ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބު ބޭއްވެންދެން މިހާރުތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވުމާއި ގުޅިގެން ކައުންސިލްއިންތިހާބު ފަސްކޮށްފައި ވާތީ އައު ކައުންސިލްތައް އިންތިހާބު ކުރެވެންދެން މިހާރުތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ގާނޫނުއަސާސީއަށް ހުށަހެޅީ އިސްލާހުގެ ބިލް މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފިއެވެ.  

ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގެ ބިލް ދިރާސާ ކޮށްފައި ވަނީ މުޅީ މަޖިލީހުގެ ކޮމެޓީއިންނެވެ. އަދި ބިލް ދިރާސާ ކުރި މުޅި މަޖިލީހުގެ ކޮމެޓީން ބިލް ފާސްކޮށްފައި ވަނީ ކޮމެޓީ މަރުހަލާގައި ބިލަށް ގެނަވުނު އިސްލާހުތަކާއިއެކުގައެވެ. 

ކޮރޯނާ ވައިރަހާއި ގުޅިގެން ކައުންސިލް އިންތިހާބު ބޭއްވޭނެ ފަދަ މާހައުލެއް ނެތުމުން އިންތިހާބު ފަސްކޮށް މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ގާނޫނުއަސާސީއަށް ހުށަހެޅީ އިސްލާހުގެ ބިލްގެ މަސައްކަތް ސުޕްރީމް ކޯޓުން ދިން އިސްތިޝާރީ ލަފަތާއިއެކު މުޅި މަޖިލީޙުގެ ކޮމެޓީން ކުރިއަށް ގެންދިޔައިރު ވެސް މެމްބަރުންގެ މެދުގައި ހިޔާލްތަފާތުވުންތަކެއް ހުރިކަން ފާހަގަކޮށްލަން ޖެހެއެވެ. 

ގާނޫނުއަސާސީއަށް ބިލެއްދޫ ދާއިރާގެ މެމްބަރު ހަލީމް ހުށަހެޅުއްވި އިސްލާހަށް ކޮމެޓީ މަރުހަލާގައި ބޮޑު ބަދަލެއް ގެނެސް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ. އެގޮތުން އަލީ އާޒިމް ހުށަހެޅުއްވި އިސްލާހަކީ ގާނޫނުއަސާސީއަށް އިންތިގާލީ މާއްދާއެއް އިތުރ ކުރުމަށެވެ. 

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލަށް އަލީ އާޒިމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވާ ގޮތުގައި އައު ކައުންސިލްތައް އިންތިހާބު ކުރެވެންދެން މިހާރުތިބި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ދެމި އޮންނާނެއެވެ. އަދި އަލީ އާޒިމް ހުށަހެޅި ދެ ވަނަ އިސްލާހަކީ އައު ކައުންސިލްތައް އިންތިހާބު ކުރެވެންދެން މިހާރުތިބި ކައުންސިލްތައް ދެމި އޮތް ނަމަވެސް ކައުންސިލްތަކުން ކުރާނެ ކަންތައްތަކާއި މަސްއޫލީއްޔަތު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ވަގުތީ ގާނޫނަކުން ކަނޑައެޅުމަށެވެ. އެ ގާނޫނަކީ ހެންވޭރު ހުޅަނދު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވައު ކުރުމުގެ ހާއްސަ ބިލެވެ. އެ ބިލް މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ދިރާސާކޮށް ކޮމެޓީން ފާސްކުރުމަށް  ފަހު މަޖިލީހުގެ ތަޅުމަށް ވަނީ ފޮނުވާފައެވެ. 

ގާނޫނުއަސާސީއަށް އިސްލާހު ގެނެސް މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް އިންތިގާލީ މާއްދާއެއް އިތުރު ކުރުމަށް ކޮމެޓީން ފާސްކޮށްފައިވާއިރު ކޮމެޓީ މަރުހަލާގައި ވާހަކަފުޅު ދައްކެވި ގިނަ މެމްބަރުން ވިދާޅުވީ އިންތިގާލީ މާއްދާއެއް އިތުރުކޮށްގެން މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އެގޮތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެންއާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވީ މިވަގުތު ގާނޫނުއަސާސީއަށް ގެންނަ އިސްލާހު ވާން ހެގޭނީ ކުރިއަށް އޮތް ތަނުގައި މިހާރު ރާއްހެއަށް މި ދިމާވެފައިވާ ފަދަ ހާލަތެއް މެދުވެރި ވެއްޖެނަމަ އަމަލު ކުރާނެ ގޮތްތަކެއް ކަނޑައެޅުމުގެ އިސްލާހެއް ކަމަށެވެ. 

މޫސާ ސިރާޖް ވިދާޅުވީ މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ގާނޫނުއަސާސީއަށް އިސްލާހުގެ ގެނައުމުގެ ބަދަލުގައި އިސްލާހު ގެންނަން ޖެހޭނީ ކުއްލި ނުރަްކަލެއް ނުވަތަ ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި އިންތިހާބެއް އޮތް ނަމަ އެ އިންތިހާބެއް ފަސްކުރާ ހާލަތުގައި އެންމެ ފަހުން އިންތިހާބު ކޮށްފައި ތިބި މީހުން ދެމިތިބޭނެ ގޮތް ކަނޑައެޅުމަށް ކަމަށެވެ. އއެގޮތުން މޫސާ ސިރާޖް ވަނީ މުޅި މަޖިލީހުން ފާސްކުރި ކޮމެޓީ ރިޕޯޓަށް އެ އިސްލާހު ހުށަހަޅާފައެވެ. އަދި މޫސާ ސިރާޖް އިސްލާހަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވަނީ ތާއިދު ކުރައްވާފައެވެ. 

މިހާރުތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް މަޖިލީހުން ކުރިއަސް ގެންދާއިރު ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ނޫން ގޮތަކަސް އެކަން ނުކުރެވޭނެކަން ހާމަކޮށް ސުޕްރީމް ކޯޓުން ވަނީ މަޖިލީހުގެ އެދުމުގެ މަތިން މަޖިލީހަށް އިސްތިޝާރީ ލަފައެއް ވެސް ދެއްވާފައެވެ. އެގޮތުން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް މިހާރު މަޖިލީޙުން ކުރަމުން ގެންދަނީ ސުޕްރީމް ކޯޓުން ދިން އިސްތިޝާރީ ލަފަޔާއި އެއްގޮތްވާ ގޮތުގެ މަތިންކަން ފާހަގަ ކޮށްލަންޖެހެއެވެ. 

ރައްޔިތުންގެ މަޖިލީހަށް ސުޕްރީމް ކޯޓުން ލަފާ ދީފައި ވަނީ ވެސް ގާނޫނު އަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް ނުވަތަ ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގެ ކައުންސިލަރުން އިންތިހާބު ކުރުމުގެ އުސޫލުތައް ބަޔާން ކުރާ 231 ވަނަ މާއްދާގެ ފަހަތަށް އިންތިގާލީ މާއްދާއެއް ހިމަނައިގެން ގާނޫނު އަސާސީ އިސްލާހު ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: