ކަނޑުމަގުން މުދަލާއެކު ހުރި ގޮތަށް ކްލިއަރކުރާ ”ފުލް ކޮންޓޭނަރ ލޯޑް“ ކޮންޓޭނަރުތައް ކްލިއަރކުރުމުގެ މުހިންމު މަސައްކަތްތައް ތިލަފުށި ކާގޯ ޓަރމިނަލް (ޓީ.ސީ.ޓީ) އަށް ބަދަލުކޮށް، އެ ޓަރމިނަލްގައި ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
މިއީ މާލޭ ވިޔަފާރި ބަނދަރުގެ ތޮއްޖެހުން ކުޑަކޮށް، ޚިދުމަތްތައް ޒަމާނީ ފެންވަރަކަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ތެރެއިން ތިލަފުއްޓަށް ބަދަލުކުރެވުނު ފުރަތަމަ އޮޕަރޭޝަނެވެ.
ތިލަފުށީގައި މި ޚިދުމަތް ފަށާފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްގެން އެ ރަށުގައި އަލަށް ތަރައްޤީކުރި 100 މީޓަރުގެ ކީ ވޯލް ސަރަހައްދުގައެވެ.
އަލަށް ފެށި ޚިދުމަތްތަކާއި ގެނެވުނު ބަދަލުތައް
ތިލަފުށި ކާގޯ ޓަރމިނަލުން އެންމެ ފުރަތަމަ މިއަދު ފަށާފައިވަނީ ”ޑައިރެކްޓް ޑެލިވަރީ“ (ޑީ.އާރް) ގެ ގޮތުގައި އެފް.ސީ.އެލް ކޮންޓޭނަރުތައް ކަނޑުމަގުން ކްލިއަރކުރުމުގެ މަސައްކަތާއި، މުދާ ހުސްކުރުމަށްފަހު އަނބުރާ ގެންނަ ހުސް ކޮންޓޭނަރުތައް ބޭލުމުގެ ޚިދުމަތެވެ.
ނަމަވެސް، ޢާންމު ދިރިއުޅުމާ ސީދާ ގުޅިފައިވާ ޒަރޫރީ މުދާ އަވަހަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ޑީ.އާރްގެ ގޮތުގައި މީގެ ފަހުންވެސް މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލް މެދުވެރިކޮށް ކްލިއަރކުރެވޭނެ އިންތިޒާމު ވަނީ ދަމަހައްޓާފައެވެ.
ބަނދަރުގެ ތޮއްޖެހުމަށް ލިބޭނެ ބޮޑު ލުޔެއް
މާލޭ ވިޔަފާރި ބަނދަރަށް އެތެރެކުރާ މުދަލުގެ ތެރެއިން ބޮޑު ބައެއް ޢާންމުކޮށް ކްލިއަރކުރަނީ ކަނޑުމަގުންނެވެ. އަދި މިގޮތަށް ގެންނަ މުދަލުގެ ބޮޑު އިންސައްތައަކީ އެފް.ސީ.އެލް ކޮންޓޭނަރެވެ. މިހާތަނަށް އައިއިރު ޑީ.އާރް މެދުވެރިކޮށް ކަނޑުމަގުން ކްލިއަރކުރާ ގިނަ ކޮންޓޭނަރުތައް ކްލިއަރކުރަމުން ދިޔައީ ހުޅުމާލެ ޓަރމިނަލް މެދުވެރިކޮށެވެ.
މި އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުކުރުމަކީ ހުޅުމާލެ ޓަރމިނަލްގެ ލޯކަލް ކީވޯލްގެ މަސައްކަތްތަކަށާއި މުޅި އޮޕަރޭޝަނަލް ކެޕޭސިޓީއަށް ބޮޑު ލުޔެއް ލިބި، މުދާ ކްލިއަރކުރުމުގެ ދުވެލި ކުރިއަށްވުރެ އަވަސްވެގެންދާނެ ކަމެކެވެ.
މި ބަދަލާ ގުޅޭގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ސީ.އީ.އޯ ކެޕްޓަން ހުސައިން ޝަފީޤް ވިދާޅުވީ، ކާގޯ ކްލިއަރަންސްގެ ޚިދުމަތް ތިލަފުއްޓަށް ކާމިޔާބުކަމާއެކު ބަދަލުކުރުމަށްޓަކައި އެމް.ޕީ.އެލްގެ މުވައްޒަފުން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ފަރާތުން ލިބިގެންދިޔަ ފުރިހަމަ އެއްބާރުލުން އޭނާ ފާހަގަކުރެއްވިއެވެ.
ސީ.އީ.އޯ ޝަފީޤް އިތުރަށް ވިދާޅުވީ، މިއަދު ފެށުނު ޚިދުމަތްތަކުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ”ލެސް ދެން ކޮންޓޭނަރ ލޯޑް“ (LCL) ގެ ގޮތުގައި ގެންނަ ކާގޯ ކްލިއަރކުރުމުގެ ޚިދުމަތްވެސް ތިލަފުށިން ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫޢުގެ އަމަލީ އެކި މަސައްކަތްތައް މިހާރުވެސް ހަލުވި ދުވެއްޔެއްގައި ދަނީ ހިނގަމުންނެވެ. އެގޮތުން ތިލަފުށީ ބަނދަރުގައި އަލަށް ތަރައްޤީކުރާ 375 މީޓަރުގެ މައި ކީވޯލްގެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީން އެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދާއިރު، އެ ކީވޯލްގެ މަސައްކަތް 2027 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ.
ހަމައެއާއެކު، އެތެރޭގެ އުޅަނދުފަހަރަށް ޚާއްޞަކޮށްގެން ހަދާ 820 މީޓަރުގެ ޑޮމެސްޓިކް ކީވޯލް ޤާއިމުކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް މިހާރު އެ ކުންފުނިން ވަނީ ފަށާފައެވެ. މި މަޝްރޫޢު މުޅިން ނިމުމުން، ރާއްޖޭގެ މެރިޓައިމް އަދި ކާގޯ އޮޕަރޭޝަންތަކަށް އިންޤިލާބީ ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

