ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަންދުކޮށްފައިވާ މާލޭގެ މިސްކިތްތައް ހުޅުވާލުމަށް ގޮވާލާ، މީޑިޔާގައި އާއްމުންޝުއޫރު ފާޅުކުރަން ފަށައިފިއެވެ.
އިއްޔެއިން ފެށިގެން މިއަދުގެ މިހާތަނަށް ސޯޝަލް މީޑިއާގައި އެންމެ ފޯރިގަދަ އެއް ވާހަކައަކަށް އޮތީ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބޭއްވުމާއި ގުޅޭގޮތުންނެވެ. ގާނޫނު އަސާސީ އިސްލާހު ކުރުމާއި، ކައުންސިލްތަކުގެ ދައުރު ދެންމުމާއި ބެހޭ ބިލުގެ ބަހުސް ކޮންމެހެން ވެސް ބާއްވަން ޖެހެނީ މަޖިލީހުގެ ތަޅުމުގައިކަމަށް ގަބޫލު ކުރެވި، ރައީސް ނަޝީދު ވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކެތް ނުކުރެވޭނެ ކަމަށް ވިދާޅުވެ ޑިރެކްޓާރ ޖެނެރަލްއަށް އެ ވާހަކަ ދަންނަވާފައެވެ.
ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެން، މުޅި ގައުމު އަދި ވަކިން ހާއްސަކޮށް މާލެ ސިޓީ ހުއްޓުމަކަށް އައިސްފައިވާއިރު ސަރުކާރުގެ އޮފީސްތަކާއި، ކެފޭ ހޮޓާ ރެސްޓޯރެންޓުތައް އަދި ސްކޫލުތައް ވަނީ ބަންދުކޮށްފައެވެ. އޭގެ އިތުރުން ޖަމާއަތުގައި މިސްކިތްތަކުގައި ނަމާދު ކުރުން ހުއްޓާލިއެވެ.
ކޮވިޑާއި ގުޅިގެން މާ ބޮޑު އޮއްޓަރެއް ނެތް ނަމަވެސް، ޖަލްސާތައް ކުރިޔަށް ގެންދިޔައީ ވެބްކޮންފަރެންސް މެދުވެރިކޮށެވެ. ކުއްލިގޮތަކަށް މަޖިލީހުގެ އިދާރާއިން ބަޔާނެއް ނެރެ، ޖަލްސާއެއް ތަޅުމުގައި ބާއްވަން އުޅޭކަމަށް މީޑިއާތަކަށް އެންގިއެވެ. ޖަލްސާއަށް ދިއުމަށް އެތައް މެމްބަރެއް ދެކޮޅު ހެދިއިރު، ޖަލްސާ ފެށިއިރު 41 މެމްބަރުން ހާޒިރުވެތިބިއެވެ. އުސޫލުގައި ބުނީ 42 މެމްބަރުން ތަޅުމަށް ވަންނަ ވާހަކައެކެވެ. އެހެންކަމުން ބާކީ ތިއްބެވި މެމްބަރުން ޖަލްސާ ކުރާ ތަޅުމުގެ އެންމެ ފަހަތުގައި ގޮނޑިއެއްގައި ބޭތިއްބިއެވެ.
އެންއީއޯސީ އަދި އެޗްޕީއޭގެ ހުއްދަ ނެތި އެންމެ ފުރަތަމަ ޖަލްސާތައް ބޭއްވުމަށް މަސައްކަތް ކުރުމަށްފަހު އެންމެ ފަހުން ޖެހުނީ ހުއްދަތައް ދޫކުރާށެވެ. މި މައްސަލައިގައި މިހާރު އެންމެ ބޮޑަށް ސޯޝަލް މީޑިއާގައި ގަދަވެފައިވާ އަޑަކީ މިސްކިތްތައް ހުޅުވާލުމަށް ގޮވާލާ ގޮވާލުންތަކެވެ.
މަޖިލީހުގެ ޖަލްސާތަކަށް ދިއުމަށް ވަކި އުސޫލުތަކެއްގެ ދަށުން ހުއްދަ ދެވޭނަމަ، މިސްކިތްތަކަށް ވެސް ދެވެން ޖެހޭނެ ކަމަށް ގިނަ މީހުން ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މި އަމަލުންވެސް އެނގިގެންދަނީ އެޗްޕީއޭއަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާނެ ބައެއް ކަމަށެވެ. ޖަމީލް ވިދާޅުވީ މަޖިލީހަކުން ކުރާ މަސައްކަތަކަށް ވުރެ، މިސްކިތަށް ގޮސް ނަމާދު ކުރުން މާ މުހިންމު ކަމަށެވެ. އެހެން ކަމުން މިސްކިތްތައް ހުޅުވާލުމަށް އޭނާ ގޮވާލިއެވެ.
މިކަމުގެ ޝުއޫރުތައް އާއްމުން ވެސް ދަނީ ހިއްސާ ކުރަމުންނެވެ. ބައެއް ފަރާތަކުން ވަނީ ނިއު ނޯމަލްއަކަށް ތައްޔާރުވެ، ލޮކްޑައުން އުވާލުމަށް މަސައްކަތް ކުރާނަމަ، މިސްކިތްތައް ވެސް ހުޅުވާނުލެވެން ވީ ސަބަބެއް ނެތް ކަމަށް ބުނެފައެވެ.

