ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދީ ރައްކާތެރިކަމަށް ގެއްލުންދިނުން ހުއްޓުވުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅައިފި

މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަކި ދީނަކަށް ނުވަތަ ވަކި ގައުމަކަށް ވީތީ ނަފްރަތު އުފައްދައި ގެއްލުންދިނުމާއި، ދައުލަތުގެ އިގްތިސާދީ ރައްކާތެރިކަމަށް ބޮޑެތި ގެއްލުންތައް ލިބޭނެ ފަދަ އަމަލުތައް ކުރުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ.

މި ބިލުގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވަނީ ދައުލަތުގެ އިގްތިސާދީ ރައްކާތެރިކަމަށް ގެއްލުންހުރި އަމަލުތައް ހުއްޓުވުމާއި، ދައުލަތަށް ހިޔާނާތްތެރިވުމުގެ އަމަލުތައް ކަނޑައެޅުމުގެ އިތުރުން ގަތުލުއާންމު (ޖެނޮސައިޑް) ފަދަ ބޮޑެތި ޖަރީމާތައް މަނާކުރުމަށް ގާނޫނުލްއުގޫބާތަށް އާ ބާބުތަކެއް އިތުރުކުރުމެވެ.

މި ބިލުގައި ހިމަނާފައިވާ އިގްތިސާދީ ރައްކާތެރިކަމަށް ގެއްލުންހުރި އަމަލުތަކާ ބެހޭ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައުލަތުގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެކަމުގެ ފަރުވާލެއް ނެތި ގަސްތުގައި އެއްވެސް އަމަލެއް ކުރުމަކީ ކުށެކެވެ. މިގޮތުން ކުށުގެ ގޮތުގައި ކަނޑައަޅާފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  • ގައުމުގެ މުހިންމު އުމްރާނީ ވަސީލަތަކަށް ނުވަތަ އެފަދަ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓާ ނިޒާމަކަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ދިނުން.
  • އާންމު އަސާސީ ހިދުމަތެއް މެދުކަނޑުވާލުން ނުވަތަ އެފަދަ ހިދުމަތެއް ދިނުމަށް ބޭނުންކުރާ ސިސްޓަމަކަށް ގަސްތުގައި ހުރަސްއެޅުން.
  • ދައުލަތަށް އާމްދަނީ ލިބޭ މައިގަނޑު ދާއިރާތަކުގެ ހިންގުން ހުއްޓުވާލުމުގެ ނިޔަތުގައި އެއްވެސް އަމަލެއް ހިންގުން.
  • އެ އަމަލެއްގެ ސަބަބުން ދައުލަތުގެ މުޅި އިގްތިސާދަށް އިޔާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ކުރިމަތިވުން.

މީގެއިތުރުން ދައުލަތަށް ހިޔާނާތްތެރިވުމުގެ ކުށްތަކުގެ ތެރޭގައި ރާއްޖެއާ ދެކޮޅަށް ހަނގުރާމަ ކުރުމާއި، އެފަދަ އަމަލެއް ހިންގާ ބަޔަކާ ބައިވެރިވުމުގެ އިތުރުން، ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި ހުރެގެން ނަމަވެސް އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

ގާނޫނުލްއުގޫބާތަށް އިތުރުކުރަން ހުށަހަޅާފައިވާ އަނެއް މުހިންމު ބަޔަކީ ގަތުލުއާންމުގެ ނަމުގައި ހިމަނާފައިވާ ބާބެވެ. މި ބާބުގައިވާ ގޮތުން ވަކި ގައުމަކަށް، ނަސްލަކަށް، ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ވަކި ޖަމާއަތެއް ނައްތާލުމުގެ ނިޔަތުގައި އެއިން ޖަމާއަތަކާ ދެކޮޅަށް ހިންގާ އަމަލުތަކަކީ ޖިނާއީ ބޮޑެތި ކުށްތަކެވެ. އެފަދަ އަމަލުތަކުގެ ތެރޭގައި ހިމެނެނީ:

  • ވަކި ޖަމާއަތަކަށް ނިސްބަތްވާ ބަޔަކު މެރުން ނުވަތަ އެފަދަ ބަޔަކަށް ބޮޑެތި ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ދިނުން.
  • ވަކި ޖަމާއަތެއްގެ ބޮޑު ބައެއް ޖިސްމާނީ ގޮތުން ހަލާކުވެދާނެ ފަދަ ދަތި ދިރިއުޅުމުގެ ހާލަތްތައް ގަސްތުގައި ކުރިމަތިކުރުވުން.
  • އެފަދަ ޖަމާއަތަކަށް ނިސްބަތްވާ މީހުންނަށް ދަރިން އުފަންވިޔަނުދިނުމަށް ހުރަސްއަޅައި ފިޔަވަޅުތައް އެޅުން.
  • ވަކި ޖަމާއަތަކަށް ނިސްބަތްވާ ކުޑަކުދިން މަޖުބޫރުން އެހެން ޖަމާއަތްތަކަށް ބަދަލުކުރުން.

މިފަދަ އެއްވެސް އަމަލެއް ހިންގުމަށް ފާޅުގައި ހިތްވަރުދީ ގޮވާލުމަކީ ވެސް ކުށެއް ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މި އިސްލާހުތައް މިގޮތަށް ހުށަހެޅީ ރާއްޖެއިން ބައިވެރިވެފައިވާ ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ އެއްގޮތަށް ރާއްޖޭގެ ގާނޫނީ އޮނިގަނޑު ބައްޓަންކުރުމަށްޓަކައެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިގްތިސާދީ ރައްކާތެރިކަމަށް ގެއްލުންދިނުމާއި ގަތުލުއާންމު ފަދަ ކުށެއް ސާބިތުވާ ފަރާތްތަކަށް ކަނޑައެޅޭ ޖިނާއީ ހުކުމުގެ އިތުރުން، އިތުރު ހަރުކަށި ފިޔަވަޅުތަކެއް ވެސް އެޅޭނެއެވެ.

އެގޮތުން، މިފަދަ ކުށެއް ސާބިތުވެއްޖެ ނަމަ، އެ ކުށަކަށް ކަނޑައެޅިފައިވާ މައިގަނޑު ޖިނާއީ އަދަބުގެ އިތުރުން، އެ މީހަކު ދައުލަތުގެ އެއްވެސް ވަޒީފާއަކަށް ނުވަތަ ސަރުކާރުގެ އެއްވެސް މަގާމަކަށް އައްޔަން ނުކުރެވޭ ގޮތަށް ދާއިމީ ހުރަހެއް އެޅޭނެ ކަމަށް ބިލުގައި ސަރީހަކޮށް ވަނީ ބަޔާންކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: