ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީ ޚިޔާނާތާއި ގުޅިގެން މެމްބަރުން ފެރޭމްކުރަން އެމްޑީޕީން މަސައްކަތްކުރޭ: މަވޯޓާ ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހިންގި އެންމެ ބޮޑު ޚިޔާނާތްކަމުގައިވާ އެމްއެމްޕީއާރުސީގެ މައްސަލައިގައި “މަޖިލިސް މެމްބަރުންތަކެއް ފްރޭމް ކުރުމަށް” އެމްޑީޕީން މަސައްކަތް ކުރަމުންދާ ކަމަށް މަރަދޫ ދާއިރާ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރައްވާ މެމްބަރު ޝަރީފް މިހެން ވިދާޅުވީ އަމްގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި ދެން ކުރިއަށް ދާނެ ގޮތެއް ކަނޑައެޅުމަށް ބޭއްވި ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ ބަޔަކު ރާވައިގެން، އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގައި ވަކި ބަޔަކު ފްރޭމް ކުރުމަށް މަޖިލިސް ތެރެއިން ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޝަރީފް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ތަހުގީގު އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް ނުނިމި، ދިގުލައިގެން ދިޔުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި ޝަރީފް ވިދާޅުވީ އެމަސައްކަތްކުރަނީ ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއިވެސް ގުޅިގެން ކަމަށެވެ.

”އަޅުގަނޑަށް އެބަ މައުލޫމާތު އެބަލިބޭ ވަކި ބަޔަކު ފްރޭމް ކުރުމަށް އަދީބުއާ ގުޅިގެންނާ އެ މަސައްކަތް އަޅުގަނޑުމެންގެ ޕާޓީތެރެއިންވެސް ކުރާ ބަޔަކު އެބަ އުޅޭ. މިއީ ވަރަށް ދެރަ ކަމެއް“ މަވޯޓާ ޝަރީފް

ޝަރީފް އިތުރަށް ވިދާޅުވީ ބަޔަކު ފްރޭމް ކުރަން އުޅޭކަމުގެ މައުލޫމާތު ލިބިތިބި މީހުން ސީދާ އޭނާއަށް ފޯނުކޮށް އެ މައުލޫމާތު އޭނާއަށް ދެއްވާފައިވާ ކަމަށެވެ. އަދި މައްސަލަ ނުނިމި އެކި މީހުންނަށް ތުހުމަތު ކުރެވުމަކީ އެދޭ ކަމެއް ނޫން ކަމަށް ޝަރީފު ވިދާޅުވި އެވެ.

ކޮމިޓީ ބައްދަލުވުން ކުރިއަށް ދަނިކޮށް ޝަރީފް ވަނީ އޭނާއަކީ އެމްއެމްޕީއާރުސީގެ ފައިސާ ނެގި މީހެއް ނޫން ކަމަށާއި ކޮމިޓީގައި ކުރިއަށްދާ މައްސަލައިން އޭނާ ތަނާޒުލްވާން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފައެވެ. ޝަރީފް އެހެން ވިދާޅުވީ ހުޅުދޫ ދާއިރާ މެމްބަރު އިލްޔާސް ލަބީބަށް ރައްދު ދެއްވަމުންނެވެ. ނަމަވެސް އެ ރައްދު ދެއްވި ސަބަބެއް ސާފެއްނުވެއެވެ. ހަމައެކަނި ސާފުވީ ޝަރީފް އެހެން ވިދާޅުވީ އިލްޔާސް ލަބީބް ކޮންމެވެސް އެއްޗެއް ވިދާޅުވެފައި އޮތުމުން ކަމެވެ.

”އިލްޔާސް ލަބީބަށް އަޅުގަނޑު ދަންނަވާލާނަން، އަޅުގަނޑަކީ ތަނާޒުލްވާން ޖެހޭ މީހެއް ނޫން. އަޅުގަނޑު ނޯންނާނެ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވެފައެއް. އެހެންވީމަ އަޅުގަނޑާ ދިމާލަށް ވިދާޅުވި އެއްޗެއް ނަމަ އަޅުގަނޑު ތަނާޒުލް ނުވެ މިހުރީ“ މަވޯޓާ ޝަރީފް

ޝަރީފް ވިދާޅުވީ ފްރޭމް ކުރަން އުޅުމަކީ އަދި އެހާ ފަސޭހަ ކެމެއް ނޫންކަން އެމަސައްކަތް ކުރާ ބަޔަކަށް ދަންނަވާ ކަމަށެވެ. އަދި ފްރޭމް ކުރަން އުޅޭކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި ހިސާބުން ކޮމިޓީގެ މުޤައްރިރު ޝަރީފް ވާހަކަ ހުއްޓުވައެވެ. އެ ކޮމިޓީގެ މުޤައްރިރަކީ ކިނބިދޫ ދާއިރާ މެމްބަރު މުހައްމަދު ނާޝިޒެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތަހުގީގަށް ވީ ގޮތް ސާފުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުގެ ދެ ކޮމެޓީއަކަށް ފޮނުވިއެވެ.

އެކަމަކު ބޮޑު ހިޔާނާތާއި މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތަހުގީގުތައް އޮތް ހިސާބެއް ދެނެގަނެ އެ ކަން ބަލަން މައްސަލަ ފޮނުވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އާއި 241 ކޮމިޓީ ގުޅިގެން ޖޮއިންޓް ކޮމިޓީއެއް އެކުލަވާލަން ނިންމި އެވެ.

އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ޚިޔާނާތާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ދެ ކޮމިޝަނެއް އޮތީ އުފައްދަވައިފަ އެވެ. އެކަމަކު އެ ދެ ކޮމިޝަނުން އެއްވެސް މައްސަލައެއްގެ ތަހުގީގު މިހާތަނަށް ނިންމާފައެއް ނުވެ އެވެ

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: