްލަ އަދަދަކީ 68,243 އެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މާކެޓިން ހަރަކާތްތައް ހިންގަމުންނެވެ. މިގޮތުން ބައިނަލްއަޤުވާމީ ފެއާތަކާއި ރޯޑްޝޯތަކުގައި ބައިވެރިވެ، ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ފަތުރުވެރިކަމުގެ ފުރުޞަތުތައް އިޝްތިހާރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

