ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެންބަރުންގެ އިންޝުއަރެންސް މައްސަލަ: ކަނޑާލިޔަސް ނުވަތަ ދިނަސް ހަމަހަމަކުރަން ދިރާސާކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުގެ ބަޖެޓުން ހަމަޖައްސައިދީފައިވާ އަގުބޮޑު ހެލްތު އިންޝުއަރެންސް ޕެކޭޖު އުވާލުމާ ގުޅޭގޮތުން ހުށަހެޅި ޕެޓިޝަނާ ގުޅިގެން، އެ ޚިދުމަތް ކަނޑާލާ ނަމަ އެންމެންނަށް ކަނޑާލުމަށް އަދި ދޭ ނަމަ އާންމު ރައްޔިތުން ހިމެނޭހެން އެންމެންނަށް ދިނުމާ މެދު ފުޅާ ދާއިރާއެއްގައި ދިރާސާއެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.

މި މައްސަލަ މާލިއްޔަތު ކޮމިޓީގެ ސަމާލުކަމަށް އައީ މަޖިލިސް މެންބަރުންނަށް ޚާއްސަކޮށްފައިވާ ހެލްތު އިންޝުއަރެންސް ޕެކޭޖު އުވާލުމަށް ގޮވާލައި 7،000 އަށް ވުރެ ގިނަ އާންމު ރައްޔިތުން ސޮއިކޮށް މަޖިލީހަށް ހުށަހެޅި އީ-ޕެޓިޝަނަކާ ގުޅިގެންނެވެ. އެ ޕެޓިޝަން މަޖިލީހުގެ ތަޅުމުން ބަލައިގަތުމަށް ފަހު، އިތުރަށް ގޮތެއް ނިންމުމަށް ފޮނުވީ މާލިއްޔަތު ކޮމިޓީއަށެވެ.

މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މި މައްސަލައާ މެދު މެންބަރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި ބަހުސްކުރެވުނެވެ. މި ބައްދަލުވުމުގައި، ދައުލަތުގެ ތެރޭގައި އޮތް މިފަދަ އިނާޔަތްތައް ހަމަހަމަ އުސޫލަކުން ތަންފީޒުކުރުމަށް އަދި ދެމެހެއްޓެނިވި ގޮތެއްގައި މުޅި ނިޒާމު ބައްޓަންކުރުމަށް މަޝްވަރާކުރަން ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަރުޒޫގެވެ. އަޒާންގެ އެ ހުށަހެޅުއްވުމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ ތާއީދުކުރައްވާފައެވެ.

ކޮމިޓީގެ އިއްތިފާގުން ނިންމާފައިވަނީ ހުރިހާ ރައްޔިތުންނަށް ވެސް ފައިދާވާނެ ގޮތަށް އަދި ދައުލަތަށް ބުރަ ނުވާނެ ފަދަ ދެމެހެއްޓެނިވި އުސޫލަކުން ހެލްތު އިންޝުއަރެންސްގެ ޚިދުމަތް އެންމެންނަށް ދެވޭނެ ގޮތެއް ދިރާސާކުރުމަށެވެ. އަދި މި މަސައްކަތް އަވަސްކޮށް، ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ޚާއްސަ ކުޑަ ކޮމިޓީއެއް (ސަބް-ކޮމިޓީއެއް) އެކުލަވާލުމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަޒާން ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެކަނި އިންޝުއަރެންސް ކަނޑާލުމަކީ ދައުލަތުގެ ބަޖެޓަށް ނުވަތަ މި ނިޒާމަށް އޮތް ހަގީގީ ހައްލެއް ނޫނެވެ. އޭނާ ވިދާޅުވީ މެންބަރުންނަށް އިންޝުއަރެންސް ލިބެނީ ވަކި ގާނޫނެއްގެ ދަށުން ކަމަށާއި، ހަމަ އެ ގާނޫނުގެ ދަށުން ކޯޓުތަކާއި ފުލުހުންނާއި ސިފައިންނާއި މިނިވަން މުއައްސަސާތައް ހިމެނޭހެން ދައުލަތުގެ ވަރަށް ގިނަ ދާއިރާތަކުގެ މުވައްޒަފުންނަށް ވެސް ބޮޑެތި އިނާޔަތްތަކާ އެކު އިންޝުއަރެންސް ލިބެމުންދާ ކަމަށެވެ.

އަޒާން ވިދާޅުވީ އާންމުންގެ އެތައް ހާސް ބަޔަކު މިފަދަ ޕެޓިޝަނެއް ހުށަހެޅީ ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ކަމަށާއި، އެ ކަންބޮޑުވުންތައް މަޖިލީހުން ބަލައިގަންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް ބަދަލެއް ގެންނަ ނަމަ، އެ ބަދަލު ގެންނަންވާނީ ދައުލަތުގެ ބަޖެޓުން މި އިނާޔަތް ލިބޭ ހުރިހާ މުއައްސަސާއަކަށް ވެސް ހަމަހަމަކޮށް ކަމަށާއި، ކަނޑާލާ ނަމަ އެންމެންނަށް ކަނޑާލަން ނުވަތަ އެހެން ބަދަލެއް ގެންނަ ނަމަ އެންމެން ހިމެނޭހެން ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުލަތުގެ ޚަރަދުތަކަށް އަލިއަޅުއްވާލައްވަމުން އަޒާން ފާހަގަކުރެއްވި ބައެއް ނުކުތާތަކުގެ ތެރޭގައި:

  • މިހާރު އޮތް އިންޝުއަރެންސް ޕެކޭޖުތަކުގެ ދަށުން ހަމައެކަނި ފުލުހުންނާއި ސިފައިންނަށް ވެސް އަހަރެއްގެ މައްޗަށް 200 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުވާކަން.
  • ދައުލަތުގެ ބައެއް މުއައްސަސާތަކުގައި ޚިދުމަތުން ރިޓަޔާކުރުމަށް ފަހު ވެސް އެ މީހުންގެ މައިންބަފައިންނަށް މަރުވަންދެން ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް އޮތުމަކީ އިންސާފުވެރި އަދި މާލީ ގޮތުން ހަމަޖެހޭ އުސޫލެއް ނޫންކަން.
  • ފުލުހުންނާއި ސިފައިންނާއި ފަނޑިޔާރުންގެ އިތުރުން އެ ބޭފުޅުންގެ އަނބިދަރިންނަކީ ވެސް އާންމު ރައްޔިތުންގެ ތެރޭގައި ހިމެނޭ ބަޔަކަށް ވާއިރު، އެހެން ރައްޔިތުންނަށް ނުލިބޭ އަގުބޮޑު ޚިދުމަތްތަކެއް އެ ފަރާތްތަކަށް ލިބެމުންދިއުމަކީ ރައްޔިތުންގެ މެދުގައި ފަރަގު އުފެދޭ ކަމެއްކަން.

މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް، ދައުލަތުގެ ފަރާތުން ރައްޔިތުންގެ ސިއްހީ ޚިދުމަތްތައް ހަމަޖެއްސުމުގައި އެންމެންގެ މެދުގައި އޮންނަންވާނީ ހަމަހަމަ އުސޫލެއް ކަމަށާއި، މާލިއްޔަތު ކޮމިޓީން އެކުލަވާލި ކުޑަ ކޮމިޓީގެ ދިރާސާގެ މައިގަނޑު އަމާޒަކަށް ވާނީ މި މުޅި މައްސަލައަށް ދާއިމީ އަދި އިންސާފުވެރި ހައްލެއް ހޯދުން ކަމަށް މިއަދުގެ ބައްދަލުވުމުގައި މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: