ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ޗައިނާގެ ވެރިރަށް ބެއިޖިންގައި އެ އެއާލައިންގެ އައު އޮފީހެއް ރަސްމީކޮށް ހުޅުވައިފިއެވެ.
މި އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އޮފީސް ހުޅުވައިދެއްވީ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) ގެ ޗެއާމަން އަޙުމަދު ޝަފީޢު، މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް އަދި ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބެވެ.
މޯލްޑިވިއަނުން މަޢުލޫމާތު ދޭ ގޮތުގައި، މި އޮފީސް ހުޅުވުމަކީ ޗައިނާގެ މާކެޓުގައި އެ އެއާލައިންގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް، އެ ޤައުމުގައި ތިބި ވިޔަފާރި ބައިވެރިންނާއި ކަސްޓަމަރުންނާ އޮންނަ ގުޅުން ބަދަހިކުރުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އަދި މި އޮފީހުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ އެއާލައިނުން ބުނެއެވެ.
މީގެ އިތުރުން، މި އޮފީހާއެކު ޗައިނާއަށް ދަތުރުކުރާ ފަސިންޖަރުންނާއި އެ ޤައުމުން ރާއްޖެ އަންނަ ދަތުރުވެރިންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް މޯލްޑިވިއަނުން އުންމީދުކުރެއެވެ.
ޗައިނާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ހިއްސާއެއް އޮތް، އަދި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ޤައުމެވެ. މިހާރުވެސް މޯލްޑިވިއަނުން ދަނީ ޗައިނާގެ 3 ސިޓީއަކަށް ދަތުރުތައް ބާއްވަމުންނެވެ.

