ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސަރުކާރުން ބޮޑެތި ޓެކްސް ނަގައިގެން ކުރާހާވެސް ކަމަކީ ރަސްމާލެ ހިއްކުން: ނާޒިލް

އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން އެކި ނަންނަމުގައި ބޮޑެތި ޓެކްސްތައް ނަގައިގެން ކުރާހާވެސް ކަމަކީ ރަސްމާލެ ހިއްކުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ އިދާރީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ، ބޮޑެތި ޓެކްސްތައް ނަގައިގެން ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލައި ދޮގު ހަދަމުން ކަމަށެވެ. އަދި މިގޮތަށް ޓެކްސް ނަގައިގެން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމާ ދިމާކޮށް ބަޖެޓާއެކު ކޭޝް ފްލޯ ރަނގަޅުކުރުމުގެ ވާހަކަ ސަރުކާރުން ދައްކާއިރު، އެކަމަށް ރައްޔިތުން ހޭލުންތެރިވާންޖެހޭ ކަމަށް ނާޒިލް ވިދާޅުވިއެވެ. ހާއްސަކޮށް ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހާ ދިމާކޮށް ސަރުކާރުން ޓެކްސް ބޮޑުކުރުމުގެ ވާހަކަ ދައްކައި، ދައުލަތަށް އާމްދަނީ އިތުރުކުރަމުންދާއިރު، ރައްޔިތުން ދުވަހުން ދުވަހަށް ދަނީ ނިކަމެތިވަމުން ކަމަށާއި ވިޔަފާރިތައް ފުނޑި ކަންމަތީ ފިހާރަތައް ބަނގުރޫޓުވަމުންދާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

މީގެއިތުރުން، މަޖިލިސް މެމްބަރުން ނިސްބަތްވެވަޑައިގަންނަވާ ރަށްރަށުގައި ކަންކަން ހިނގަމުންދާ ގޮތާމެދު ވިސްނަންޖެހޭ ކަމަށާއި، އަތޮޅުތެރޭގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ހުރީ ރަނގަޅަށްތޯ ބެލުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިލް އިތުރަށް ވިދާޅުވީ:

”ޓެކްސް ނެގިދާނެ. ޓެކްސް ނަގައިގެން ކީއްތޯ ކުރަނީ؟ ރަސްމާލެ ހިއްކަނީ. ހިއްކުމުގައިވެސް ވައްކަން. ވިއްކުމުގައިވެސް ވައްކަން. މުޅިންވެސް ވައްކަން ކުރަނީ. ޓެކުހުން ލިބޭ ފައިސާކޮޅު ހުސްކޮށްލައިގެން ވައްކަން ކުރުން ނޫންކަމެއް މިސަރުކާރަކުން ނުކުރޭ. މިކަން ކުރަންތޯ މިއަދު އަނެއްކާ އަޅުގަނޑުމެން ބޮޑެތި ޓެކްސް ދައްކާ ފަރާތްތަކުގެ އަތުން 100 ޕަސެންޓު 10 އަހަރާއި 14 އަހަރާއި ހަމައަށް ހޯލްޑޮ ކުރެވޭ ގޮތަށް ޓްރައިބިއުނަލްއަށް ވައްދައިގެން މިއުޅެނީ؟“

ނާޒިލްގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ ކިތަންމެ ވަރަކަށްވެސް ޓެކްސް ނެގިދާނެ ކަމަށާއި، އެހެން ނަމަވެސް އެންމެ މުހިންމީ އެ ޓެކްސް ފައިސާއިން ކުރާ ކަންކަން ރަނގަޅަށް ބެލުން ކަމަށެވެ. އަދި ޓެކްސް އިތުރުކޮށްގެން ދައުލަތަށް އާމްދަނީ ހޯދާއިރު ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުކުރާ ކަމަށާއި، މި ސަރުކާރުން ކުރާހާވެސް ކަމަކީ ވައްކަން ކުރުން ކަމަށް ތަކުރާރުކުރައްވައި އޭނާ ތުހުމަތުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: