ސިއްހީ ޚިދުމަތްދިނުމުގެ ޤާނޫނުގެ ދަށުން، ސިވިލް ސަރވިސް ކޮމިޝަނުން ”ކޮމިޝަނަރ ޖެނެރަލް އޮފް އެޝުއަރެންސް“ގެ މަޤާމަށް ވޭތުވެދިޔަ 04 އަހަރު ދުވަހެއްގެތެރޭގައިވެސް މީހަކު ޢައްޔަނުކޮށްފައިނުވާތީ، އެ ކޮމިޝަނާއި، ހެލްތު މިނިސްޓްރީގެ އިހުމާލެއް އެކަމުގައި އޮތްކަމަށް ޤަބޫލުކުރައްވާކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވެފައިވަނީ ކޮމިޝަނަރ ޖެނެރަލް އޮފް އެޝުއަރެންސްގެ މަޤާމަށް މީހަކު ޢައްޔަނުކޮށްފައިނުވާ މައްސަލަ ދިރާސާކުރުމަށްޓަކައި ހުކުރުވިލޭރޭ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައެވެ.
މި ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ހުކުރުވިލޭރޭ ބޭއްވި ބައްދަލުވުމުގައި މި މައްސަލަ ހުށަހަޅުއްވަމުން އުޝާމް ވިދާޅުވީ، ސިއްހީ ޚިދުމަތްދިނުމުގެ ޤާނޫނުގެ 24 ވަނަ މާއްދާގައި ވާގޮތުން، ޚިދުމަތްދޭ ތަންތަންތަނުގެ ކޮލިޓީ އެޝުއަރެންސް ކުރުމަށާއި، އެ ތަންތަނުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކުރުމުގެގޮތުން، އެ ފަދަ ތަންތަނުގައި ހިނގާ އެކި ބާވަތްބާވަތުގެ މައްސަލަތައް ތަޙުޤީޤުކޮށް އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރަންސް މަޤާމެއް އުފައްދާ، އެ މަޤާމަށް މީހަކު ޢައްޔަންކުރަންވާނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ.
މީގެ އިތުރުން އުޝާމް ވިދާޅުވީ، ސިއްހީ ޚިދުމަތްދިނުމުގެ ޤާނޫނު ފާސްކުރީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގައިކަމަށާއި، އެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ އޭގެ އެއްއަހަރު ފަފަހުންކަމަށެވެ. ނަމަވެސް އޭގެ ފަހުން 04 އަހަރު ފާއިތުވެގެންދިޔައިރު ވެސް، ސިވިލް ސަރވިސް ކޮމިޝަނުން އެ މަޤާމަށް މީހަކު ޢައްޔަނުކޮށްފައިނުވާކަމަށާއި، ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސްގެ މަޤާމަށް މީހަކު ޢައްޔަނުކުރަންވާނީ ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުންކަމަށް، ޤާނޫނުގެ 24 ވަނަ މާއްދާގެ [ށ] ގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އުޝާމް ވިދާޅުވީ، މި ކަމުގައި ސިވިލް ސަރވިސް ކޮމިޝަނާއި، ހެލްތު މިނިސްޓްރީގެ އިހުމާލެއް އޮތްކަމަށް ވެސް ޤަބޫލުުރައްވާކަމަށެވެ.
”މި ޤާނޫނަކީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގަ ފާސްކުރެވުނު ޤާނޫނެއް. ސެޕްޓެމްބަރުމަހުގެ 7 ވަނަ ދުވަހުގަ ފާސްކުރެވުނު ޤާނޫނެއް. އަދި މި ޤާނޫނަށް އަމަލުކުރަން ފައްޓާފަވަނީ އެ ތާރީޚުން ފެށިގެން އެއްއަހަރު ފަހުން. 07 ސެޕްޓެމްބަރު 2016 ގަ. އޭގެ މާނައަކީ 7 ސެޕްޓެމްބަރު 2016 އިން ފެށިގެން މިއަދާއި ހަމައަށް މިދިޔަ ގާތްގަނޑަކަށް 4 އަހަރު ދުވަހުގެތެރޭގަ އެ މަޤާމަށް މީހަކު ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން މީހަކު އައްޔަނުކޮށްފައެއްނުވޭ. ޤާނޫނުގެ 24 ވަނަ މާއްދާގެ (ށ) ގަ މި ބުނަނީ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސްގެ މަޤާމަށް މީހަކު އައްޔަނުކުރަންވާނީ ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުންނޭ. އެހެންވީމަ އަޅުގަނޑު ޤަބޫލުކުރާގޮތުގަ މި މަޤާމަށް މީހަކު އައްޔަނު ނުކުރެވި އޮތުމުގަ އިހުމާލެއް އެބައޮތް. އަދި އޭގެ އިތުރުން ހެލްތު މިނިސްޓްރީގެ އިހުމާލެއް ވެސް މިކަމުގަ އެބައޮތްކަމަށް އަޅުގަނޑު ޤަބޫލުކުރަނީ..“ އުޝާމް
އުޝާމް ވިދާޅުވީ، ސިވިލް ސަރވިސް ކޮމިޝަނުން އިސްނަންގަވައިގެން މިކަން ނުކުރެވި އޮތް އޮތުމަކީ، ބަލަންޖެހޭކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، މިކަން ނުކުރެވި މި އޮތީ ކޮން ސަބަބަކާ ގުޅިގެންކަން ސާފުކުރަންޖެހޭކަމަށެވެ.
”ސިވިލް ސަރވިސް ކޮމިޝަނުން އިސްނަންގަވައިގެން މިކަން ނުކުރެވި މި އޮތް އޮތުމަކީ، އަޅުގަނޑުމެން ބަލަންޖެހޭކަމެއްކަމުގަ ދެކެނީ، އެހެންވީމަ މިކަން ނުކުރެވި މި އޮތީ ކޮން ސަބަބަކާ ގުޅިގެންކަން ސާފުކުރުންކަންނޭނގެ ފުރަތަމަވެސް ކުރަންޖެހޭނެކަމަކީ.“ އުޝާމް
މިގޮތުން އުޝާމް ވިދާޅުވީ މި ކަން ނުކުރެވިފައި އޮތް ސަބަބެއް ހޯދުމުގެގޮތުން ސިވިލް ސަރވިސް ކޮމިޝަނަށާއި، ހެލްތު މިނިސްޓްރީއަށް މި ކަން ސާފުކުރުމަށް ހުށަހަޅާކަމަށެވެ.
އުޝާމްގެ މި ހުށަހެޅުއްވުމަށް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންވަނީ، މި ކަން ނުކުރެވި އޮތް ސަބަބު ބެލުމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަނަށާއި ހެލްތު މިނިސްޓްރީއަށް ފޮނުވަން ފާސްކޮށްފައެވެ.

