ރަސްމާލޭގައި އީގަލް ހިލްސް އިން ތަރައްގީކުރާ ”މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ“ މަޝްރޫއުއާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ގޮވައިލައި އަންނަ މަހު އެއްވުމެއް ބާއްވާނެކަން ”ދިވެހީންގެ ބިން ދިވެހީންނަށް“ ހަރަކާތުން ހާމަކޮށްފިއެވެ.
އެ ހަރަކާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިމަތިކުރުވަން އުޅޭ ގޮންޖެހުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ ދޭތެރޭ ބޮޑެތި ސުވާލުތަކެއް ހުރި މައްސަލައެއް ކަމަށެވެ. އިމްރާން ވިދާޅުވީ ތަފާތު ނަސްލުތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިކުރުވަން ވާނީ އާންމުންގެ ހިޔާލު ހޯދުމަށްފަހު ކަމަށެވެ.
އެހެންކަމުން އިމްރާން ވަނީ ރަސްމާލެ މަޝްރޫއު އާންމުންގެ ހިޔާލު ހޯދުމަށްފަހު ހިންގުމަށް ސަރުކާރަށް ގޮވައިލައްވައިފައެވެ.
މި ހަރަކާތް ތަރުތީބުން ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތް ފަށައިފައިވާ ކަމަށް ވިދާޅުވެ، އިމްރާން ވިދާޅުވީ، އެގޮތުން ހިޔާލު ހޯދުމުގެ ވޯޓެއް ބޭއްވުމަށް ގޮވާލައި މި ފެށޭ ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަސް ކަމަށްވާ ހުކުރު ދުވަހު ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
މި ޕްރެސްގައި ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވީ ރަސްމާލެ ރައްޔިތުންގެ ފައިސާއިން ހިއްކީމާ ރަސްމާލޭގެ މިލްކުވެރިންނަކީ ދިވެހީން ކަމަށާއި، އެހެންކަމުން ދިވެހީންގެ ހިޔާލެއް ނުހޯދައި ބޭރުގެ ފަރާތަކަށް އެ ބިން ދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.
”އެހެންވީމާ ދިވެހި ރައްޔިތުންގެ ބިން ދިވެހި ރައްޔިތުންގެ ގާތު ނާހައި ވިއްކައިގެން ނުވާނެ، އެއީ އަޅުގަނޑުމެން ދައްކާ ވާހަކަ، އެކަމަށް އަޅުގަނޑުމެން ޑިމާންޑުކުރަނީ، ތިޔަ އެގްރީމެންޓުގައި ސޮއިކުރުމުގެ ކަންތައް އިހަށް މަޑުޖައްސައިލައިފައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހާށޭ އިނގޭތޯ“
އަލީ ވިދާޅުވީ ރައީސް ކަންކުރައްވާ ގޮތުގެ ސަބަބުން އިތުރު ދައުރަކަށް އާންމުން ރައީސް ދެން އިންތިޚާބު ނުކުރާނެ ކަމަށެވެ. ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ބަދަލު ގެންނަ ނަމަ އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

