ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ ތަރައްޤީކުރެވޭނީ ބޮޑެތި މަޝްރޫޢުތައް ގެނެސްގެން، ރައްޔިތުން މުއްސަނދިވެވޭނެ ގޮތްތަކެއް ހޯދަންޖެހޭ: އިބްރާހިމް ހުސެން

ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ ތަރައްޤީކުރެވޭނީ ބޮޑެތި މަޝްރޫޢުތައް ޤައުމަށް ގެނެސްގެން ކަމަށާއި، ރައްޔިތުންނަށް މުއްސަނދިވެވޭނެ ގޮތްތަކެއް ހޯދައިދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެން ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު އިބްރާހިމް ހުސެން ވަނީ ރަސްމާލޭގައި އީގަލް ހިލްސް ކުންފުނިން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫޢާ ގުޅިގެން އިދިކޮޅު އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށް ވަރަށް ބޮޑަށް ރައްދު ދެއްވާފައެވެ. އެގޮތުން، ދިވެހިރާއްޖެ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރެވޭނީ ބޮޑެތި ޕްރޮޖެކްޓްތައް ރާއްޖެ ގެނެސްގެން ކަމަށް ވިދާޅުވަމުން، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށް ގޯތި ދޫކުރީ ކަނޑުއަޑިން ކަމަށާއި އެ ގޯތިތައް ހިއްކޭނެ ގޮތެއްވެސް އެ ސަރުކާރުން ހޯދާފައި ނުވާ ކަމަށް ވިދާޅުވެ އެމްޑީޕީއަށް ވަނީ ފާޑުވިދާޅުވެފައެވެ.

މެންބަރު ވިދާޅުވީ އަމިއްލަ ފައިސާއިން ބިން ހިއްކައިގެން ނަމަވެސް، އީގަލް ހިލްސް ފަދަ ބޮޑެތި ކުންފުނިތަކަށް ދީގެން ރައްޔިތުން މުއްސަނދިވާނެ ގޮތްތައް ހޯދަންޖެހޭ ކަމަށެވެ. އެހެންކަމުން ރަސްމާލެ މަޝްރޫޢަކީ ރާއްޖެއަށް ނުހަނު މުހިންމު މަޝްރޫޢެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

”ރާއްޖެ ތަރައްޤީކުރެވޭނީ ބޮޑެތި މަޝްރޫޢުތައް ގެނެސްގެން. އަމިއްލަ ފައިސާއިންވިޔަސް ބިން ހިއްކައިގެން ބޮޑެތި ކުންފުނިތަކަށް ދީގެން ރައްޔިތުންނަށް މާދަމާ މުއްސަނދިވެވޭނީ ކިހިނެއްތޯ… އެކަން އަޅުގަނޑުމެން ކުރަންވީ،“ މެންބަރު އިބްރާހިމް ހުސެން ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތުމަކީ ރައްކާތެރި ގޮތެއް ނޫންކަން ފާހަގަކުރައްވަމުން، ޓޫރިޒަމް ފިޔަވައި އިތުރު ސިނާޢަތެއް ޤައުމަށް ގެންނަންޖެހޭ ކަމަށް މެންބަރު ވިދާޅުވިއެވެ. އަދި އަހަރަކު ދެ ރިސޯޓު ހުޅުވައިގެން ޤައުމު ތަރައްޤީވާން އެތައް ޒަމާނެއް ނަގާނެ ކަމަށާއި، ރިއަލް އެސްޓޭޓް ފަދަ ދާއިރާތަކުން ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތަކާއި ޓެކްސްގެ ބޮޑެތި އާމްދަނީ ޤައުމަށް ހޯދުމުގެ ފުރުޞަތު މި ސަރުކާރުން ފަހިކުރުމުން އިދިކޮޅުން އެކަން ބަލައިނުގަނެވިގެން އުޅޭ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، އެއްވެސް އިންވެސްޓްމަންޓެއް ނުގެނެސް ހަމައެކަނި ގޯތި ދިނުމަކުން ތަރައްޤީ ނުހޯދޭނެ ކަމަށާއި، އެ ހުރިހާ ގޯއްޗެއް އިމާރާތް ކުރުމަށް ބޭންކުތަކުން ލޯނު ދިނުމުގެ ޤާބިލުކަން ވެސް ރާއްޖޭގައި ނެތް ކަމަށް މެންބަރު ފާހަގަކުރެއްވިއެވެ. އަދި 10 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ އިންޓަރެސްޓް ރޭޓުގައި ލޯނު ނަގައިގެން އުމުރު ދުވަހުންވެސް ދައްކައި ނުނިމޭނެ ކަމަށާއި، އެފަދަ ގޮތަކަށް ޤައުމު ތަރައްޤީ ކުރެވިދާނެ ކަމަށް ދެކުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

މުޅި ޤައުމު ބަރޯސާވެފައިވަނީ ޓެކްސް އާމްދަނީއަށް ކަމަށްވާއިރު، އާސަންދަ ފަދަ އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް އިތުރު އިޤްތިޞާދީ މޮޑެލްތައް ބޭނުންވާކަން އޭނާ ހާމަކުރެއްވިއެވެ. އަދި އީގަލް ހިލްސް ފަދަ ބައިނަލްއަޤްވާމީ ބޮޑެތި ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމުން އޭގެ ސީދާ ފައިދާ ކުރާނީ ރައްޔިތުންނަށް ކަމަށް މެންބަރު އިބްރާހިމް ހުސެން ތަކުރާރުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: