ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީ ޝަމީމްއެވެ! މުޚާޠަބުކުރުމުގައި ’ފަރާތް‘ ބޭނުން ނުކުރެވޭނެގޮތެއް ނުހެދޭނެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް. ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

“ ޕްރޮސެކިއުޓަރ ޖެނެރަލް“ ޙުސައިން ޝަމީމްއެވެ. ދިވެހިބަހަކީ ވަރަށް ވެސް މުއްސަނދި ބަހެކެވެ. ދިވެހިބަހުގައި ހުރި މުއްސަނދިކަން އެނގިވަޑައިގަންނަވާނީ އެއާމެދު ފިކުރުކުރެއްވީމައެވެ. ހަމަގައިމުވެސް ހޯދައި ބަލައިފި ކަތަކަށް، ދިވެހިބަހުގެ ހުރި ފޮނިމީރުކަން އިހުސާސްކުރެވޭނެއެވެ.

ތިޔަ ބޭފުޅާގެ ބަސްފުޅާއި އަޅުގަނޑު ދެބަހެއް ނުވަމެވެ. އަދި ކިއެއްތަ! ތިޔަ ބޭފުޅާގެ ބަސްފުޅާއި މުޅިއެކުން އެއްބަސްވެވޭކަށް ވެސް ނެތެވެ. ޚިޔާލަކީ ވަރަށް ތަފާތު އެއްޗެއް ދޮގެއްތޯއެވެ. ކަންކަމުގެ ރަނގަޅާއި ނުބައި، ތެދާއި ދޮގު އެނގޭނީ ހޯދައި ބެލުމުން އެހެންނޫންތޯއެވެ.

މީގެ ދެތިން ދުވަސްކުރިން، ޝަމީމް ވިދާޅުވެފައިވާ ބަސްފުޅަށް ނަޒަރެއް ހިންގައިލާ ހިތްވެއްޖެއެވެ. އެއާމެދު ދެތިން ބަހެއް ދަންނަވައިލާ ހިތްވެއްޖެއެވެ. އޭގެ ރަނގަޅާއި ނުރަނގަޅަކީ ކޮބައިތޯ ބަލައިލާ ހިތްވެއްޖެެއެވެ.

މިހާ ހިސާބުން، އަޅުގަނޑުގެ ނަޒަރު ސީދާކޮށްލާނީ، ތި ބޭފުޅާގެ މި ބަސްފުޅަށެވެ.

”ދިވެހި ބަހުން ވާހަކަދައްކާ، ލިޔެ އުޅޭއިރު، މީހުންނާ މުޚާޠަބުކުރުމުގައި ’ފަރާތް‘ މިބަސް ބޭނުން ނުކުރެވޭނެ ގޮތެއް ހެދިދާނެތޯ؟ ހަމަ ރީތިކޮށް، މީހުންނަށް މީހުންނޭ ބުނެވިދާނެ ނޫންތޯ؟ ”ތިފަރާތުން ގުޅުއްވަން އުޅުއްވާކަން، އެފަރާތަށް އެނގޭ“ މިވެސް ފޯނުން އިވޭ މެސެޖެއް.  “ ޙުސައިމް ޝަމީމް

https://twitter.com/HuShameem/status/1263308202449330177?s=19

އާދޭހެވެ. ކުރިން ވެސް ދެންނެވި ފަދައިން، މީހުންނާއި  މުޚާޠަބުކުރުމުގައި ’ފަރާތް‘ މި ބަސް މުޅިއެކުން ބޭނުން ނުކުރެވޭނެ ގޮތެއް ނުހެދޭނެއެވެ. އޭގައި އަންނާނީ ހާލަތްތަކެކެވެ. ސަބަބަކީ، ސިއްރަކީ، ދިވެހިބަހުގައި ހުރި ”ރޫފަހެޔޮ“ ކަމެވެ.

ދުނިޔޭގެ އެހެނިހެން ބަސްބަހުގައިވާ ފަދައިން، ދިވެހިބަހުގައި ވެސް އެތައް މާނައެއް ދޭހަވާ ލަފުޒުތައް ބައިވަރެވެ. އެ ފަދަ ލަފުޒަކުން ގަސްދުކުރާ ޙަޤީޤީ މާނަ އެނގޭނީ، ލަފުޒު ބޭނުންކޮށްފައިވާ ހާލަތުންނެވެ. ނުވަތަ އެ ލަފުޒު ބޭނުންކުރާ މަޤާމަކުންނެވެ.

ކަން މިހެން ހުރުމާއެކު، ޝަމީމް ވިދާޅުވެފައިވާ ”ފަރާތް“ މި ލަފުޒުގެތެރެއަށް ”ފީނައިލައްވަން“ ހިންގަވާށެވެ. ދިވެހި ބަސްފޮތުގައި ވާގޮތުން، މި ލަފުޒުގެ އަށެއްކަ މާނަ އެބަ އޮތެވެ. ފަރާތް“ މި ލަފުޒަކީ ނަމެކެވެ.

1. ކިބަ. މިސާލު : އޭނާގެ ފަރާތުން (އޭނާގެ ކިބައިން)

2. ނިސްބަތްވާ ދަރިކޮޅުނުވަތަ ޢާއިލާ. މިސާލު: މަންމަ ފަރާތުގެ ބޮޑުބޭބެ. (މައިފުށުގެ ބޮޑުބޭބެ)

3. ފުށް. މިސާލު :ގަނޑުގެ އެފަރާތް، ގަނޑުގެ މިފަރާތް.

4. ބިތް. މިސާލު: އަތޮޅުގެ އުތުރު ފަރާތުން ދަތުރުކުރާށެވެ. (އުތުރުބިތުން ދަތުރުކުރާށެވެ.)

5. ފަޅި، މިސާލު: ޖަލްސާއަށް ދިޔަމީހުން އިށީނދެ ތިބީ، ހޯލުގެ ވާތްފަރާތުގައެވެ.(ވާތްފަޅީގައެވެ.)

6. މީހުންނާއި ކުލަބު ޖަމްޢިއްޔާ ފަދަ އެކުވިނަންތައް ގުޅުވައިގެން ބޭނުންކޮށް އުޅޭ ބަހެއް. މިސާލު: މިކަމަށް އެދޭ ފަރާތްތަކުން.

7. ދިމާ. މިސާލު: ވައިޖެހެނީ އުތުރު ފަރާތުންނެވެ.

ދެން އޮތީ، ތި ބޭފުޅާގެ މި ސުވާލެވެ. ”ހަމަ ރީތިކޮށް، މީހުންނަށް މީހުންނޭ ބުނެވިދާނެ ނޫންތޯ؟
”ތިފަރާތުން ގުޅުއްވަން އުޅުއްވާކަން، އެފަރާތަށް ’އެނގޭ‘ މިވެސް ފޯނުން އިވޭ މެސެޖެއް.“ މިއެވެ.

ތެދުފުޅެކެވެ. ހަމަ ރީތިކޮށް، މީހުންނަށް މީހުންނޭ ބުނެވިދާނެއެވެ. ކޮންމެހެން ”ތި ފަރާތުން ގުޅުއްވަން އުޅުއްވާކަން، އެ ފަރާތަށް އެނގޭ“ މިފަދައިން ބުނާކަށް، ދިވެހިބަސް އަޅުގަނޑުމެންނަކަށް ލާޒިމެއް ނުކުރެއެވެ. އެ ނޫން ކިތަންމެ ގޮތެއް އެބަހުއްޓެވެ. މިސާލަކަށް ތިބާ ގުޅަން އުޅޭކަން އޭނާއަށް އެނގެއެވެ.

ނަމަވެސް، ”ތި ފަރާތުން ގުޅުއްވަން އުޅުއްވާކަން“ ނުވަތަ ”ތި ފަރާތުން ގުޅަން އުޅޭކަން“ މި ފަދަ މޭރުމަކުން ބުނުމުން، އެ ފޯރުކޮށްދޭ މެސެޖުގެ އަސްލު މާނަ އިޙުސާސްވާވަރު ކުޑައެވެ. އާދެ! ދިވެހިބަހުގެ ފުންނާބު އުސް ބޭފުޅެއްކަމަށްވާ އަލްއުސްތާޛް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވި ފަދައިން އޭގެ އަސަރު އެބަ ކުޑަވެއެވެ.

މީގެ އެހެން މިސާލެއްގެ ގޮތުން، މީހަކަށް ނިސްބަތްކޮށް، ”އެއީ ވަރަށް މޮޅު ފަރާތެކޭ“ ބުނުމުން، އެ ބުނަންއުޅޭ އެއްޗަކީ، މީހެއްކަމެއް، ތަނެއްކަމެއް މާބޮޑަކަށް ދޭހައެއްނުވެއެވެ. އަސަރެއްނެތް އެހެންނޫންތޯއެވެ. އެއާ ޚިލާފަށް ”އެއީ ވަރަށް މޮޅު މީހެކޭ“ ނުވަތަ ”އެއީ ވަރަށް މޮޅު ބޭފުޅެކޭ“ ބުނުމުން އަސަރެއް އެބަހުރި ދޮގެއްތޯއެވެ. ބުނަން އުޅުނު އެއްޗެއް މާބޮޑަށް ވެސް ފަހުމުވެއްޖެ ދޮގެއްތޯއެވެ.

އަޅުގަނޑު ހިތުން ”ފަރާތް“ މި ލަފުޒު ވަކި މީހަކަށް ނިސްބަތްކޮށް ބޭނުންކުރުމުގައި އުނިކަމެއް ނުވަތަ ނުގުޅޭގޮތެއް ހުއްޓަސް، އެއްފަހަރާ ގިނަ މީހުންނަށް ނިސްބަތްކޮށް މި ލަފުޒު ބޭނުންކުރުން އެންމެ ރަނގަޅެވެ. އަދި ހުތުރެއް ވެސް ނޫނެވެ. މީގެ މިސާލު އަޅުގަނޑުމެންގެ ލޮބުވެތި އަދީބު ވަނީ ބަޔާންކޮށްދެއްވާފައެވެ. އާދެ! އަލްއުސްތާޛުލް މަރުޙޫމް މުޙައްމަދު ޖަމީލުދީދީ ލިޔުއްވާފައިވަނީ ކީކޭތޯއެވެ.

”ބަރަކާތްތެރިކަމުން ފުރިގެންވާ އަޟްހާ ޢީދު އައިސް އަޅުގަނޑުމެންނާ ބައްދަލުކުރި ހިނދު، ޢީދުގެ ވެދުން ދަންނަވަމުއެވެ. ޢީދާ ގުޅޭ ހެޔޮއެދުންތައް އެދެމުއެވެ. އިސްލާމީ އުންމަތުގެ އެންމެހައި އަޚުންނާއި އުޚުތުންނަށެވެ. ދިވެހި އުންމަތުގެ އެންމެހައި އަޚުންނާއި އުޚުތުންނަށެެވެ. ދިވެހި ޤައުުމުގެ ކުރިއަށް ތިއްބެވި އަޚުންނާއި އުޚުތުންނަށެވެ. ދިވެހި ދައުލަތުގެ އިސްވެރީންނަށެވެ. ދިވެހި ޖުމްހޫރިއްޔަތުގެ ރައީސް، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ އަރިހަށެވެ. މި އެންމެހައި ފަރާތްތަކަށް ފަތްތޫރަ ދަންނަވަނީ އެންމެ އިޚުލާސްތެރި ވެދުންތަކެވެ.“ މުޙައްމަދު ޖަމީލްދީދީ

އެހެންކަމުން ”ފަރާތް“ މި ލަފުޒަކީ، މީހުންނާއި ދިމާއަށް މުޚާޠަބު ނުކުުރެވޭނެ ލަފުޒެއްނޫނެވެ. އެކަމު އަޅުގަނޑަށް ބައެއް ހާލަތްތަކުގައި އަޅުގަނޑުގެ ޚިޔާލު ތަފާތެވެ. ”ކޮވިޑް-19 ޖެހިފައިވާ ފަރާތްތައް“ މި ގޮތަށްވުރެ، ”ކޮވިޑް-19 ޖެހިފައިވާ މީހުން“ މި ހެން ލިޔަން އަޅުގަނޑުގެ ހިތް ބުނެއެވެ. ”ތި ފަރާތުން ގުޅުއްވަން އުޅުއްވާކަން، އެ ފަރާތަށް އެނގޭ“ ބުނާއަޑު އިވުމުން، ހަ ފަރާތުން އަޅުގަނޑުގެ ބޮލަށް އުނދަގޫވާކަހަލައެވެ. އަޅުގަނޑަކީ، އަޅުގަނޑުގެ ”ސައިޑުން“ އެއްޗެއް ބުނާނެ މީހެއްނޫނެވެ. އަދި ކީއްތޯއެވެ. އަޅުގަނޑަކީ، އަޅުގަނޑުގެ ”ފަރާތުން“ އެއްޗެހި ބުނާނެ މީހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: