ނިއު ނޯމަލްގެ ހަމަތަކާ އެކު ދިރިއުޅެން އާދަ ކުރަން ޖެހިފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެއްކެވީ އެ ހަމަތަކުގެ މިސާލެއް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާން ކުރި ފަހުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބޭއްވި ފުރަތަމަ ޖަލްސާއެވެ. މާޗު މަހުގެ 31 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ބޭއްވީ ވެބްކޮންފެރެންސް މެދުވެރިކޮށެވެ.
އެޗްޕީއޭގެ އިރުޝާދުތަކާއެކު މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ ގައިދުރުކަން ބަހައްޓައިގެންނެވެ. އޭގެ އިތުރުން ޖަލްސާއަށް ވަނުމުގެ ކުރިން ޓެމްޕަރޭޗާ ބަލައި، ހުން ނެތްކަން ކަށަވަރު ކުރުމާއި އަލާމާތް ހުރި އެއްވެސް މީހަކު ޖަލްސާއަށް ނުވެއްދުން ފަދަ ފިޔަވަޅުތައް އަޅާފައިވެއެވެ. ކަރަންޓީންކޮށްފައިވާ އިމާތެއްގައި އުޅެމުން ޖެހުމުން މަޖިލީހުގެ ފަސް މެމްބަރަކަށް ޖަލްސާގައި ބައިވެރިވެފައެއް ނުވެއެވެ.
ރައީސް ނަޝީދު ވިދާޅުވީ ކޮވިޑް-19 ފަދަ ބަލިމަޑުކަމެއްގެ ހާލަތުވެސް މަޖިލީހުގެ މެންބަރުން ކުރައްވަމުން ގެންދަވަނީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން އެކަން ބަލައިގަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީސް ކުރާ ގޭގެ ތަޅުމަށް މެންބަރުން އެއްވެގެން މަޖިލީހުގެ ޖަލްސާތައް ނުބޭއްވޭނަމަ ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކުގެ މަސައްކަތް ކުރުމަށް ދަތިތަކާއި ކުރިމަތިވެގެން ދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރޯގާއާއެކު ނިއު ނޯމަލްގެ ހަމަތަކުގައި އުޅެން ޖެހިފައިވާއިރު ރައްޔިތުންނަށް މިސާލު ދައްކަވަން ތިއްބެވި އެންމެ މުހިއްމު އެއް ބަޔަކީ މަޖިލީހުގެ މެންބަރުން ކަމަށެވެ.
ރާއްޖެ އަލުން އަނބުރާ ހުޅުވިގެން މި ރޯގާއާ އެކު އުޅެން ޖެހޭނެކަން އެނގޭ ކަމަށާއި ރައްޔިތުންނަށް އެ މިސާލު ދައްކަން މަޖިލީހުގެ މެންބަރުންނަށް ވުރެ ވަކި މުހިއްމު ބައެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ ވަކީލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރު މާލެ ސަރަހައްދަށް އިއުލާން ކޮށްފައިވާ ލޮކްޑައުން މިމަހުގެ 28 ވަނަ ދުވަހު ހަމަވާއިރު ލޮކްޑައުން އިތުރު ކުރުމާ ގުޅޭ ގޮތުން އަދި ގޮތެއް ނިންމާފައި ނުވިޔަސް އެ މުއްދަތު ހަމަވުމުން ލުއިތަކެއް ދޭން އަންނަނީ ވިސްނަމުންނެވެ.

