ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ މަޝްރޫއު ހާމަކަން ބޮޑުކޮށް ހިންގުން ހިމެނޭހެން 8 ކަމަކަށް ޖަމްޢިއްޔަތުއްސަލަފުން އިލްތިމާސްކޮށްފި

ޖަމްޢިއްޔަތުއްސަލަފްގެ އިސް ބޭފުޅުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ މަޝްރޫއު ފަދަ މަޝްރޫއުތައް އެކަށައެޅުމުގައި ކަށަވަރުކުރަންޖެހޭ މައިގަނޑު 8 ކަމަކަށް ރިއާޔަތްކުރުމަށް ޖަމްޢިއްޔަތުއްސަލަފުން ސަރުކާރަށް އިލްތިމާސްކޮށްފިއެވެ.

ޖަމްޢިއްޔަތުއްސަލަފުން ނެރެފައިވާ އިލްތިމާސްގައި، ރަސްމާލެ މަޝްރޫއު އާއި އަދި އެފަދަ ބޭރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެއާގުޅޭ ގާނޫނީ އޮނިގަނޑާއި އެއްބަސްވުންތައް އެކަށައެޅުމުގައި ކަށަވަރުކުރަންޖެހޭކަމަށް 8 ކަމެއް ވަނީ ބަޔާންކޮށް ފާހަގަކުރައްވާފައިވެއެވެ.

އެ ޖަމްޢިއްޔާއިން ބުނެފައިވަނީ، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއެކު ބައްދަލުވުންތައް ބާއްވައިގެންނާއި، އަދި އެހެނިހެން ގޮތްގޮތުން ހޯދި މައުލޫމާތުތަކުން އެނގުނު ގޮތުގައި، އެ މަޝްރޫއަކީ ރަސްމާލޭގެ 500 ހެކްޓަރުގެ ބިން، ދިވެހި ދައުލަތުގެ މިލްކުވެރިކަން ދެމިއޮންނަ ގޮތަށް، ރިއަލް އެސްޓޭޓް އުސޫލުން ތަރައްގީކޮށް އިންވެސްޓްކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރުގެ މުއްދަތަށް ދޫކުރުމަށް ރޭވިފައިވާ މަޝްރޫއެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ޖަމްޢިއްޔާގެ ތަރުޖަމާނު ޝައިހް ހަސަން ފިކުރީ އެކްސްގައި ވިދާޅުވީ، މި މަހުގެ 25 ވަނަ ދުވަހު އެ ޖަމްޢިއްޔާގެ ހުށަހެޅުންތައް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހެޅުމުން، އެކަންކަމަށް ރިއާއަތްކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާފައިވާ ކަމަށެވެ.

ޖަމްޢިއްޔަތުއްސަލަފުން ކޮށްފައިވާ އިލްތިމާސްގައި ފާހަގަކޮށްފައިވާ 8 ނުކުތާގެ ތެރޭގައި، އިސްލާމީ ޝަހްސިއްޔަތާއި ގައުމީ ސިޔާދަތު ހިމާޔަތްކުރުމާއި، ދައުލަތުގެ ސިޔާދަތާއި އިސްތިރާޖީ މިނިވަންކަން ހިމާޔަތްކުރުމާއި، އާބާދީގެ އޮނިގަނޑަށް އަންނާނެ ބަދަލުތަކާއި ސަލާމަތީ ނުރައްކާތައް ދިރާސާކުރުމާއި ދިވެހި ރައްޔިތުންނަށް އެންމެ މަތީ މަންފާ ލިބޭނެ އިގްތިސާދީ ތަރައްގީއަކަށް އަމާޒުހިފުމާއި ދެފުށް ފެންނަ، ހާމަކަން ބޮޑު ސިޔާސަތެއް ގާއިމުކުރުމާއި ހުޅުވާލެވިފައިވާ އިގްތިސާދަކާއި ގައުމީ އަސާސްތަކުގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމާއި ދާއިމީ މޮނިޓަރިންގ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން އިޖްތިމާއީ އަސަރުތައް ވަޒަންކުރުން ހިމެނެއެވެ.

ސަރުކާރަށް ކޮށްފައިވާ އިލްތިމާސްގައި، ދިވެހިރާއްޖޭގައި ހިންގާ އިންވެސްޓްމަންޓްތަކުގައި ގައުމުގެ އިސްލާމީ ވަންތަކަމާއި، ގައުމީ ސިޔާދަތު ހިމާޔަތްކުރުމަށާއި، ދިވެހިރާއްޖޭގައި ހިންގޭ އެފަދަ މަޝްރޫއުކުން، ފަލަސްތީނުގެ މުގައްދަސް ބިންތައް ފޭރިގަނެ، ޒަޔަނިސްޓް އިސްތިއުމާރެއްގެ ދަށުން ގާއިމުކޮށްފައިވާ “އިސްރާއީލު”ގެ ރައްޔިތަކަށް ފުރުސަތު ނުދިނުމަށް ވަނީ ގޮވާލާފައެވެ. އަދި އެއްބަސްވުންތައް ދެފުށް ފެންނަ ގޮތެއްގައި ހާމަކޮށް، ރައްޔިތުންގެ މަޝްވަރާއާއެކު، އިސްލާމީ އަދި އިޖުތިމާއީ މިންގަނޑުތަކަށް ފުރިހަމައަށް ބޯލަނބާކަން މޮނިޓަރކޮށް، ގައުމީ މަސްލަހަތު އެންމެ އިސްކޮށް ރައްކާތެރި ކުރެވޭނެހެން މަޝްރޫއުގެ އެއްބަސްވުންތަކާއި ގާނޫނީ އޮނިގަނޑު ފަރުމާކުރުމަށް ދިވެހި ސަރުކާރަށް ޖަމްޢިިއްޔަތުއްސަލަފުން އިލްތިމާސްކޮށްފައިވެއެވެ.

އެ މަޝްރޫއުގެ ސަބަބުން ބޭރުގެ ގިނަ އަދަދެއްގެ މީހުން ރާއްޖޭގައި ވަޒަންވެރިވުމުގެ ސަބަބުން މުސްތަގުބަލުގައި ދީނީ މިނިވަންކަމަށް ވަކާލާތުކުރުމުގެ ފުރުސަތު ފަހިވާނެތީ ގައުމީ އިސްލާމީ ޝަހްސިއްޔަތާއި ސިޔާދަތާއި މިނިވަންކަމާއި ސައްތައިން ސައްތަ ދިވެހި ދައުލަތެއްގެ ގޮތުގައި އޮތުމުގެ ދުސްތޫރީ ނިޒާމަށް އަސަރުނުކުރާނެ ގޮތަށް އެއްބަސްވުމާއި ގާނޫނީ އޮނިގަނޑު އެކުލަވާލަން ގޮވާލާފައިވެއެވެ. އަދި އެފަދަ ކަމަކާ ހިލާފު އަމަލެއް ހިންގައިފިނަމަ ބަދަލަކާ ނުލައި އެ ތަނެއް އަތުލެވޭނެ އުސޫލުތަކެއް ކަނޑައެޅުމަށް އެދިފައިވެއެވެ.

އޭގެ އިތުރުން، ޣައިރު މުސްލިމުން އަޅުކަންކުރާ ތަންތަން ބިނާކުރުމާއި، އެހެން ދީންތަކުގެ ޝިއާރުތައް ފާޅުކުރުމާއި އެހެން ދީންތައް އުނގަންނައިދިނުމަކީ ކަނޑައެޅިގެން މަނާ ކަންކަން ކަމުގައި ކަނޑައެޅުމަށް ވެސް ގޮވާލާފައިވެއެވެ. އަދި އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ސީދާކޮށް ވެސް ނުސީދާކޮށް ވެސް އެ މަޝްރޫއުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެކަން ކަށަވަރުކުރުމަށް ވެސް ގޮވާލާފައިވެއެވެ.

އޭގެ އިތުރުން، އާބާދީގެ އޮނިގަނޑަށް އަންނާނެ ބަދަލުތަކުން ރައްކާތެރިވުމަށް ވަކި ގައުމެއްގެ ބަޔަކަށް ބިން ދޫކުރެވޭނެ ކޯޓާއެއް ކަނޑައެޅުމަށް ވެސް އެދިފައިވެއެވެ. އަދި މަޝްރޫއުގެ މަންފާ ދިވެހި ވިޔަފާރިތަކަށާއި ރައްޔިތުންނަށް ލިބޭނެ ގޮތަކަށް މަޝްރޫއު ބައްޓަންކުރަން އެދިފައިވެއެވެ.

މިފަދަ އެއްބަސްވުންތަކަކީ ދިވެހި ރައްޔިތުން އޭގައި މެހިގެންދާ ރާއްޖޭގެ މުސްތަގްބަލާ ސީދާ ގުޅިފައިވާ މަޝްރޫއުތަކަކަށް ވާތީ ސިޔާސީ ޕާޓީތަކާއި ޖަމްޢިއްޔާތަކާއި، ވަކިވަކި އަފްރާދުން ފާޅުކުރާ ހިޔާލުތަކާއި މަޝްވަރާ ވީހާވެސް ފުޅާ ދާއިރާއެއްގައި ހޯދުމަށް ވެސް އެދިފައިވެއެވެ.

އެ ޖަމްޢިއްޔާގެ އިލްތިމާސްގައި ވަނީ، އިގްތިސާދީ މަންފާއަކީ މުޖްތަމައުގެ އަސާސްތަކާއި މަސްލަހަތު ގުރުބާންކޮށްގެން ހޯދާ އެއްޗަކަށް ވެގެންނުވާނެ ކަމަށާއި، ބޭނުންވަނީ ޒިންމާދާރުކަމާއެކު ހުޅުވާލެވިފައިވާ، ބޭރުގެ ތަޖުރިބާ އާއި ރައުސްމާލުގެ ފައިދާ ލިބޭ ގައުމުގެ އިސްތިގްލާލު ދިވެހީންގެ ބާރުގެ ދަށުގައި އޮންނާނެކަން ކަށަވަރުވާ ހަރުދަނާ ތަރައްގީގެ ތަސައްވުރެއް ކަމަށެވެ.

ހާއްސަ އިގްތިސާދީ ސަރަހައްދުތަކުގައި ހިންގޭ މިފަދަ މަޝްރޫއުތަކުގައި ހިންގޭ އެންމެހާ ހަރަކާތްތަކަކީ އިސްލާމީ އުސޫލުތަކާ ހިލާފުނުވާނެ ކަންކަން ކަން ކަށަވަރުކުރަން ހާއްސަ މޮނިޓަރިންގެ ނިޒާމެއް ގާއިމްކުރުމަށް ވެސް އެ ޖަމްޢިިއްޔާއިން ގޮވާލާފައިވެއެވެ. އަދި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރުތަކާއި، ދީނީ، އިޖްތިމާއީ، އަދި ސަގާފީ އޮނިގަނޑަށް އަންނާނެ ބަދަލުތައް ވަޒަންކުރުމަށް ވެސް ގޮވާލާފައިވެއެވެ.

ޖަމްޢިިއްޔަތުއްސަލަފުން ފާހަގަކުރައްވާފައިވާ ގޮތުގައި ރަސްމާލޭގެ މަޝްރޫއުގެ ހަގީގީ ތަސައްވުރު ޔަގީންވެގެންދާނީ މަޝްރޫއުގެ އެއްބަަސްވުން އެކުލަވާލެވި، ކަމާބެހޭ ގާނޫނު ވުޖޫދުވުމުންނެވެ.

ޖަމްޢިއްޔަތުއްސަލަފުން މި އިލްތިމާސް އާންމުކޮށްފައި މިވަނީ، ސަރުކާރުން އިއުލާންކޮށްފައިވާ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އާންމުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ފާޅުކުރަމުންދަނިކޮށް، މިދިޔަ ސެޕްޓެމްބަރ މަހުގެ 28ވަނަ ދުވަހު، އެ ޖަމްޢިއްޔާއިން އެ މަޝްރޫއުއާ ގުޅޭގޮތުން ދިރާސާ ކުރަމުންދާކަން އިއުލާންކުރިތާ އެއް މަސް ފަހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: