ކޮވިޑް-19 އާއި އެކު މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބޭއްވުން މެދުކަނޑާލާފައި އޮތުމަށްފަހު، ނިއު ނޯމާލްގެ އިންތިޒާމުތަކަކާއި އެކު ޖަލްސާތައް ފަށައި ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅައިފިއެވެ.
އޮންލައިންކޮށް ބާއްވަމުން އައި ޖަލްސާތައް މަޖިލިސް ތަޅުމުގައި ފެށިނަމަވެސް ފުރަތަމަ އެކަން އެގޮތަށް ކުރަން ނިންމީ އެޗްޕީއޭގެ ހުއްދަ ނެތި އެވެ. ނަމަވެސް ޖަލްސާތަކަށް މެމްބަރުން ވަޑައިގަތުމުގެ ހުއްދަ ދޭނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ ވަކި ކަންތައްތަކެއް މަޖިލީހުގެ އިދާރާ އިން ފުރިހަމަ ކުރުމުން ކަމަށް ފުލުހުން އެ އިދާރާ އަށް އެންގިއެވެ.
އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީސް ފެށީ87 މެމްބަރުން ތިއްބެވިނަމަވެސް 47 މެމްބަރުންނާ އެކުއެވެ. ފަސް މެމްބަރަކު ދިރިއުޅުއްވާ ގެ މޮނީޓަރިންގެ ހާލަތުގައި ހުރުމުން އެ މެމްބަރުންނަށް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭ ގޮތް ނުވިއެވެ. އަދި ތިން މެމްބަރަކު ތިއްބެވީ ސަލާމުގައެވެ.
މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބިލް، ހުށަހަޅުއްވަމުން ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވީ، އެ އިސްލާހާ އެކު އާ ކައުންސިލަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިއްބެވި ކައުންސިލަރުންގެ މަގާމު އޮންނާނެ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިޚާބު އެއް އަހަރަށް ފަސް ކުރުމުގެ ގާނޫނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދާދި ފަހުން ވަނީ ތަސްދީގު ކުރައްވައިފަ އެވެ. އެކަމަކު މިހާރު ތިބި ކައުންސިިލް މެމްބަރުންގެ ދައުރު އަންނަ މަހުގެ ތިނެއްގައި ހަމަވުމުގެ ކުރިން އެ މަގާމުތަކާ މެދު ގޮތެއް ނިންމަން ޖެހެ އެވެ.
ސަރުކާރުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފައި ވަނިކޮށް، ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި ޚާއްސަ ގާނޫނެއް އެކަމަށް ފާސްކުރުމުގެ ބިލެއް ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ކުރިން މަޖިލީހަށް ހުށަހެޅުއްވި އެވެ.

