ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ނޫން ގޮތަކަށް މިހާރުތިބި ކައުންސިލްތަކުގެ ދައުރު ނުދެެންމޭނެ ކަމަށް ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ލަފާ ދިނުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިރޭ ބާއްވަން ނިންމާފައިވާކަން މަޖިލީހުގެ އިދާރާއިން ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރ ހަސަން ޒިޔާއު މީޑިއާތަކަށް ފޮނުވި މެދެޖުގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ކަފާ ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ކަމަށާއި އެހެން ކަމުން މިރޭ 9:00 ގައި މަޖިލީޙުގެ ޖަލްސާ ބޭއްވުމަށް މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ނިންމަވާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ މި ލަފައަކީ ކައުންސިލްތަކުގެ އިންތިހާބު ނުބޭއްވި، ކައުންސިލަރުންގެ ދައުރު ހަމަވުމުން އަންނަ ގާނުނީ ހުސްކަން ފޫބައްދަން ގާނޫނު އަސާސީއަށް އިންތިގާލީ މާއްދާއެއް އިތުރުކޮށް ގާނޫނޫ އަސާސީ އިސްލާހުކުރަން ދިން ލަފައެކެވެ. މިއީ މިހާރު އޮތް ސުޕްރީމް ކޯޓުން މިފަދަ މައްސަލައެއްގައި ދިން ފުރަތަމަ ލަފަ އެވެ. ލަފާ ދީފަައި ވަނީ ފަސްފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ގާނޫނުއަސާސީ އިސްލާހުކޮށްގެން ނޫން ގޮތަކަށް މިހާރުތިބި ކައުންސިލްތަކުގެ ދައުރު ނުދެންމޭނެ ކަމަށާއި އަދި އުފެދިފައިވާ ގާނޫނީ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށް ސުޕްރީމް ކޯޓުން ލަފާ ދީފައިވާއިރު ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާއި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރުންގެ މެދުގައި ވަނީ ހިޔާލްތަފާތުވުން އުފެދިފައެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައެއް މެމްބަރުން ގަބޫލު ކުރައްވާ ގޮތުގައި މިހާރު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވާތީ ގާނޫނުއަސާސީއަށް އިސްލާހެއް ނުގެނެވޭނެއެވެ. ނަމަވެސް ބަންޑާރަނައިބާއި މަޖިލީޙުގެ ކައުންސެލް ޖެނެރަލް ފާތުމަތު ފިލްޒާ ވެސް ވިދާޅުވެފައި ވަނީ އަދި ގާނޫނީ ލަފާ ދެއްވާފައި ވަނީ މިހާލަތުގައި ގާނޫނުއަސާސީއަށް އިސްލާހު ގެނެވޭނެ ކަމަށެވެ. އެގޮތުން ގާނޫނުއަސާސީއަސް އިސްލާހު ނުގެނެވޭނީ ރައީސުލްޖުމްހޫރީއްޔާ އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައިކަން ކައުސެން ޖެނަރަލްގެ އިތުރުން ބަންޑާރަނައިބް ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

