މާބަނޑު ދެ މީހެއްގެ ބަނޑަށް ދަރިފުޅު މަރުވި ދެ މައްސަލައާއި، އޭޑީކޭގައި ނިޔާވި ތުއްތުކުއްޖާގެ މައްސަލަ ތަޙުޤީޤުކޮށްދެއްވުމަށް އެދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މާބަނޑު ދެ މީހެއްގެ ބަނޑަށް ދަރިފުޅު މަރުވި ދެ މައްސަލައިގެ ތެރެއިން އެއްމައްސަލައަކީ، މި ހިނގާ މެއި މަހުގެ 14 ވަނަ ދުވަހު ފެންމަތިވެފައިވާ މައްސަލައެކެވެ. މި ގޮތުން، ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ފާހަގަކުރެއްވި އެއް މައްސަލައަކީ، އއ.ތޮއްޑޫ މާބަނޑު އަންހެނަކު، އެ އަތޮޅު ރަސްދޫ ހޮސްޕިޓަލަށް ގެންދިއުމަށް ހުއްދައެއްނުލިބި ވަގުތުތަކެއް ފާއިތުވުމާއި، އެ މާބަނޑު މީހާއަށް ތޮއްޑޫގައި ވެސް ފަރުވާލިބޭނެ ގޮތެއް ނުވެ ބަނޑަށް ދަރިފުޅު ނިޔާވިކަމަށް ބުނާ މައްސަލައެވެ.
މީގެ އިތުރުން، ޝިޔާމް ހުށަހެޅުއްވި އަނެއް މައްސަލައަކީ، މި މަހުގެ 25 ވަނަދުވަހު ށ.ނަރުދޫ މާބަނޑުމީހަކު ވިހެއުމުގެ ވޭންވަރު އައިސް، ވިހަންދާނެ ހޮސްޕިޓަލެއް ހަމަނުޖެހި، އަދި އެ އަތޮޅު ފުނަދޫ ހޮސްޕިޓަލަށް އޭނާ ވިހެއުމަށް ގެންދިއުމުގެ ހުއްދައެއްނުލިބި، އެންމެފަހުން މިލަންދޫއިން ކުޅުދުއްފުށި ސިޓީ ހޮސްޕިޓަލާއި ހަމައަށް ގެންދެވުނުހިނދު، އެ މާބަނޑުމީހާގެ ބަނޑަށް ދަރިފުޅު ނިޔާވިކަމަށް ބުނާ މައްސަލައެވެ.
ޝިޔާމް ހުށަހެޅުއްވި ތިންވަނަ މައްސަލައަކީ، މި މަހުގެ 22 ވަނަ ދުވަހު ބަލިވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު 04 މަހުގެ ތުއްތުކުއްޖާ ނިޔާވެފައިވަނީ، ފަރުވާދިނުމުގައިވެފައިވާ އިހުމާލުގެ ސަބަބުންކަމަށް އެ ކުއްޖާގެ ޢާއިލާއިން ތުހުމަތުކޮށްފައިވާ މައްސަލައެވެ.
މި 03 މައްސަލަ ތަޙުޤީޤުކޮށްދިނުމަށްއެދި ޝިޔާމް ފޮނުއްވެވި ސިޓީގައި ވިދާޅުވީ، މި މަހުގެތެރޭގައި މާބަނޑު ދެ މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވި ދެ ހާދިސާއެއް ހިނގާފައިވާކަމަށެވެ. އަދި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުން ލަސްވުމުގެ ސަބަބުން 04 މަހުގެ ތުއްތުކުއްޖަކު ނިޔާވެފައިވާ ހާދިސާއެއް ވެސް ހިނގާފައިވާކަމަށް ޝިޔާމް ފާހަގަކުރައްވާފައިވެއެވެ.
މި ގޮތުން، މި 03 މައްސަލަ ތަޙުޤީޤުކޮށްދެއްވުމަށް އެދިވަޑައިގަންނަވާކަމުގައި ޝިޔާމްވަނީ ވިދާޅުވެފައެވެ.

