ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަތުލުއާންމުގެ ކުށްތައް ކަނޑައަޅާ ގާނޫނެއް ނެތުމުން އައިސީޖޭގައި ރާއްޖެއިން ވަކާލާތުކުރުމަށް އަސަރުކުރޭ: އޭޖީ

ބަންޑާރަނައިބު އަހުމަދު އުޝާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަކި ގައުމަކަށް، ނަސްލަކަށް ނުވަތަ ދީނަކަށް އަމާޒުކޮށް ހިންގާ ގަތުލުއާންމުގެ ކުށްތައް ބަޔާންކުރާ ގާނޫނެއް ދިވެހިރާއްޖޭގައި ނެތުމުގެ ސަބަބުން، އިޒްރޭލާއި މިޔަންމާއާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓުގައި ހިނގަމުންދާ މައްސަލަތަކުގައި ރާއްޖެއިން ހުށަހަޅާ ގާނޫނީ ނުކުތާތަކަށް ނޭދެވޭ އަސަރުކުރާނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މިކަން ހައްލުކުރުމަށްޓަކައި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.

އެޓާނީ ޖެނެރަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގަތުލުއާންމު ހުއްޓުވުމާއި އެކަމަށް އަދަބު ދިނުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ ކަމަށްވާ ”ޖެނޮސައިޑް ކޮންވެންޝަން“ ގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވަނީ 24 އެޕްރީލް 1984 ގައެވެ. އެ މުއާހަދާގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، މުއާހަދާއަށް ފުރިހަމައަށް އަމަލުކުރުމަށްޓަކައި ބައިވެރިވާ ގައުމުތަކުގެ އެތެރޭގެ ގާނޫނުތަކަށް އިސްލާހު ގެނެސް، ގަތުލުއާންމާ ގުޅޭ ކުށްތަކަށް އެކަށީގެންވާ އަދަބު ކަނޑައަޅަން ލާޒިމްކުރެ އެވެ.

ނަމަވެސް، އެ މުއާހަދާގައި ރާއްޖެއިން ބައިވެރިވިތާ 42 އަހަރު ވެގެން ދިޔައިރު ވެސް، އެ ޒިންމާ ފުރިހަމައަށް އަދާކޮށް ގާނޫނުލްއުގޫބާތުގައި އެފަދަ ކުށްތައް ހިމަނާފައި ނުވާކަން އޭޖީ ފާހަގަކުރެއްވި އެވެ.

އުޝާމް ވިދާޅުވި ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުތަކާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅިފައިވާ މުހިންމު ދެ މައްސަލައަކަށް ރާއްޖެއިން ވަނީ ތަދައްހުލްވެފަ އެވެ. އެއީ:

  • މިޔަންމާގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމާ ދެކޮޅަށް ގަމްބިއާއިން ހުށަހަޅާފައިވާ މައްސަލަ.
  • ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލަ.

އެހެން ގައުމުތަކުން ޖެނޮސައިޑް ކޮންވެންޝަނަށް އިހުތިރާމްކޮށް، އެ މުއާހަދާއަށް އަމަލުކުރުމަށް ދިވެހިރާއްޖެއިން ބައިނަލްއަގުވާމީ މައިދާނުގައި ގޮވާލަމުންދާއިރު، ރާއްޖޭގެ އަމިއްލަ ގާނޫނުތަކުގައި އެ މުއާހަދާގެ ދަށުން ލާޒިމްކުރާ ކަންކަން ފުރިހަމަކޮށްފައި ނެތުމަކީ ބައިނަލްއަގުވާމީ ކޯޓުގައި ރާއްޖޭން ވަކާލާތުކުރާ ގާނޫނީ ނުކުތާތަކުގެ ބުރަދަނަށް އަސަރުކުރާނެ ކަމެއް ކަމަށް އޭޖީ ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގައި ގަތުލުއާންމުގެ ކުށްތަކުގެ ގޮތުގައި ވަކި ގައުމަކަށް، ނަސްލަކަށް، ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކާ ދެކޮޅަށް ހިންގާ މައިގަނޑު އަމަލުތަކެއް ވަނީ ކުށުގެ ގޮތުގައި ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އެފަދަ ޖަމާއަތަކަށް ނިސްބަތްވާ މީހުން މެރުން.
  • އެ ޖަމާއަތެއްގެ ބަޔަކަށް ޖިސްމާނީ ބޮޑެތި އަނިޔާ ނުވަތަ ނަފްސާނީ ގޮތުން ފުން ގެއްލުންތައް ދިނުން.
  • އެ ޖަމާއަތުގެ ބޮޑު ބައެއް ޖިސްމާނީ ގޮތުން ނެތިކޮށްލުމުގެ ގަސްތުގައި، ދިރިއުޅުމުގެ ދަތި އަދި ނުރައްކާތެރި ހާލަތްތައް ކުރިމަތިކުރުވުން.
  • އެ ޖަމާއަތަކަށް ކުދިން އުފަންވުން ހުއްޓުވުމަށް ނުވަތަ ހުރަސްއެޅުމަށް ފިޔަވަޅުތައް އެޅުން.
  • އެފަދަ ޖަމާއަތެއްގެ ކުޑަކުދިން ގަދަކަމުން ނުވަތަ މަޖުބޫރުން އެހެން ޖަމާއަތަކަށް ބަދަލުކުރުން.

މީގެއިތުރުން، އެފަދަ ގަތުލުއާންމުގެ އަމަލެއް ހިންގުމަށް ފާޅުގައި ގޮވާލުމަކީ ވެސް ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި މި ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ.

މި ބިލުގައި ގަތުލުއާންމުގެ ކުށްތަކުގެ އިތުރުން ގައުމުގެ އިގްތިސާދީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވެސް މުހިންމު އައު ކުށެއް ވަނީ ތައާރަފުކޮށްފަ އެވެ. އެގޮތުން ދިވެހިރާއްޖޭގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ ނުވަތަ އެފަދަ ގެއްލުމަކަށް އެއްވެސް ފަރުވާލެއް ނެތި ގަސްތުގައި ހިންގާ އަމަލުތަކަކީ ވެސް ގާނޫނީ ގޮތުން އަދަބު ކަނޑައެޅޭނެ ކުށެއްގެ ގޮތުގައި ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

މި އިސްލާހުތައް ގާނޫނަކަށް ވުމުން، ބައިނަލްއަގުވާމީ މުއާހަދާތަކަށް ފުރިހަމައަށް ބޯލަނބާ ގައުމެއްގެ ގޮތުގައި ރާއްޖޭގެ ގާނޫނީ ނިޒާމު ހަރުދަނާވެ، އައިސީޖޭގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ގާނޫނީ ބާރެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލު ކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: